އެމްއާރުއެމް

އެމްއާރްއެމްއަށް އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގޭނެ: އީސީ

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލަން ނިންމާފައިވާތީ އެމްއާރްއެމްގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން އެ ޕާޓީއަށް ހަމަކުރެވޭ ގޮތް ނުވުމުންނެވެ. މެމްބަރުން ހަމަކުރުމަށް ދެފަހަރެއްގެ މަތިން ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދު އެމްއާރްއެމްއަށް ހަމަކުރެވިފައެއް ނުވެ އެވެ.

އެމްއާރްއެމް އުވާލުމަށް ނިންމުމާ ގުޅިގެން އީސީން ވަނީ އެމްއާރްއެމްގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އިއްޔެގެ ވަގުތެއްގައި އެޕާޓީއަށް ސިޓީއަކުން އަންގާފަ އެވެ.

ނަމަވެސް އެމްއާރްއެމްގެ ރައީސްގެ ހައިސިއްޔަތުން އަހްމަދު ފާރިސް މައުމޫން އިއްޔެ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ފާޑު ވިދާޅުވެފަ އެވެ. ފާރިސް ވިދާޅުވި ގޮތުގައި އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ "ކޮރަޕްޓް" އަދި "ގާނޫނާ ހިލާފު" ނިންމުމެކެވެ.

އެމްއާރްއެމްގެ އިސްވެރިންގެ ތުހުމަތުތަކާ ގުޅިގެން އަވަސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބްރައީސް އިސްމާއީލް ހަބީބް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމުގައި ގާނޫނާ ހިލާފު ކަމެއް އޮތްނަމަ އެމްއާރްއެމްގެ ފަރާތުން މައްސަލަ ކޯޓަށް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ކޮމިޝަންގެ ނިންމުމުގައި ކޮރަޕޮޝަންގެ އަމަލެއް އޮތް ނަމަ ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން ހައްލު ހޯދުމަށްވެސް ހަބީބް ވަނީ އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ދެކޭގޮތުން މީހުން ހަމަނުވެގެން އުވާލުމަށް އިއުލާންކުރުމުން، އީސީ ކޮރަޕްޓްކަމަށް ތުހުމަތުކޮށް މީޑިއަށް ދިއުމަކީ ހުތުރުކަމެއް،" ހަބީބް ވިދާޅުވި އެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމް އުވާލުމަށް ނިންމިއިރު އެ ޕާޓީއަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީ އެކެވެ. އަދި ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް މަގާމުތަކުގައިވެސް އެމްއާރްއެމްގެ ބޭފުޅުން އެބަތިއްބެވި އެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ . އިބްރާހީމް ހަސަނާއި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން އަކީ އެމްއާރްއެމްގެ ސްލޮޓްތަކުގައި ވަޒީރުކަން ކުރައްވާ ބޭފުޅުންނެވެ.

ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ -- ޑީއާރްޕީ އަކީ ވެސް ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ރައީސް މައުމޫން އެ ޕާޓީ ދޫކޮށްލެއްވި ފަހުން 3،000 މެންބަރުން ހަމަކުރެވިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޑީއާރްޕީ ވެސް އުވާލާފަ އެވެ.