މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ މެންބަރުންގެ އަދަދާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޮޅުވާލަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްއާރްއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދު ކަމަށް ބުނެ އަންގާރަ ދުވަހު އީސީއިން މައުލޫމާތު އާންމުކުރިއިރު އެ ޕާޓީގެ މެންބަރުންގެ އަދަދުން ގިނަ އަދަދެއްގެ މެންބަރުން އުނިކޮށްފައިވާ ކަމަށެވެ.
ދަފްތަރުގައިވާ އަދަދު ކަމަށް ބުނެ ޕާޓީގެ މެންބަރުންގެ ޖުމްލަ އަދަދު އީސީއިން އޮޅުވާލާފައިވާ ކަމަށާއި އީސީއިން ސައްހަނޫން މައުލޫމާތު ރައްޔިތުންނަށް ދިނުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އެމްއާރްއެމުން ބުނެ އެވެ.
އެމްއާރްއެމުން މިއަހަރުގެ މެއި މަހު ހުށަހެޅި 140 ފޯމް އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސް ނުކުރާކަން ފާހަގަކޮށް އެ ކޮމިޝަންގެ މި އަމަލުތައް އެމްއާރްއެމުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
އެމްއާރްއެމް އިން ބުނީ އެ ޕާޓީން ހުށަހަޅާ މެމްބާޝިޕް ފޯމުތައް ޕްރޮސެސްނުކޮށް ދެ މަހެއްހާ ދުވަސް ހޭދަކޮށްފައިވާ ކަމަށާއި އެ މުއްދަތުގައި ޕާޓީން ވަކިވުމަށް އެދޭކަމަށް ބުނާ މެންބަރުން އުނިކޮށް ޕާޓީގެ ދަފްތަރުން އުނިކުރުން ހަލުވިކަމާއެކު އީސީން ކުރިއަށް ގެންދާ ގެންދިޔުމުންވެސް އެ ކޮމިޝަނުން އަމަލުކުރަނީ ވަކި އެޖެންޑާއެއް އޮވެގެންކަމަށް ދެކޭ ކަމަށެވެ.
ޕާޓީން ވަކިވެފައިވާ ކަމަށް އީސީން ބުނާ މެންބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެންބަރުން ޕާޓީން ވަކިވުމަށް ހުށަނާޅާ ކަމަށް އީސީއަށް ސިޓީ ފޮނުވާފައިވާއިރުވެސް އެ މެންބަރުން ޕާޓީގެ ދަފްތަރަށް އަލުން ނުހިމަނައި އީސީން އަމަލުކުރަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލްކުރުމަށް ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފަ އެވެ.
އެމްއާރްއެމް އިން ބުނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ހޯދުމުގައި އެއްވެސް ނުފޫޒެއް އަދި މަންފާއެއް ލިބޭ ގޮތަށް މެންބަރުން ޕާޓީތަކާ ގުޅުމަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ. އެފަދައިން މެންބަރުން އިތުރުކުރުމަށް ޕާޓީން ކުރިންވެސް އަމަލުކޮށްފައިނުވާނެ ކަމަށާއި ދެންވެސް އެފަދަ ގޮތަކަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން އެމްއާރްއެމް އިން ވަނީ ދީފަ އެވެ.
މެންބަރުން ހަމަނުވެގެން ކަމަށް ބުނެ އެމްއާރްއެމް ކުއްލި ގޮތަކަށް އުވާލަން ނިންމާ މެއި 24ގައި އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން އެ ޕާޓީން ކޯޓަށް މައްސަލަ ހުށަހެޅި އެވެ. މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު، ޕާޓީ އުވާލުމަށް ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
އެ އަމުރު މުރާޖައާ ކުރުމަށް އީސީން ހުށަހެޅުމުން އެ އަމުރަށް ބަދަލު ގެންނާނެ ތަނެއްނެތް ކަމަށް ކޯޓުން ކަނޑައަޅާފައިވާއިރުވެސް އެމްއާރްއެމް އިން ދަފްތަރަށް މެންބަރުން އިތުރުކުރުމަށް ހުށަހަޅާ ފޯމުތައް އިލެކްޝަންސް ކޮމިޝަނުން ޕްރޮސެސްނުކޮށް ހިފެހެއްޓުމަކީ ކޯޓު އަމުރާ ހިލާފަށް ކަމަށް އެމްއާރްއެމް އިން ވަނީ ބުނެފަ އެވެ.
އެމްއާރްއެމް އިން ބުނީ މިފަދަ ކަންކަމުން އެނގެނީ އިލެކްޝަންސް ކޮމިޝަންގެ ނާގާބިލުކަމާއި ސިޔާސީ ޕާޓީތަކާއިމެދު ގެންގުޅޭ ތަފާތުކުރުން ކަމަށެވެ. އަދި މިނިވަން މުއައްސާސާއަކަށް ވީހިނދު މިނިވަންކަމާއި ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތް ނުކުރެވުންކަން އެއީ ގިނަ ރައްޔިތުންވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ގާނޫނާއި ގަވާއިދާއި ހިލާފަށް އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާތީ އެ ކޮމިޝަންގެ އިންސާފުވެރިކަމާމެދު އެމްއާރްއެމް އިން ވަނީ ސުވާލު އުފައްދާފަ އެވެ.
އެމްއާރްއެމް އިން ވަނީ އީސީން ޤާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ހުއްޓާލައި ޤާނޫނުގެ އިމުގެ ތެރެއަށް ރުޖޫއަވުމަށް ގޮވާލާފަ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ތަފާތުކުރުމެއް ނެތި ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުއައްސާއެއްގެ ގޮތުގައި އަމަލުތައް ބައްޓަންކުރުމަށްވެސް ގޮވާލާފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ކަންކަން އިސްލާހުކުރުމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް އެމްއާރްއެމް އިން ވަނީ ގޮވާލާފަ އެވެ.