އެމްއާރުއެމް

ޖޫރިމަނާ ކުރީ ގާނޫނާ ހިލާފަށް: އެމްއާރްއެމް

2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަހަޅާފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ޖޫރިމަނާ ކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އެޕާޓީ އިން ބުނެފި އެވެ.

އެމްއާރްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ 20،000 ރުފިޔާ އިން އެޕާޓީ ޖޫރިމަނާ ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ދެކޭތީ އިލެކްޝަންސް ކޮމިޝަންގެ ނިންމުން މުރާޖައާ ކުރުމަށް އެދޭ ކަމަށެވެ.

އެމްއާރްއެމް އިން ބުނި ގޮތުގައި އެޕާޓި ރަޖިސްޓްރީ ކޮށްފައިވަނީ ނޮވެމްބަރު 20، 2019 ގައި ކަމަށްވަތީ އެ އަހަރުގެ 42 ދުވަހުގެ ހިސާބު 2020 ވަނަ އަހަރުގެ ހިސާބާ އެއްކޮށް ހުށަހެޅުމުގެ ހުއްދަ އަށް އިލެކްޝަންސް ކޮމިޝަންގައި އޭރު އެދިފައި އޮންނާނެ ކަމަށެވެ. އެހެން އެދިފައިވަނިކޮށް ކޮވިޑުގެ ހާލަތު އައިސް، އާންމު ނުރައްކަލުގެ ކުއްލި ހާލަތުގެ ގާނޫނު ގެޒެޓް ކުރުމުން، އެގާނޫނުގެ ދަށުން، ވަކި މުއްދަތެއްގެ ތެރޭގައި ކުރުން ލާޒިމު ކަންކަން ކޮމިޝަނުން ފަސްކޮށްދިން ކަމަށެވެ.

އެހެންކަމުން އަލުން މުއްދަތު ގުނަން ފަށާނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ތާރީހުން ފެށިގެންކަން ކަމަށްވެސް އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެމްއާރްއެމްއިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް، 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ އެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާރިޗު 13، 2022ގައި ނިމުމަކަށް ގެނައުމުގެ ކުރިން މާރިޗު 31، 2021ގައި އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާނެ ކަމުގައިވެސް އެމް އާރްއެމް އިން ބުންޏެވެ.

މީގެއިތުރުން 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުވެސް ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށްވެސް އެމްއާރްއެމް އިން ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓްތައް ފޮނުވާފައި ވަނިކޮށް، އެ ޕާޓީން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ ކަމަށް ބުނެ ޖޫރިމަނާ ކުރި ކަމަށް އަންގާ މިދިޔަ މަހުގެ 29 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އެޕާޓީއަށް ސިޓިއެއް ފޮނުވާފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ޓުވިޓާގައި މިމައުލޫމާތު ހާމަކުރައްވާފައިވަނީ ކަންކަން ބައްލަވަން ޖެހޭ މިންވަރަށް ނުބައްލަވާ ކަމަށްވެސް އެމްއާރްއެމް އިން ބުނެ އެވެ.

މާލީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ހަތް ސިޔާސީ ޕާޓިއެއް ޖޫރިމަނާކުރި އެެވެ. އެއީ އަދާލަތު ޕާޓީ އާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާއި ޕީއެންސީ އާއި އެމްއެސްއެލްޑީޕީގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ) އެވެ. އެއިން ކޮންމެ ޕާޓީއެއް ޖޫރިމަނާކޮށްފައިވަނީ 20،000 ރުފިޔާ އިންނެވެ.