އަހުމަދު މަހްލޫފު

އައްސަދާއި ޝިއުނާގެ ނަޒާހަތްތރިކަން ގެއްލޭފަދަ ހެކި އެބަހުރި: މަހުލޫފު

Aug 14, 2021
4

އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ އާއި ހިޔާނާތްތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދުގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ހެކި އަތްޕުޅުގައި އެބަހުރި ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ކްލަބްހައުސްގައި ވާހަކަދައްކަވަމުން މަހުލޫފު ރޭ ވިދާޅުވީ އައްސަދާއި ޝިއުނާ އުޅުއްވަނީ ބޭރުފުށުން އިހްލާސްތެރި އަދި ނަޒާހަތްތެރި ބޭފުޅުން ކަމަށް ހެދިގެން ކަމަށެވެ. އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ ބައިވަރު ހެކި އަތްޕުޅުގައި ހުރި ކަމަށާއި އެ ބޭފުޅުންގެ "އިންޓެގްރިޓީ" ގެއްލޭނެފަދަ ޗެޓް ލޮގްތަކެއް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ ސިޔާސީ ބޭނުމަކަށް ބަޔަކު އަޑީގައި ތިބެގެން ކުރާ މަސައްކަތަށް އައްސަދާއި ޝިއުނާ ވެސް އެއްބާރުލުން ދެއްވަމުން އަންނަ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ ހިޔާނާތުގެ ތުހުމަތުގެ މައްސަލަ ޝަރީއަތާ ހަމައަށް ގެންގޮސްފިނަމަ "ދައުލަތް އޮރިޔާން" ވެގެން ދާނެ އެތައް ވާހަކައެއް ހާމަކުރައްވާނެ ކަމަށް މަހްލޫފްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ ކުރަން ވަކި ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހުދު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ވެސް އެމީހުންނަކީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެއީ އޭނާ މަގާމުން ވަކިކުރަން ބޭނުންވާ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ. ޖަލަށް ނުލެވޭނެ ކަމަށާއި ކުރެވޭނެހާ ވެސް ކަމަކީ މަގާމުން ވަކިކުރުން ކަމަށްވެސް ވިދާޅުވި އެވެ.

މަހުލޫފު އިތުރަށް ވިދާޅުވީ އޭނާ ޖަލަށް ލެވޭވަރުގެ ހެކި ނުހުންނާނެ ކަމަށެވެ. އޭސީސީން ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އޭސީސީން އެ މައްސަލަ ބެލުމުގައި އަމަލުކުރި ގޮތާ މެދު ސުވާލު އުފެދޭ ކަމަށެވެ. ޕީޖީ އޮފީހުގައި ތިބި ޕްރޮސެކިއުޓަރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނަމުން އަންނަ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާކުރަން ފޮނުވާފައިވާ މައްސަލާގައި އަވަހަށް ގޮތެއް ނިންމަވައި ދެއްވުމަށް ޕީޖީ އޮފީހުގައި މަހުލޫފް ވަނީ ދާދި ފަހުން އެދިވަޑައިގެންފަ އެވެ. މީގެ ކުރީންވެސް މަހުލޫފް ވަނީ މައްސަލައިގައި ގޮތެއް ނިންމެވުމުން ލަސްކުރަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރިން ވެސް މިނިސްޓަރު މަހްލޫފް ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.