ނުރަނގަޅު އުސޫލުތަކާއި އާދަތަކެއްގެ މައްޗަށް ބިނާވެފައި އޮތުމުން ރާއްޖޭގެ ސިޔާސީ ކަންކަން މިހާރު ވަނީ ބޮޑު ބާޒާރަކަށް ވެފައި ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް ފާރިޝް މައުމޫން ވިދާޅުވެއްޖެ އެވެ.
ފާރިޝް މައުމޫން މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުއާ މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އެމްއާރްއެމް އިން އެދިގެން ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ސިޔާސީ ކަންތައްތައް ހުރި ގޮތާއި މެދު ދެފަރާތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން ސިޔާސީ ކަންތައްތަކާއި، އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއި އަދި އެމްއާރްއެމްއާއި އެހެން ޕާޓީތަކާ މެދު ރައްޔިތުންނަށް އޮންނަން އިތުބާރު އިތުރު ކުރެވޭނެ މަގުތައް ހޯދުމެވެ.
"ސިޔާސީ ޕާޓީތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަނީ ރައްޔިތުން ސިޔާސީ ޕާޓީތަކަށް ވައްދަން. ނަމަވެސް ވޯޓު ލެވޭ އުމުރުގެ މީހުންގެ ތެރޭގައި ގިނައީ ޕާޓީތަކަށް ސޮއި ކޮށްފައި ނެތް މީހުން. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި އެއީ ސިޔާސީ ޕާޓިތަކުގެ ތެރޭގައާއި ޖުމްލަކޮށް ސިޔާސީ ކަންކަން ރާއްޖޭގައި ހިނގާ ގޮތާއި މެދު ރައްޔިތުން ހިތްހަމަ ނުޖެހޭތީވާ ކަމެއް،" ފާރިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތައް އަމަލުކުރަމުން ގެންދާ ގޮތް ވަރަށް ބޮޑުތަނުން ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. އެހެން ނޫނީ ރައްޔިތުންގެ އިތުބާރު ސިޔާސީ ދާއިރާއަށް އަދި ސިޔާސީ ބޭފުޅުންނަށް ގެއްލިދާނެ ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ތެރޭގައި އެބަތިބި ކަމަށް ގާބިލު ތައުލީމީ ގޮތުންވެސް ފެންވަރުގެ ގޮތުންވެސް މޮޅު މީހުން. ދައުލަތުގެ ކަންކަން ނިންމަން ތިބޭ އެންމެ އިސް މީހުންގެ ގޮތުގައި އަސްލު ތިބެންޖެހޭ ބަޔަކީ މިފަދަ މީހުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ. މިހާރު ރާއްޖޭގެ ސިޔާސީ ސަގާފަތް އޮތްގޮތުން އޭގެ ތެރެއިން ގިނަ ބައެއް މިވަނީ މިއަދު ގައުމަށް އަގުހުރި ހިދުމަތް ކޮށްދިނުމުން މަހުރޫމްވެފައި،" ފާރިޝް ވިދާޅުވި އެވެ.
ފާރިޝް ވިދާޅުވީ މީހަކު ވަޒީފާއެއް ބޭނުން ވެއްޖެނަމަ ނުވަތަ މީހަކު އަމިއްލަ ދިރިއުޅުމުގައި ކުރިއަރަން ބޭނުންވެއްޖެނަމަ ކޮންމެވެސް ސިޔާސީ ޕާޓީއެއްގެ ފަހަތަށް އަރައިގެން ނޫން ގޮތަކަށް މިއަދު އެއްވެސް މީހަކަށް އެއްވެސް ކަމެއް ހާސިލު ނުވާ ހިސާބަށް ގައުމުގެ ހާލަތު ވެއްޓިގެން ގޮސްފައިވާ ކަމަށެވެ. މި ހާލަތަށް ކަންކަން ދިޔައީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަސްލަހަތަށް ވުރެ ޕާޓީތަކުގެ މަސްލަހަތައް އިސްކަންދިނުމުން ކަމަަށްވެސް ތުހުމަތުކުރެއްވި އެވެ.
"މިހާރު އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތް ބައްޓަން ވެފައިހުރި ގޮތުން ހަމައެކަނި ހިމާޔަތް ކުރެވެނީ ސިޔާސީ ޕާޓީތައް،" ފާރިޝް ވިދާޅުވި އެވެ.
ފާރިޝް ވަނީ ސިޔާސީ ޕާޓީތަކުގައި އެ ޕާޓީތަކަށް ސޮއި ނުކޮށްވެސް މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންވެސް އިލެކްޝަންސް ކޮމިޝަނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރައްވާފަ އެވެ.
"ބައެއް ބޭބޭފުޅުންގެ ވާހަކަފުޅުގައި އެބަ ވިދާޅުވޭ ތިމަންނައަށް ދައުލަތުގެ މިވެނި މަގާމެއް ލިބިއްޖެނަމަ ތިމަންނަ ޕާޓީއަށް ތާއިދުކުރާ މީހުންނަށް ކަންކަން ހަމަޖެހޭނެއޭ. ތިމަންނަ ޕާޓިގައި އުޅޭ މީހުންނަށޭ ވަޒީފާ ލިބޭނީ. ސަރުކާރުގެ ކޮންޓްރެކްޓެއް ލިބޭނީ. ސްކޮލާ ޝިޕެއް ލިބޭނީ. ތިމަންނަ ޕާޓީއަށް މެމްބަރުން ގެނައިމައޭ ނުވަތަ 20 ފޯމު ގެނައި މައޭ މި އުސޫލު މިއޮތީ ގާއިމު ވެފައި މި ގައުމުގައި،" ފާރިޝް ވިދާޅުވި އެވެ.
ފާރިޝްގެ ވާހަކަފުޅުގައި ސިޔާސީ ޕާޓީތަކުގެ ނުފޫޒު މިނިވަން މުއައްސަސާތަކަށް އޮތް ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. ނަމަވެސް ޕާޓީތަކުގެ ނުފޫޒުން އިދާރާތައް ސަލާމަތްވެ ތިބެންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.