ރިޕޯޓް

ޓެކްސީ ޑްރައިވަރުންނަށް: މިއީ ފުކެއް ބޮޑުވަރު!

Aug 5, 2019
37

ޓެކްސީ ހިދުމަތް ރަނގަޅު ކުރަން މަސައްކަތް ނުކުރާ ސަރުކާރެއް ރާއްޖެއަކަށް ނާދެ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ޓެކްސީ ހިދުމަތް ރަނގަޅު ކުރަން ފިޔަވަޅު އެޅި އެވެ. އެކަމަކު ކުރީ މުޒާހަރާ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ސަރުކާރުގައި ވެސް މި ހިދުމަތް ރަނގަޅު ކުރެވޭތޯ ބެލި އެވެ. އެ މަސައްކަތްވެސް ފެއިލްކޮށްލި އެވެ. އަދި މިހާރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މި ފެންވަރު ދަށް ހިދުމަތަށް ޒަމާނީ ބަދަލެއް ގެނެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. ޓެކްސީ ހިދުމަތުގައިދޭ ދަށް ފެންވަރުގެ ހިދުމަތް ރަނގަޅުކޮށް، އިތުބާރު ހުރި ޒަމާނީ ހިދުމަތެއް ތައާރަފު ކުރަން ފިޔަވަޅު ތަކެއް އަޅަން ފެށި އެވެ. ނަމަވެސް މި ފަަހަރު ވެސް ޓެކްސީ ޑްރައިވަރުން މި ފެންނަނީ އެ މީހުން ބޭނުންވާ ގޮތް ނޫން ގޮތެއް ގަބޫލު ނުކުރަން ގަދަފައި ވިއްދާފައި ތިބި ތަނެވެ.

ޓެކްސީ ހިދުމަތް ރަނގަޅު ކުރަން މަޖުބޫރުވީ ކީއްވެގެނެ ހެއްޔެވެ؟ މި ހިދުމަތް ރަނގަޅު ކުރަން މަޖުބޫރުވީ ޒުވާން ކުދިންގެ ބަހުންނަމަ ހަމަ މި ހިދުމަތް ކަޑަ ކަމުންނެވެ. ހަގީގަތުގައިވެސް ހަމަ ކަޑައީ އެވެ. ގިނަ ޓެކްސީ ޑްރައިވަރުން މުއާމަލާތް ކުރާ ގޮތް ވެސް ހަމަ ދެރަވަރީ އެވެ. ދެން އޮތީ ޓެކްސީ ހިދުމަތުގައި ނަގާ އަގުތަކެވެ.

ބްރިޖު އެޅުމާ ގުޅިގެން، މާލެ އާއި ހުޅުމާލެ އަދި އެއާޕޯޓަށް ދެވޭނެ އަގު ތަކެއް ސަރުކާރުން އިއުލާނު ކުރުމުން އެމީހުން އެ އަގުގައި ދަތުރު ކުރާކަށް ބޭނުމެއް ނުވި އެވެ. އެމީހުން އަމިއްލަ ކަނޑައެޅި އަގަކީ ދަތުރަކަށް 100ރ. އެވެ. އެހެންވެ މި އަގު ކުޑަ ކުރަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ވަދެ އަޑު ގަދަކޮށް ހަޅޭއްލަވާ ހެދި އެވެ. އެންމެ ފަހުން ސަރުކާރަށް ޖެހުނީ ހަތިޔާރު ބަހައްޓައި ޓެކްސީއަށް ދޫދޭދެށެވެ. އެހެންވެ ދެން މަސައްކަތް ކުރީ ޓެކްސީ ޑްރައިވަރުންގެ ހިޔާލުވެސް ހޯދައިގެން މި ހިދުމަތް ޒަމާނީ ކުރެވޭތޯ އެވެ.

ޓެކްސީ ޑްރައިވަރުންނާއި އާއްމުންނާއެކު ފޯރަމެއް ސަރުކާރުން ބޭއްވި އެވެ. އަދި އޭގެ ފަހުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދެ ފަހަރެއްގެ މަތިން ޓެކްސީ ޑްރައިވަރުންނާ ބައްދަލުކޮށްފަ އެވެ. ހިޔާލުތަކަށްފަހު ސަރުކާރުން ނިންމީ ދަތުރު ކުރަން ހާއްސަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފު ކުރުމަށެވެ. ހަމަމިއާއެކު މާލެ/ހުޅުމާލެ/ އެއާޕޯޓަށް ދެވޭނެ އަގު ކުޑަކުރި އެވެ. އަދި އަމިއްލަ ފަރާތްތަކަށް ރަޖިސްޓްރީކޮށްގެން އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދޭން ނަގާފައިވަނީ "އަވަސް ރައިޑް" އާއި "އެއައީ" އަދި ސްރީލަންކާގެ "ޕިކްމީ" އެވެ. އަދި މާލެ ސަރަހައްދުގައި ހިދުމަތް ދޭން އަގު ތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލެ އާއި ހުޅުލެ އަށް 60 ރުފިޔާ އަދި ހުޅުމާލެއިން ހުޅުލެ އަށް 60 ރުފިޔާ އެވެ. އަދި މާލެ އިން ހުޅުމާލެ އަށް 75 ރުފިޔާ އަދި މާލެ އާއި ހުޅުމާލެ އެތެރޭގައި ދަތުރު ކުރަން 25 ރުފިޔާ އެވެ. ނަމަވެސް މި އަގުތަކާއި މި މޮބައިލް އެޕްލިކޭޝަން ތައާރަފު ކުރުމާމެދުވެސް ޑްރައިވަރުން ދެކޮޅުކަން ދަނީ ހާމަ ކުރަމުންނެވެ.

"އަހަރެމެން ބޭނުން ވަނީ ޓެކްސީގައި މީޓަރު ހަރު ކުރަން އެއީ އެންމެ ރަނގަޅު ގޮތަކީ. އޭރުން ޓެކްސީ ހިދުމަތް ހޯދާ މީހުންނާއި އަހަރެމެންނަށް ވެސް އެންމެ ރަނގަޅު ގޮތަކީ. ތިޔަ އެޕްލިކޭޝަންގެ ސަބަބުން ވާނީ ގެއްލުން،" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

އެކަމަކު ކުރިން ޑްރައިވަރުން ތިބީ ޓެކްސީގައި މީޓަރު ހަރު ކުރާ ގޮތަކަށް ނޫނެވެ. އެމީހުން ދެކޭ ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން އުޅެނީ މީޓަރު ތައާރަފުކޮށް ވަކި ބަޔަކަށް މަންފާ ހޯދައިދޭށެވެ. ޓެކްސީތަކުގައި ދިއްލޭ ބޯޑު ހަރުކުރި ދުވަސްވަރު ވެސް އެ މީހުން ދެއްކީ ހަމަ އެވާހަކަ އެވެ. ޓެކްސީގެ ބޭރުގައި ޓެކްސީ ނަމްބަރާއި ޓެކްސީއެއްކަން އަންގައިދޭ ސްޓިކާ ހަރުކުރަން އެންގުމުން ބުނަމުން ދިޔައީ ކާރު ހަލާކުވާނެ ވާހަކަ އެވެ. ނަމަވެސް އޭރުގެ ސަރުކާރުން މަޖުބޫރު ކުރުވުމުން އެންމެ ފަހުން އެކަން ކުރީ އެވެ.

ރާއްޖޭގެ ޓެކްސީ ދުއްވާ މީހުން އަގު ހެޔޮ ކުރާކަށް ބޭނުމެއް ނުވެ އެވެ. ހިދުމަތުގެ ފެންވަރު ރަނގަޅު ކުރާކަށްވެސް ބޭނުމެއް ނުވެ އެވެ. އެ މީހުންގެ ވިސްނުން ޒަމާނުއްސުރެ ހުންނަނީ "އޯން ޓައިމް" ގައި ކުރާ ކަމެއްގެ ގޮތުގައި މިކަން ކުރުމަށެވެ. ހިދުމަތް ދިނުމުގެ ރޫހެއް އެ މީހުންގެ ކިބައިގައި ނުހުރެ އެވެ.

"އަހަރެމެންގެ އަމިއްލަ ކާރުގައި މި ދުއްވަނީ އެހެންވީމަ ދުއްވާލާފަ، ބޭއްވެން ވާނެ؟،" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

މި ގޮތަށް ހިދުމަތް ދެވޭނެ ހެއްޔެވެ؟ ބޭނުންވީމަ ދުއްވާލާފަ، ވިއްސާރަ ވީމަ ކާރު ބާއްވާފަ، މިއީ ހިދުމަތް ދޭ ގޮތް ހެއްޔެވެ؟ ޓެކްސީ ޑްރައިވަރުން މި ހިދުމަތް ޒަމާނީ ކުރަން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟ ހައްތަހާވެސް ސުވާލެވެ. ޓެކްސީ ހިދުމަތް ރަނގަޅު ކުރަން މަސައްކަތް ނުކޮށް، ކޮންމެ ފަހަރަކު ބޮޑާ ދައްކާ އުސޫލު މިއީ ހިދުމަތްހޯދަންޖެހޭ އާންމުންނަށް ގަބޫލު ކުރެވޭނެ ގޮތެއް ނޫނެވެ.