އެ އީ 1981 ވަނަ އަހަރެވެ. އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިވެވަޑައިގަންނަވާ އަބްދުއްރައްޒާގު އިދުރީސް އޭރު މަސައްކަތް ކުރައްވަމުން ގެންދެވި ޝިޕިން ކުންފުނީގެ ވަޒީފާ ދޫކޮށްލެވީ މަތިންދާބޯޓު އިންޖިނިއަރިން ދާއިރާއިން ތައުލީމު ހާސިލުކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނުކުރި މަތިންދާ ބޯޓު އިންޖިނިއަރިން ދާއިރާގެ ތައުލީމީ ފުރުސަތަށް އަބްދުއްރާޒުގެ އިތުރުން ތިން ބޭފުޅަކަށް ފުރުސަތު ލިބުނެވެ.
މާހައުލަށް އަހުލުވެރިވުމުގެ ގޮތުން ޖަރުމަނުގައި މަހެއްހާ ދުވަހު ހޭދަކުރެއްވި އެވެ. އެއަށްފަހު ތައުލީމު ހާސިލު ކުރެއްވުމަށް ވަޑައިގެންނެވީ ސްކޮޓްލޭންޑްގެ އެއާސާވިސަސް ޓްރެއިނިން އެކަޑަމީ އަށެވެ. އެއީ އޭރު އެންމެ ކުރިއަރާފައިވާ އެއް އޭވިއޭޝަން އެކަޑަމީ އެވެ.
އޮކްޓޫބަރު 1981ގައި ފެއްޓެވި ތަމްރީން ފުރިހަމަކޮށް އަބްދުއްރައްޒާގު ރާއްޖެ ވަޑައިގެންނެވީ ޑިސެމްބަރު 1983 ގައެވެ.
ސަރުކާރުން އޭރު އޭނާއަށް ވަޒީފާ ދެއްވީ އެއާމޯލްޑިވްސް އިންނެވެ. އޭރު އެއާމޯލްޑިވްސްގައި އޮތް ސްކައިލޭންޑް މަތިންދާބޯޓުގެ އެއާކްރާފްޓް ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަބްދުއްރައްޒާގު ސަރުކާރުން ފަހުން ބަދަލުކުރެއްވީ ސިވިލް އޭވިއޭޝަނަށެވެ. އެތަނުގައި އެއާވާދިނަސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ފެއްޓެވި އަބްދުއްރައްޒާގު 1996 ވަނަ އަހަރާ ހަމައަށް ސިވިލް އޭވިއޭޝަންގެ އެކި މަގާމުތައް ފުރުއްވި އެވެ.
އޭރު ސިވިލް އޭވިއޭޝަން ދާއިރާއިން ތަމްރީންވެފައިވާ ދިވެހިން ނެތްއިރު ރާއްޖޭގައި ހުންނަވާ ރާއްޖެއިން ބޭރުގެ ބޭފުޅުންގެ ފަރާތުން އަބްދުއްރައްޒާގު ތަމްރީނާއި ތަޖުރިބާތައްވެސް ހޯއްދެއްވި އެވެ.
ރާއްޖޭގައި ކުރިން އޭވިއޭޝަން ގަވައިދެއް ނޯންނައިރު ރާއްޖެއިން އަމަލުކުރަމުން ދިޔައީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ގަވާއިދުތަކާއި އުސޫލުތަކަށެވެ. އެހެންވެ އަބްދުއްރައްޒާގު ބައިވެރިވެގެން ކުރެވުނު އެންމެ މުހިއްމު މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވަނީ ރާއްޖޭގައި އޭވިއޭޝަން ރެގިއުލޭޝަނެއް ތައްޔާރު ކުރެއްވުމަށް ކުރެވުނު މަސައްކަތެވެ.
ވައިގެ ދަތުރުފަތުރުގެ ބައެއް ހާދިސާތައް ތަހުގީގު ކުރެއްވުމުގައިވެސް އަބްދުއްރައްޒާގު މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ހާދިސާއަކީ 1999 ވަނަ އަހަރު ހަމިންގްބާޑް ހެލިކޮޕްޓަރެއް ވެއްޓި ބަޔަކު މަރުވި ހާދިސާ އެެވެ.
ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަބްދުއްރައްޒާގު މިވަގުތުވެސް ހުންނެވީ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަންގެ ޗެއާމަންގެ މަގާމުގަ އެވެ.