އެމްއާރުއެމް

އެމްއާރްއެމް އުވާލަން ނިންމީ ގާނޫނާ ހިލާފަށް: ހުކުމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ޒައީމުގެ މަގާމުގައި ހުންނެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އެމްއާރްއެމް އުވާލަން އީސީން މިދިޔަ އަހަރުގެ މޭ މަހު ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.

އެމްއާރްއެމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ގާޒީ މުހައްމަދު އީސާފުޅު އިއްޔެ ކުރެއްވި ހުކުމްގައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމަށް ފޮނުވާފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިހެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރުގެ ފެބްރުއަރީގައި އެމްއާރްއެމްއަށް ނޯޓިސް ދިންއިރު ޕާޓީގައި ތިބީ 2،981 މެންބަރުން ކަމަށް ބުނެފައިވެ އެވެ.

ޕްރޮސެސް ނުކުރެވޭ ފޯމުތަކެއް ހުރިކަން އެ ނޯޓިހުން އެނގެން ނެތްކަމަށް ހުކުމްގައިވެ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 50،000 ރުފިޔާ އިލެކްޝަންސް ކޮމިޝަނުން އެމްއާރްއެމްއަށް ހަތް ދުވަސް ތެރޭ ދައްކަން ވަނީ އަމުރުކޮށްފަ އެވެ.