ރިޕޯޓް

ޕާކިން މައްސަލަ: އެކަނި ސަރުކާރު ބޮލަށް ޖެހޭކަށްނެތް!

ގިނައިން އިވޭ އެއް ވާހަކައަކީ ޕާކިން މައްސަލައިގެ ވާހަކަ އެވެ. ސޯޝަލް މީޑިއާއަށް ބަލައިލި ނަމަވެސް ކޮންމެ ދުވަހަކު ޕާކިން މައްސަލަ ނުވަތަ ޕާކް ކުރާނެ ތަނެއް ނެތިގެން ޝަކުވާ ކޮށްފައިވާ ޕޯސްޓްތަކެއް ނުފެންނަ ދުވަހެއް މަދުވާނެ އެވެ. ސްޓިކާއެއް ޖަހައިގެން ސަރުކާރަށް ހަޅޭ ނުލަވާ ދުވަހެއް ވެސް މަދުވާނެ އެވެ. އެއިން ކަމަކަށް މިވީހާތަނަށް ހައްލެއް އަދި ލިބިފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ކެމްޕޭންގެ އެއް ވައުދަކީ ޕާކް ކުރާނެ ތަންތައް ނުދައްކައި ސްޓިކާ ނުޖަހާނެ އެވެ. އެމަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކް ކުރާނެ އިތުރު ތަންތަންވެސް ހަދައިފި އެވެ. އަދި ޕާކިން ސްޓިކާ މައްސަލަ ހައްލު ކުރުމަށް ސްޓިކާ ޖެހުން ވެސް ފުރަތަމަކޮޅުގައި ހުއްޓާލި އެވެ.

ޕާކިން މައްސަލަަ ހައްލު ކުރަން ސަރުކާރުތަކުން މަސައްކަތް ތަކެއް ނުކުރެއެކޭވެސް މުޅިއަކުން ނުބުނެވޭނެ އެވެ. ކޮންމެވެސް މަސައްކަތްތަކެއް ކޮށްފައިވެއެވެ. ކުރަމުން ދެއެވެ. އަލަށް ބައެއް ޕާކިން ޒޯންތައްވެސް ހުޅުވިގެން ގޮސްފި އެވެ. ސަރުކާރުން މަސައްކަތްތަކެއް ފަށައިފި އެވެ. ނަމަވެސް ޝަކުވާއަކީ ޕާކިން ސްޓިކާގެ މައްސަލަ އެވެ. ޕާކް ކުރާނެ ޖާގަ ނުދައްކައި ސްޓިކާޖަހާ މައްސަލަ އެވެ. އެކަން އޮތީ އެގޮތަށެވެ.

އޮތް ސުވާލަކީ ޕާކިން މައްސަލަ ހަމައެކަނި ސަރުކާރު ބޮލަށް ޖަހާފައި ތިބެވޭނެ ހެއްޔެވެ؟ މީގައި އާންމު ފަރުދުންގެ ދައުރެއްނެތް ހެއްޔެވެ؟ މަސްއޫލިއްޔަތެއް ވެސް ނެތް ހެއްޔެވެ؟ ޕާކިން ސްޓިކާ ޖަހަނީ ހަމަ އާންމު މީހާގެ މައްސަލަ ނެތި އޮއްވާ ހެއްޔެވެ؟ ނޫނީ ޕާކް ކުރާނެ އެއްވެސް ތަނެއް ނެތިގެން ހެއްޔެވެ؟

ތަފާސް ހިސާބުތަކަށް ބަލާއިރު، މާލޭގައި 142,909 އަށްވުރެ ގިނަ މީހުން އުޅެ އެވެ. އުޅަނދަށް ބަލާއިރު 99,411 އެއްގަމު އުޅަނދު މާލޭގައި ދުއްވަ އެވެ. މީގެތެރެއިން 81,900 އަށްވުރެ ގިނަ ސައިކަލާއި 6,165 ކާރު ހިމެނެ އެވެ. މިއީ ވިސްނާލަންޖެހޭ ކަމެކެވެ.

ޕާކިންގެ މަައްސަލައަށް ހައްލެއް ބޭނުންވެ އެވެ. ނަމަވެސް ހަމައެކަނި ސަރުކާރުގެ މަސައްކަތުން މިކަން ހައްލުވާކަށް ނެތެވެ. މިއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އާންމު ފަރުދުން ވެސް ޒިންމާދާރުވާން ޖެހެ އެވެ.

މާލޭގައި ޕާކް ކުރާނެ ތަންތަން އޮންނަނީ ފުރިފަ އެވެ. ހާއްސަކޮށް އާންމު ގޮތެއްގައި މީހުން އެންމެ ގިނައިން އުޅޭ ސަރަހައްދުތަކާއި އޮފީސްތައް އެންމެ ގިނަ ސަރަހައްދުތައް އޮންނަނީ ޕާކް ކޮށްލާނެ ތަނެއްވެސްނެތި ފުރި ބާރުވެފަ އެވެ. ނަމަވެސް އެމައްސަލަ ހަމައެކަނި ދިމާވަނީ ޕާކް ކުރާނެ ތަން ނެތުމުންނެތް ނޫނެވެ. ޕާކް ކުރާ ގޮތުންނެވެ.

"ބައެއް ފަހަރު ފެންނާނެ ބޮޑު ޖާގަ އެއް އޮއްވަ އެތަނަށް އިތުރު ސައިކަލެއް ނުވަދެވޭ ވަރަށް ބޮޑަށް ހުރަހަށް ސައިކަލް ޕާކް ކޮށްފައިދާތަން، އެހެން ނޫނީ ހިތުހުރި ގޮތަކަށް ސައިކަލް ޖަހާފަ ގޮސްފާނެ، އެހެން މީހުންނަށް ބަލާލުމެއްވެސްނެތި، އެގޮތަށް އެތަައް ސައިކަލެއް ހުރޭ ޕާކް ކޮށްފަ، އެހެން ހުންނާތީ ހަމަ ޖާގަ އެ ގެއްލެނީ، ދެން ބުނާނެ ޕާކް ކުރާނެ ތަނެއް ނެތޭ،" އާންމު މީހަކު ބުންޏެވެ.

އަނެއް މައްސަލައަކީ ކޮންމެ މީހަކުވެސް ގޭ ދޮރުމަތީގައި ނޫނީ ޕާކް ކުރެވޭ ކަމަކަށްނުވެ އެވެ. ޒޯނުން ބޭރުގައި ނަމަވެސް ޕާކު ކުރަން ބޭނުން ވަނީ ގޭ ދޮރުމަތީގައެވެ. ނޫނީ ވަންނަންދާ ތަނަކާއި ދިމާ ކައިރީގަ އެވެ. އެހެން ނޫނީ ހިތްހަމަ ޖެހޭ ކަމަކަށްނުވެ އެވެ. އެކަން ނިމިގެންދާއިރު ގޯސްވެފައި އޮންނަނީ ސްޓިކާ ޖަހާ ފުލުސް މީހާ އެވެ.

"މަށަށް އަދިވެސް މަދީ ސްޓިކާ ޖަހާލެއް، ހިތުހުރި ގޮތަކަށް ހިތުހުރި ތަނެއްގައި ޕާކް ކޮށްފައި ބަހައްޓަނީ، އެންމެ ފަހުން ގޯސްވެފައި މި އޮންނަނީ ފުލުހުން، އެހެން ނޫނީ ސަރުކާރު، އަމިއްލަ ފަރުދީ ޒިންމާ އަދާނުކޮށް އެހެން ބަޔަކަށް އިނގިލި ދިއް ކުރުމަކުން މިކަމެއް ހައްލެއްނުވާނެ،" ޒުވާނަކު ބުންޏެވެ.

ސަރުކާރުން ޕާކިން މައްސަލަ ހައްލު ކުރަން ސްޓިކާ ޖެހުން ވެސް ހުއްޓާލި އެވެ. އެއިން ބަޔަކު ނެގީ ފައިދާ އެވެ. އެމީހަކު ހިތުހުރި ގޮތަކަށް ޕާކް ކުރަނީ އެވެ. ކަމެއް ރަނގަޅަކަށް ކުރުމުންވެސް އޭގެ ފައިދާ ނެގީ ނޭދެވޭ ގޮތަށެވެ.

ޕާކް ކުރާނެ ތަންތަން މަދުވެގެން ޝަކުވާ ކުރި ނަމަވެސް ޕާކް ކުރާނެ ތަންތަންވެސް ގިނަ ފަހަރަށް އޮންނަނީ ލިބޭ ގޮތް ނުވެފަ އެވެ. އިމާރާތްކުރާ ގެއެއް ޕާކިން ޒޯން ކުރިމަތީ ހުރި ނަމަ އެ ސަރަހައްދުން ޕާކް ކޮށްލާނެ ޖާގައެއް ދުވަހަކުވެސް ނުލިބޭނެ އެވެ. ސިމެންތި ބަސްތާތަކާއި ހިލަވެލިން މުޅި ސަރަހައްދުގެ ޕާކިން ޒޯން އޮންނާނީ "ހިސޯރު" ކޮށްފަ އެވެ.

"އެންމެ ރުޅި އަންނަ އެއް ކަންތަކަކީ އެއީ، އަބަދުވެސް ޕާކަށް ޖަހަން ބަލާއިރު ކޮންމެވެސް ފިލާ ގަނޑެއް އޮންނާނެ ބާއްވާފަ، މުޅި ދުވަހު އޮވެދާނެ އެފިލާގަނޑު ބާއްވާފަ ރޭގަނޑު އަންނަ ޕިކަޕެއް ބާއްވަން އެތަނުގައި، އެހެން ނޫނީ މުޅި ޕާކިން ޒޯން އޮންނާނީ ސިމެންތި އާއި ހިލަވެލިން ހިފާފަ، ޖާގަ ނެތިގެން އުޅޭ އިރުވެސް މިހާލެއްގައި އަބަދު މިއުޅެން ޖެހެނީ،" ޒުވާނަކު ބުންޏެވެ.

އެހެން މައްސަލައެކެވެ. އެއީ ޕެލެޓްގެ މައްސަލަ އެކެވެ. ކޮންމެ ގެއެއްގެ ކުރިމަތީ ނުވަތަ ކޮންމެ ފިހާރައެއްގެ ކުރިމަތީ ޕެލެޓެއް ބާއްވަން ޖެހެ އެވެ. އެހެން ނޫނީ އެތަނަށް ވަދެވޭ ކަމަކަށްނުވެ އެވެ. މިކަން ހައްލު ކުރަން ސަރުކާރުން މަސައްކަތްތަކެއް ވެސް ފެށި އެވެ. އެގޮތުން ޕެލެޓްތައް ނަގައި ރޭމްޕް ތަކެއްވެސް ހަދަން ފެށި އެވެ. ނަމަވެސް އެކަންވެސް ވީ ހިސާބެއް މިހާރު ނޭނގެ އެވެ. އަދިވެސް ޕާކް ކޮށްލަން ބަލާލާއިރު އޮންނަނީ ޕެލެޓެކެވެ. އެކަންވެސް މިހާރު އާންމު ކަމަކަށް ވަނީ ވެފަ އެވެ.

ޕާކިން މައްސަލަ ވަރަށްވެސް ބޮޑެވެ. ނަމަވެސް މިކަމަކީ ހަމައެކަނި ސަރުކާރަށް އިނގިލި ދިއްކޮށްގެން ތިބެވެން އޮތް ކަމެއް ނޫނެވެ. ފަރުދީ ޒިންމާ އެކެވެ. އެންމެންގެ ޒިންމާއެކެވެ. ޕާކިން މައްސަލަ ހައްލު ކުރެވޭނީ އެންމެންވެސް އެއްބާރުލުންދީގެނެވެ. ޕާކް ކުރާނެ ކިތަންމެ ގިނަ ތަނެއް ހެދި ނަމަވެސް ފަރުދީ ޒިންމާ އަދާ ނުކުރާނަމަ ޕާކިން ސްޓިކާ ނުޖަހަ ފަރުޖެހޭކަށް ނޯންނާނެ އެވެ.