އެމްއާރުއެމް

އެމްއާރްއެމް އުވާލުން މަޑުޖައްސާލުމަށް އަމުރުކޮށްފި

May 28, 2023
1

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 24 ވަނަ ދުވަހު ނިންމުމާ ގުޅިގެން އެމްއާރްއެމް އިން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފަ އެެވެ.

ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އެމްއާރްއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަށް އަމަލުކުރުން 30 ދުވަހަށް މަޑުޖައްސާލުމަށެވެ.

އެމްއާރްއެމް އުވާލަން ކޮމިޝަނުން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާތީ އެ އަދަދު ހަމަކުރުމަށް ދެ ފަހަރު ނޯޓިސް ދިނުމުންވެސް ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އަޕްޑޭޓްކޮށް އެންމެ ފަހުން މައުލޫމާތު ހިމަނާފައިވަނީ މިއަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ. އޭރު އެމްއާރްއެމްގައި ތިބީ 2،981 މެންބަރުންނެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނީ ނޮވެމްބަރު 20، 2019 ގައެވެ.

ރާއްޖޭގައި ދެވަނަ އުފެއްދި ސިޔާސީ ޕާޓީ -- ޑީއާރްޕީ އަކީ ވެސް ރައީސް މައުމޫން އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ރައީސް މައުމޫން އެ ޕާޓީ ދޫކޮށްލެއްވި ފަހުން 3،000 މެންބަރުން ހަމަކުރެވިފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޑީއާރްޕީ ވެސް އުވާލާފަ އެވެ.