ޒަމާނުއްސުރެން ފެށިގެން ރާއްޖޭގައި ޓެކްސީ ހިދުމަތް ދެނީ ޓެކްސީ ސެންޓަރުތަކުންނެވެ. ދުނިޔޭގައި ޓެކްސީގެ ހިދުމަތް ތަރައްގީވިޔަސް ރާއްޖޭގައި މި ހިދުމަތް އޮތީ ވަރަށް ފަހަތުގަ އެވެ. ޓެކްސީ ސެންޓަރުތަކުގައި ރަޖިސްޓްރީކޮށްގެން ނޫން ގޮތަކަށް މި ހިދުމަތް ދިނުމަކީ ރާއްޖޭގައި މިހާތަނަށް މަނާކަމެކެވެ. ނަމަވެސް ސަރުކާރުން މި ވަނީ އަމިއްލަ މީހުންނަށް މި ހިދުމަތް ދެވޭނެ ގޮތަށް އުސޫލެއް ކަނޑައަޅާފަ އެވެ. ބޭނުމަކީ ޓެކްސީ ހިދުމަތުގައި ވާދަވެރިކަން އުފައްދައި ޓެކްސީ ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމެވެ. މި ބަދަލުން ނުކުންނާނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ ދެން ޓެކްސީ ލިބޭނެ ހެއްޔެވެ؟
"އަޅުގަނޑުމެން ގަބޫލު ކުރަނީ އަމިއްލަ ފަރާތްތަކަށް ވެސް ޓެކްސީގެ ހިދުމަތް ދެވޭ ގޮތަށް ހެދުމުން ޓެކްސީ ހޯދުމަށް ދިމާވެފައިވާ ދަތިކަމަށް ހައްލު ލިބިގެންދާނެ ކަަމަށް. މީގެ މަގުސަދަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ [ޓެކްސީ ހޯދުމުގެ] ގެ ދައްޗަށް ހައްލު ހޯދައިދިނުން،" ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަވަސް އަށް ވިދާޅުވި އެވެ.
ޓެކްސީ ކުރުމަށް އަލަށް ކަނޑައެޅި ގަވާއިދާއެކު ހިދުމަތް ދޭނީ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ކާރު ހޯދަން ބޭނުންވާ މީހާއަށް ކާރަށް އޯޑަރު ދޭނީ ފޯނުން ނޫނީ ކޮމްޕިއުޓަރުންނެވެ. މި ހިދުމަތް ދޭން ތިން ފަރާތަކަށް ޓްރާސްޕޯޓުން ވަނީ ހުއްދަ ދީފަ އެވެ. އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވަނީ "އަވަސް ރައިޑް" އާއި "އެއައީ" އަދި ސްރީލަންކާގެ "ޕިކްމީ" އެވެ. ރާއްޖެ އަށް އާ މި ހިދުމަތާއެކު މި ތިން ޕާޓީ އިން ޕްރައިވެޓް ކާރު ތަކަށް ވެސް މި ހިދުމަތް ދޫކޮށްލާނެ އެވެ. މާނައަކީ ގޭގައި އަމިއްލަ ކާރު ގެންގުޅޭ މީހުންނަށް ވެސް ޓްރާންސްޕޯޓުގައި ރަޖިސްޓްރީކޮށްގެން، މި ހިދުމަތް ދޭން މަގު ފަހި ވެގެންދާނެ އެވެ.
މި ހިދުމަތް ދޭން ހުށަހަޅާފައިވާ ތިން އެޕްލިކޭޝަން އަށް ބަލާއިރު މިއީ ފަސޭހަ ހިދުމަތަކަށް ވާނެކަމަށް ބެލެވެ އެވެ. ކާރު ހޯދަން އެޕްލިކޭޝަން މެދުވެރިކޮށް އެދޭ ހިސާބުން ކަސްޓަމަރަށް ލައިވް އަޕްޑޭޓް ފެންނާނެ އެވެ. އެހެންވެ މި ހިދުމަތާއެކު ޓެކްސީ ހިދުމަތް ފުރިހަމަ ވާނެކަމުގެ އުންމީދު ބޮޑެވެ.
ވާދަވެރިކަން އުފެދިގެން ދާނެ!
މިހާރު ޓެކްސީ ސެންޓަރުތަކުން އެކައްޗެއް ކިޔައިގެން ހިފަހައްޓަމުން ގެންދާ ގޮތްގަނޑު ކެނޑިގެން ދިއުމުގެ ފުރުުސަތު މި ހިދުމަތުން ލިބިގެންދާނެ އެވެ. އަދި އިތުރު ބަޔަކު މި ހިދުމަތުގެ ތެރެއަށް ނުކުތުމުން ވާދަވެރިކަން އުފެދިގެން ދިއުމުގެ ފުރުސަތު ވެސް ބޮޑެވެ. މިހާރު މާލެ ސަރަހައްދުގައި 1،200 އެއްހާ ޓެކްސީ ދުއްވި ނަމަވެސް ޓެކްސީއެއް ނުލިބެ އެވެ. ސަބަބަކީ ޑްރައިވަރުން އަމިއްލަ ހިދުމަތެއްގެ ގޮތުގައި މި ހިދުމަތް ދިނުމެވެ. އެމީހުން ބޭނުންވީމަ ދުއްވާލާފަ، ވަކި އަދަދަކަށް ފައިސާ ހަމަކޮށްފަ ކާރު ބާއްވާ އުސޫލު އޮތުމެވެ. އެކަމަކު އިތުރު ބަޔަކު ހިދުމަތް ދޭން ފެށުމާއެކު ޓެކްސީ ޑްރައިވަރުން ގުޅިގެން ޒަމާނުއްސުރެން ފެށިގެން ހިފަހައްޓާ މި ސަގާފަތް ގެއްލުމުގެ ފުރުސަތު އޮންނާނެ އެވެ.
ޓެކްސީ ޑްރައިވަރުންގެ ހަގީގީ ބޮޑު ޝަކުވާއަކީ މިއެވެ. އަމިއްލަ ފަރާތް ތަކަށް ހުއްދަ ދިނުމުން ޓެކްސީ ޑްރައިވަރުން ނަށް އޮތް ޑިމާންޑު ގެއްލިގެން ދިއުމުގެ ފުރުސަތު އޮތުމެވެ. އެ މީހުންގެ މިހާރުގެ ޝަކުވާއަކީ ޓެކްސީ ޑްރައިވަރުން އެކި ތަމްރީންތައް ހަދައިގެން ކާރަށް އަރައި ހިދުމަތް ދެވޭއިރު، ޕްރައިވެޓް ކާރުތަކަށް ހަމައެކަނި އެޕުގައި ރަޖިސްޓްރީކޮށްލައިގެން ހިދުމަތް ދެވޭ ގޮތަށް އޮތުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވާހަކަ ދެއްކެވި ޑެޕިއުޓީ މިނިސްޓަރު ޝިމާޒު ވިދާޅުވީ އަމިއްލަ ފަރާތްތައްވެސް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.
"ރަޖިސްޓްރީކޮށް ކްރިމިނަލް ބެކްރައުންޑް ބެލުން ފަދަ ކަންކަން ފުރިހަމަ ކުރަން ޖެހޭނެ. ލައިސަންސް ވެސް އޮންނަން ޖެހޭ. އެހެންނޫނީ ޕްރައިވެޓް ކާރު ތަކަށް ވެސް މި ހިދުމަތެއް ނުހޯދޭނެ،" ޝިމާޒު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ޓެކްސީގެ ހިދުމަތް ދޭނެ އާ އަގު ތަކެއް ވެސް އާންމުކޮށްފަ އެވެ. މި އަގުތަކުގައިވާ ގޮތުން މާލެ އިން ހުޅުލެ އަށް އަދި ހުޅުމާލެ އިން ހުޅުލެ ދާނަމަ ނެގޭނެ ދަތުރަކަށް 60 ރުފިޔާ އެވެ. އަދި މާލެ އިން ހުޅުމާލެ އަށް ދާނަމަ 75 ރުފިޔާ ނެގިދާނެ އެވެ. އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި ދަތުރުތަކަށް ނެގޭނީ މިހާރު ވެސް ނަގާ 25 ރުފިޔާ އެވެ.
ނަމަވެސް ޓެކްސީ ޑްރައިވަރުން ބޭނުންވަނީ ޓެކްސީގައި މީޓަރު ހަރުކުރާށެވެ. ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާ އިން ވާހަކަ ދެއްކެވި އަބްދުﷲ އިބްރާހިމް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައެޅި އަގުތަކާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެޕްލިކޭޝަންތައް ބޭނުން ކުރުމުގައި ވެސް ޑްރައިވަރުންގެ މައްސަލައެއް ނެތް ކަމަށެވެ. އެހެން ނަމަވެސް މައްސަލަ އަކަށް ވަނީ ސަރުކާރުން ވެސް އެންމެ ފުރަތަމަ ދެއްކީ މީޓަރު ހަރުކުރާ ވާހަކައަށްވެފައި، މީގެ ކުރިން މަޝްވަރާ ވެސް ކުރެވުނީ އެ ކަމަށް ކަމަށްވާއިރު، އެކަން ކުރުމުގެ ބަދަލުގައި ވަކި އަގު ތަކެއް ކަނޑައެޅުން ކަމަށެވެ.
ޕްރައިވެޓް ޓެކްސީ: ދުނިޔޭގެ ޓްރެންޑެއް
ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް އެޕްލިކޭޝަންތައް ބޭނުން ކުރަން އުޅުމުން ޑްރައިވަރުން ދެކޮޅު ހަދާފައިވެ އެވެ. އަވަށްޓެރި ސްރީލަންކާ އާއި މެލޭޝިއާގެ ޑްރައިވަރުން ސަރުކާރަށް ފިއްތި އެވެ. ނަމަވެސް މި ފިއްތުންތަކަށް ނުބަލައި ކުރި އަށް ދިއުމުގެ ނަތީޖާއަކީ މިހާރު މިޓެކްސީ ތަކަކީ މި ގައުމުތަކުގައި ފަސޭހަ ހިދުމަތަކަށް ވެގެން ދިއުމެވެ. އަދި އަމިއްލަ ގިނަ ކާރު ތަކެއްގައި ވެސް މި ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުން ގިނަ ފަސޭހަ ތަކެއް ލިބިގެން ދިއުމެވެ.
ދުނިޔޭގައި އެންމެ މަގުބޫލު ޓެކްސީ އެޕްލިކޭޝަންތައް ކަމަށްވާ "އޫބާ" އާއީ "ލިފްޓް" އަދި "ގެޓް" އާއި "ގްރެބް" އަދި "އީޒީ ޓެކްސީ" ފަދަ އެޕް ތަކަކީ އަމިއްލަ ކާރުތަކުން ބޭނުންކުރާ އެޕްލިކޭޝަން ތަކެވެ. މީގެ ކޮންމެ އެޕެއް ވެސް ފޯނަށް އަޅާލައިގެން ކަނޑައެޅޭ އުސޫލުތަކެއް ފުރިހަމަ ކުރުމަށްފަހު އަމިއްލަ ފަރާތްތަކަށް ހިދުމަތް ދެވެ އެވެ. ބައެއް ގައުމުތަކުގައި އެޕްލިކޭޝަން އަށް ހާއްސަކޮށް ގާނޫނުތައް ވެސް ހަދާފައިވެ އެވެ. އެންމެ ފަހުން މި ފަދަ ހާއްސަ އުސޫލެއް ހަދާފައިވާ އެއް ގައުމަކީ ދިވެހިން ގިނަ އަދަދަކަށް ތިބި މެލޭޝިއާ އެވެ. އެ ގައުމުގައި މިހާރު ތަންފީޒު ކުރަން ފަށާފައިވާ އާ ގަވާއިދާއެކު ވަނީ މެލޭޝިއާގައި އެޕްލިކޭޝަން ބޭނުން ކުރުމުގެ އުސޫލު ހަރުދަނާކޮށްފަ އެވެ.
ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި މޮބައިލް އެޕް ބޭނުންކޮށްގެން ދަނީ އަމިއްލަ ފަރާތް ތަކުން ހިދުމަތް ދެމުންނެވެ. އަވަށްޓެރި އިންޑިއާގައި ވެސް "އޫބާ" ފަދަ އެޕް ތަކަކީ މިގޮތަށް މަގުބޫލު އެޕް ތަކެވެ. އެހެންވެ މި ފަހަރު ރާއްޖެ އަށް ތައާރަފުކުރި އާ މި ހިދުމަތާއެކު އަމިއްލަ އަށް ކާރު ބޭނުން ކުރާ މީހުންނަށް ވެސް އިތުރު އާމްދަނީއެއް ލިބުމުގެ މަގު ފަހި ވެގެންދާނެ އެވެ. އާއްމުން ބޭނުންވަނީ ފަސޭހައިން ޓެކްސީ ހޯދުމެވެ. ދަރިފުޅު ސްކޫލަށް ގެންދަން ޓެކްސީ ހޯދަން ގަޑިދެ ގަޑިއިރު މަސައްކަތް ނުކޮށް ފަސޭހައިން ޓެކްސީއެއް ހޯދުމެވެ. ޕްރައިވެޓް ކާރު ތަކަށް ޓެކްސީ ކުރަން ހުއްދަ ދީގެން މި މަގުސަދު ހާސިލްވާނެ ބާ އެވެ؟ މި ސުވާލުގެ ޖަވާބު ލިބޭނީ އަދި ތަންކޮޅެއް ފަހުންނެވެ.