މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ މިއަދު އެ ޕާޓީއަށް އެކަން އެންގުމާ ގުޅިގެން އެމްއާރުއެމްގެ ޒައީމު މައުމޫން އަބްދުލްގައްޔޫމާއި އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ ވަރުގަދަ ރައްދެއް ސަރުކާރަށް އަމާޒުވެއްޖެ އެވެ.
އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުމާ ގުޅިގެން ފާރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްއާރްއެމްގެ މެންބަރުން މި އުނދަގޫ ވަގުތު ތަހައްމަލު ކުރުމަށް ހަމަހިމޭންކަމާއެކު ތިއްބެވުމަށް،" އެދިވަޑައިގަންނަވާ ކަމަށެވެ. ކޮމިޝަންގެ ނިންމުމުން ދައްކައިދެނީ ކޮރަޕްޝަނާއި ގާނޫނީ ހަމަތައް ގައުމުގައި ނެތިގޮސް ބަލިމަޑުކަމަކަށް މިކަންވެފައިވާ މިންވަރު ކަމަށާއި މިފަދަ ކަންކަން އެއީ މިހާރު އާންމު އުސޫލަކަށް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަހަރެމެން މި ނިންމުމާ އަދި މިކަމުގައި ހިންގި ގާނޫނާއި ހިލާފް ކަންކަމާ ދެކޮޅަށް މަސައްކަތް ކުރާނަން. އަދި އިރާދަކުރެއްވިއްޔާ މިކަމުގައި ކާމިޔާބު ހޯދާނަން،" ފާރިސް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑު ހުރިހާ ސަޕޯޓަރުންނަށް އަދި ހެޔޮއެދޭ ފަރާތްތަކަށް ގޮވާލަން ފާޅުގައި ކޮރަޕްޝަނާއި ފަސާދައާއި ފައިސާގެ ސިޔާސީ ނުފޫޒާ ދެކޮޅަށް ތެދުވަން،" ފާރިސް ގޮވާލައްވަފައިވެ އެވެ.
މި ޓްވީޓަށް ރިޕްލައި ކުރައްވައި ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެސް ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.
"އަހަރެމެން މި ގާނޫނާއި ހިލާފް ކޮރަޕްޓް އަމަލާއި ދެކޮޅަށް މަސައްކަތް ކުރާނަން. އަދި އިރާދަ ކުރެއްވިއްޔާ މި ގާނޫނާއި ހިލާފް އަމަލާއި ދެކޮޅަށް ކާމިޔާބު ހޯދާނަން،" ކޮމިޝަންގެ ނިންމުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކު ކޯލިޝަން އެއްބަސްވުމެއް ހެދުމަށް ދީފައިވާ ދައުވަތަށް އެމްއާރްއެމް އިން އަދި ޖަވާބެއް ނުދީ އޮއްވަ އެވެ.