ޑރ. މުހައްމަދު ޖަމީލް އަހުމަދު

ވަޒީރުން ބަސްނާހައިފިނަމަ ގާނޫނުން ބިރުދައްކާނެ: ޖަމީލް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުން ބަސްނާހައިފިނަމަ ގާނޫނުން ބިރުދައްކާ ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ މިހާރު ވެފައިވަނީ ސަރުކާރަށް ބޮޑު އެސެޓަކަށް ކަމަށެވެ. އަދި ގާނޫނު ބޭނުންކޮށްގެން މެމްބަރުންނަށާއި ވަޒީރުންނަށް ބިރުދައްކާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ހިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން މެމްބަރުންނާއި ވަޒީރުން މޯގޭޖް ކުރެވިފައިވާ ކަމަށެވެ.

ޑރ. ޖަމީލް އިޝާރާތް ކުރައްވާފައި އެވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ކުރާ ތުހުމަތުތަކުގެ މައްޗަށެވެ.

"ބަސްނާހާ ކޮންމެ ފަހަރަކު ގާނޫނަށް ޑީފޯލްޓްވެ ދައުވާގެ ބިރު ބޯމަތިވޭ. ރައީސް ސޯލިހަށް ކަށަވަރުކޮށް ގެނެސްދެވުނީ ބަދަލުހިފުން އެކަނި، އެތެރެއިންވެސް ބޭރުންވެސް،" ​ޑރ. ޖަމީލް ވިދާޅުވެފައިވެ އެވެ.

ޑރ. ޖަމީލް ސަރުކާރަށް މިފަހަރު ފާޑުވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ މިނިސްޓަރު މަހުލޫފަށް ލިބިފައިވާ ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައި ވަނިކޮށެވެ. ނަމަވެސް އެމައްސަލާގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރުމުން ޕީޖީ އޮފީހުން މިހާރު ގެންދަނީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ހޯދަމުންނެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.