އެމްއާރުއެމް

ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރްއެމް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް ނިންމައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީގެ ނަން އުނިކުރީ ގާނޫނާ ހިލާފަށް ކަމަށް އެމްއާރްއެމް އިން ބުނެފި އެވެ.

އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިން ފުރުސަތުގައި އެ ޕާޓީއަށް އެ އަދަދު ހަމަކުރެވިފައި ނުވާ ކަމަށް އީސީ އިން ބުނެ އެވެ.

އެހެންވެ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް 3،000 ހަމަކުރަން ދިން ފުރުސަތުގައި އެކަން ކުރެވިފައި ނުވާތީ އެމްއާރްއެމްގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރީ މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު އެވެ.

އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ސޮއިކުރައްވާ އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެމްއާރްއެމްއަށް 3،000 މެންބަރު ހަމަވިޔަ ނުދިނުމަށް އީސީގެ ކުރީގެ ދެ މެންބަރަކާއި މިހާރުވެސް ކޮމިޝަންގައި އިންނެވި މެންބަރަކު މަސައްކަތް ކުރައްވާފައިވާކަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ރިޕޯޓަކުންވެސް އެނގެން އޮތް ކަމަށެވެ.

އެ މައްސަލައިގައި އީސީގެ މެންބަރުންތަކެއް މަގާމުން ވަކިކޮށްފައިވާތީ އެމްއާރްއެމްއާ މެދު އީސީ އިން އަމަލުކޮށްފައިވާ ގޮތް އަލުން ތަހުގީގު ކުރުމަށް ފަހު ގާނޫނާ އެއްގޮތަށް އަމަލުކުރުމަށްވެސް ސިޓީގައި އެދިފައިވެ އެވެ.