މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓްރާންސްޕޯޓް އުސޫލު؛ ނަމަކަށްކުރި ކަމެއް!

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަށް އިސްލާހު ގެނައުމަށް ފޮނުވާފައި އޮންނަތާ ދެ އަހަރުވެ އެކަން ނުކޮށް އޮއްވާ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި އެކެއްގެ ފުރާނަ ގެއްލި ކުޑަކުއްޖަކު ގެއްލިފައި ވަނިކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދަށް ކަންތައްތަކެއް އިތުރުކޮށް އަންނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ނިންމާ އެކަން އިއުލާނެއް ކޮށްފައެވެ.

ގަވާއިދަށް އިތުރުކުރި ކަންތައްތަކުގެ ތެރޭގައި ހިމެނެނީ "އޮއިލް ޕޮލިއުޝަން އެންޑް ޕްރިވެންޝަން ސެޓިފިކެޓް" ހެއްދުމާއި "ނުރައްކާތެރި މުދަލާއި ފަސޭހައިން އަލިފާން ހިފާ މުދާ އުފުލުމާއި ބެހޭ ސެޓިފިކެޓް" ހެއްދުމާއި "ސްވޭޖް ސެޓިފިކެޓް" ހެއްދުމާއި "އުޅަނދު ފަހަރު މަރާމާތު ކުރުމަށް އެހެލުމަށް ދޫކުރާ ލިޔުން" ހެއްދުމާއި ކެޕްޓަނުންނާއި ފަޅުވެރިން އަދި މެރިން މެކޭނިކުންގެ އަތުގައި މޯލްޑިވްސް ޓްރާސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ ލައިސަންސް އަދި ސަނަތުތައް އޮތުމެވެ.

މީގެ އިތުރުން ބޮޔަންޓް އެޕަރޭޓަސް ހުރުމާއި ވެސެލް ޓްރެކިން ޑިވައިސް ހަރު ކުރުމާއި އުޅަނދުގެ މެނިފެސްޓް އެނގެން އޮތުން ލާޒިމެވެ.

އަދި ކެޕްޓަނުންނާއި ފަޅުވެރިންގެ މެޑިކަލް އަދި ވަޒީފާގެ އެއްބަސްވުން ހުށައެޅުމާއި މުއާސަލާތީ އާލާތްތައް ހުރުމެވެ. މިންގަނޑުތަކާއި އެއްގޮތަށް ލައިފް ޖެކެޓް އަދި ލައިފް ބޮއި ހަރުކުރުން ވެސް ހިމަނާފައި ވެއެވެ.

އެ އޮތޯރިޓީން ބުނާ ގޮތުން އެކަންކަން ފުރިހަމަނުވާ އުޅަނދުތަކަށް ދޫކޮށްފައިވާ ސީވާދިނަސް ސެޓިފިކެޓް ބާތިލު ކުރާނެ އެވެ.

ޓްރާންސްޕޯޓްގެ މި ނިންމުން އައީ މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރު ކުރަމުން ދިޔަ ލޯންޗެއްގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ކަނޑަށް ވެއްޓި އޭގެ ތެރެއިން އެކަކު މަރުވެ އެކަކު ގެއްލުމުގެ ހާދިސާއެއް މިމަހުގެ 17 ވަނަ ދުވަހު ހިނގި ފަހުންނެވެ. އޭގެ ކުރީން އޮގަސްޓް 29، 2019 ނޮޅިވަރަންފަރާއި ހަނިމާދޫއާ ދެމެދުގެ 10 މިނެޓްގެ ރާސްތާގައި ކުރި ދަތުރެއްގައި ލޯންޗެއް ބަންޑުން ޖަހާލާ ފަސް މީހަކު މަރުވި ހާދިސާއާ ގުޅިގެން ފިޔަވަޅު ތަކެއް އެޅުމަށް ނިންމާ އުސޫލު އެކުލަވާލުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން އިސްލާހުތައް ފޮނުވުމުން އެއީ ފަންނީ ލަފައެއް ކަމަށް ބުނެ އުސޫލު ނުހަދާ ދެ އަހަރު ވަނީ ހޭދަވެފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ސަލާމަތާއި ބެހޭ ގަވާއިދަށް ކަންތައްތަކެއް އިތުރުކޮށް އަންނަ އަހަރުގެ ޖަނަވަރީ 16 ވަނަ ދުވަހުން ފެށިގެން އަމަލު ކުރަން ނިންމާ އެކަން އިއުލާނުކުރި ނަމަވެސް ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކޮންމެހެން އަޅަން ޖެހޭ ކަމަށް ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ލަފާ ދީފައިވާ އަދި އެ ކޮމެޓީން ޓްރާސްޕޯޓަށް ފޮނުވާފައިވާ ޑްރާފްޓްގައި ހިމެނޭ އެއްވެސް ކަމެއް ނެތެވެ.

\ސަރުކާރުގެ ކަމާގުޅޭ އިދާރާއެއްގެ ވަރަށް އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އަވަސް އަރުވާލައިގެން ޓްރާންސްޕޯޓުން ރޭ އާންމުކުރި އިއުލާނަކީ އާންމުންގެ ފާޑުކިޔުންތަކާއި ރުޅިވެރިކަން ކުޑަ ކުރަން ކަމަކަށް ކަމެއް ކުރުމުގެ ގޮތުން އާންމުކުރި އިއުލާނެކެވެ. އެ އިއުލާނުގައި ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ދީފައިވާ މުހިންމު އެއްވެސް ލަފައެއް ނެތެވެ. އަދި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅެއް ނެތެވެ.

ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ދީފައިވާ ލަފާތަކުގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓް ކުރާ އުޅަނދުތަކުން ދަތުރުކުރާ ފަސިންޖަރުން އެކި ހާލަތްތަކުގައި ލައިފްޖެކެޓް އެޅުވުމާއި އަދި ލައިފްޖެކެޓާއި ބެހޭ މައުލޫމާތު ފޯރުކޮށް ދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ވަނީ ހިމަނާފަ އެވެ. އެގޮތުން ހަ މީޓަރުން ދަށުގެ އުޅަނދުތަކުގައި ދަތުރުކުރާ ފަސިންޖަރުން ދަތުރު ކުރާ ހުރިހާ ވަގުތެއްގައި ތިބެން ވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށްވެސް ބުނެފައިވެއެވެ.

އަދި މޫސުމީ އިންޒާރު ތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ދަތުރުކުރާ ވަގުތުތަކުގައި ހުރިހާ އުޅަނދު ފަހަރެއްގައި ދަތުރުކުރާ ފަސިންޖަރުންނާއި ފަޅުވެރިން ތިބެން ވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ބުނެފައި ވެއެވެ. މިފަހަރުގެ ހާދިސާ ހިނގާފައި ވަނީ މުޅި ރާއްޖެއަށް ލެޔޯ އެލާޓް ނެރެފައި ވަނިކޮށެވެ. އަދި އެ އެލާޓް ކޮންމެ ހަ ގަޑިއިރަކުން މެޓް އޮފީހުން ދިޔައީ އާ ކުރަމުންނެވެ. މިއީ މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއަށް ލެޔޯ އެލާޓް ނެރުނު ދެވަނަ ފަހަރެވެ. އެހާވެސް ކަނޑުތައް ގަދަވެ ވައި ބާރެވެ. މީގެ އިތުރުން މެޓް އޮފީހާއި ސިފައިން އަދި ފުލުހުން ގެންދިޔައީ ދަތުރުކުރުމުގައި ސަމާލުވާން އިލްތިމާސް ކުރަމުންނެވެ. ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ދަތުރު ކުރުމަށްވެސް އެދިފައި އޮތެވެ.

ފޮނުވާފައިވާ އިސްލާހުތަކުގެ ތެރޭގައި ދަތުރުކުރާ ކޮންމެ އުޅަނދެއްގައި ފަސޭހައިން އަތުޖެހޭން ލައިފް ޖެކެޓް ހުންނަންވެސް ލާޒި ކުރެއެވެ. އަދި އުމުރުން 12 އަހަރުން ދަށުގެ ކުދީން އެ ކުދިންނަށް ހާއްސަަ ލައިފް ޖެކެޓް އަޅުވަން ލާޒިމު ކުރެއެވެ.

މޫސުމީ އިންޒާރު ތަކުގެ ތެރެއިން ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތަކުގައި ހަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމަކީ ވެސް މި އުސޫލު ބުނާ ގޮތުން މަނާ ކަމެކެވެ. އަދި ހުއްދަލިބިގެން ކުރާ އިމަޖެންސީ ދަތުރުތައް ފިޔަވައި މޫސުމީ އިންޒާރު ތަކުގެ ތެރެއިން ރެޑު އެލާރޓް ނެރެފައިވާ ސަރަހައްދުތަކުގައި އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ މަނާކަމެއް ކަމަށް ކަނޑައަޅާފައި ވެއެވެ.

"ލައިފް ޖެކެޓް މަޖުބޫރެއް ނުކުރޭ. އެލާޓްގެ އެންމެ ނުރައްކާތެރި ހާލަތުގައި ދަތުރުކުރުން މަނައެއް ނުކުރޭ. މި ބުނަނީ ލައިފް ޖެކެޓް ހުންނަންވާނޭ އުޅަދުގައި. ކަމެއް ހިނގުމުން ލައިފް ޖެކެޓް ލޯންޗުގައި ހުއްޓަސްވާނީ ކީއްތޯ. މިހާރުވެސް ހުރިހާ އުޅަދެއްގައި ލައިފް ޖެކެޓް ހުރޭ. މައްސަލައަކީ އެ ނާޅާތީ. އެހެންވީމަ ޓްރާސްޕޯޓް އިއުލާނަކީ ކަމަކަށް ކަމެއް ކޮށްލުން. ބޭނުންވަނީ އެ މީހުން ކަންކުރާކަން ދައްކަން،" ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ސާޗް އެންޑް ރެސްކިއު ނޭޝަނަލް ކޮމިޓީން ފޮނުވާފައިވާ ޑްރާފްޓްގައި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އަދަބުވެސް ކަނޑައަޅާފައި ވެއެވެ. އެގޮތުން ގަވާއިދުގައިވާ ކަމަކާ ހިލާފު ވެއްޖެ ނަމަ އެއުޅަނދަކީ ހަ މީޓަރުން ދަށުގެ އުޅަނދެއްނަމަ އުޅަނދުގެ ވެރިމިހާ 500 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އަދި އުޅަނދު ދުއްވި މީހާ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. ކުރި ކުށުގެ މައުލޫމާތު އެ އުޅަނދު ދުއްވި ކެޕްޓަނުގެ ލައިސަންސްގައި އެންޑޯޒް ކުރަން ވެސް ލާޒިމު ކުރެއެވެ.

އަދި ގަވާއިދުގައިވާ މުހިންމު ކަންކަމާއި ހިލާފު ވެއްޖެ ނަމަ އެއުޅަނދަކީ ހަ މީޓަރަށްވުރެ ބޮޑު އުޅަނދެއްނަމަ އުޅަނދުގެ މީހާ 1000 ރުފިޔާއިން އަދި އުޅަނދު ދުއްވި މީހާ 2000 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. އެފަދަ ކަންކަމީ ކޮބައިކަން ވެސް ވަރަށް ސާފުކޮށް އިސްލާހުތަކުގައި ވަނީ ކަނޑައަޅާފައެވެ.