އެމްއާރުއެމް

އެމްއާރްއެމްގެ ހަރަކާތްތައް އަލުން ފަށަން ގޮވާލައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކުރުމާއެކު އަލުން ސިޔާސީ ހަރަކާތްތައް ވަރުގަދައަށް ފެށުމަށް އެ ޕާޓީން ސަޕޯޓަރުންނަށް ގޮވާލައިފި އެވެ.

އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިމަހުގެ 24 ވަނަ ދުވަހު އެވެ. އަދި އެ ޕާޓީއަށް އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގޭނެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުމާއެކު އެމްއާރުއެމުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

އެ ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ.

ސިވިލް ކޯޓުން އެގޮތަށް އަމުރު ކުރުމުން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ވަނީ ޕާޓީގެ މަސައްކަތްތައް ކުރި އެކޭ އެއްގޮތަށް ކުރިޔަށް ގެންދިއުމަށް ހުރިހާ ގޮފިތަކާއި ކޮމިޓީތަކާއި އަދި މެންބަރުންނަށް އަންގާފަ އެވެ.

"އަޅުގަނޑުމެންގެ ޕާޓީން ކުރަމުންގެންދާ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ތަފާތު ފަރާތްތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާކަން މިފުރުސަތުގައިވެސް ފާހަގަކުރަން،" އެމްރާރުއެމުން ބުނެފައިވެ އެވެ.

އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.