އޭސީސީ

އެމްޓީސީސީގެ ކުރީގެ ސީއީއޯގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނަރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީން ބުނީ އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށްޓަކައި، 53 ބިދޭސީން ގެނައުމަށް‎‏ ޖޮބް އޯޑަރު ހަދައި އެ ކުންފުނީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ފޮނުވައި އެ މަސައްކަތް ހަވާލުކުރުމަށްފަހު އެ މަސައްކަތް ހަވާލުކުރިގޮތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަން ފެށުމާ ގުޅިގެން އެ އޯޑަރު ކެންސަލް ކުރުމަށްފަހު އަލުން އެ ޖޮބް އޯޑާގައިވާ 53 ބިދޭސީން ނެގުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ތަހުގީގުކޮށް ނިންމައި އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.

ޒިޔާތުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ އެމްޓީސީސީ އިން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރުމަށް ޖުލައި 20، 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވާ ކަމަށާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެދޭއިރު އެމްޓީސީސީ އިން އަމަލުކުރަންޖެހޭ އުސުލު އެ އެއްބަސްވުމުގައި ތަފްސީލްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެ ކުންފުނިން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބިދޭސީން ރެކްރޫޓްކުރުމަށް ހާއްސަ ޖޮބް އޯޑާއެއް ތައްޔާރުކޮށް އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އެމްޓީސީސީ އިން ފޮނުވާފައިވާ ކަމަށެވެ. އަދި އެ ޖޮބް އޯޑަ އަށް ހުއްދަ ދީފައިވަނީ ކުންފުނީގެ އޭރުގެ ސީއީއޯ އިބްރާހިމް ޒިޔާތު ކަމަށެވެ.

އެ ޖޮބް އޯޑާއަކީ 15 އެޖެންސީއަކާއެކު އެއްބަސްވުން ގާއިމު ކުރުމަށްފަހު އެމްޓީސީސީއިން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާ ގުޅިގެން އެ އޯޑާ ކެންސަލް ކޮށް ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރު ކަމަށްވެސް ބުންޏެވެ. އަދި އެއީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު އެމްޓީސީސީ އިން ވެފައިވާ އެއްބަސްވުމާ ހިލާފަށް އެސްކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބިދޭސީ މުވައްޒަފުން ގެނައުމަށް ހަދާފައިވާ ހާއްސަ އޯޑާއެއްކަން ފާހަގަކުރެވޭ ކަމަށާ އެ ދެ އެޖެންސީ ފިޔަވައި އެހެން ރެކްރޫޓްމަންޓް އެޖެންސީތަކަށް އެ ޖޮބް އޯޑާ ފޮނުވާފައިވެސް ނުވާ ކަމަށެވެ.

ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމްޓީސީސީއިން ފުރަތަމަ އޯޑާ އީމެއިލްކޮށްފައި ވީނަމަވެސް ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މައުލޫމާތުތަކަށް ބިނާކޮށް އެ ކުންފުނިން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ހިލާފަށް އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ސްޕެޝަލް ޖޮބް އޯޑާ ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް އޮގަސްޓު 30، 2017 ގައި އޭސީސީއިން އެމްޓީސީސީ އަށް އަންގާފައިވީ ނަމަވެސް އޭގެފަހުން ވެސް ސްޕެޝަލް ޖޮބް އޯޑަގެ ދަށުން ދެ ކުންފުންޏެއް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ.