ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވުމާއި ގުޅިގެން ރައީސް ސޯލިހު ވަނީ މަހުލޫފު މަގާމުން އެކަހެރި ކުރައްވާފައެވެ. އެއީ ޖޫން ނުވަވަނަ ދުވަހު އެވެ. މަހުލޫފް ސަސްޕެންޝަންގައި ހުންނަވާތާ މިއަދަށް ހަތަރު މަސް ދުވަސްވީއެވެ.
މަހުލޫފުގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފައިވަނީ ހަތަރު މަސް ދުވަސްވީއިރުވެސް އެ މައްސަލާގައި ދައުވާކޮށްފައިނުވާތީ ކަމަށް އެނގިފައިވެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްސަލަތައް ކޯޓަށް ފޮނުވާ ހިސާބުން އެ ބޭފުޅުން މަގާމުން ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ނިންމަވާފަ އެވެ. ނަމަވެސް މަހުލޫފު އަލުން އޮފީހަށް ނިކުންވަން އެންގެވީ މަހުލޫފުގެ މައްޗަށް ދައުވާ ކުރެވޭނެ މިންވަރަށް ހެކި ނެތުމުންނެވެ. މި މައްސަލާގައި ހެކި ހޯދުމާއި ދައުވާ ކުރެވޭތޯ ބެލުމަށް ޕީޖީ މަސައްކަތް ކުރައްވާތާ ހަތަރު މަސް ދުވަސްވީއިރު މައްސަލާގެ ތަހުގީގުގައި ހަދާފައިވާ އެތައް ގޯހެއް ވަނީ ހާމަވެފައެވެ.
އެ ގޮތުން ޗެއިން އޮފް ކަސްޓަޑީ އެއްނެތް ޗެޓްލޮގެއް ގެ އެނެލެސިސް ހެދި ކަމަށް ބުނާ ފޮރެންސިކު ކުންފުންޏެއްގެ ހެކިބަސް ހޯދަން އަމަލު ކުރި ގޮތާއި ސްރީލަންކާގެ ރައްޔިތެއްގެ ބަޔާން އެ ގައުމުގެ ގާނޫނުތަކާއި އަދި ރާއްޖޭގެ ގާނޫނުތަކާވެސް ހިލާފަށް ނެގުން ފަދަ ކަންކަން ހިމެނެއެވެ.
މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ފޮނުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އޭސީސީން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މަހްލޫފްގެ މައްސަލާގައި ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ހާމަކޮށްފަ އެވެ. އެގޮތުން ބުނެފައިވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަން އެނގޭ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް މަހުލޫފް ވަނީ ދޮގު ކުރައްވާފައެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި މީގެ ކުރިންވެސް މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރި އެވެ. އެއީ ފެބްރުއަރީ 14، 2019 ގައެވެ.
ނަމަވެސް އޭސީސީ އާއި ޕޮލިހުން އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކޮށް ދިނުމުން އޭޕްރީލް 16، 2019 ގައި މަހުލޫފްގެ ސަސްޕެންޝަން ނިމުމަކަށް ގެނެސް މަގާމުގެ މަސްއޫލިއްޔަތުތައް އަލުން ހަވާލު ކުރެއްވިއެވެ.