މޯލްޑިވިއަން

ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރު ޗައިނާގެ ޗެންޑޫއަށް

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ވީއައިއޭގެ ރަންވޭގައި ޖައްސަން ދަނީ -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ދަތުރު ޗައިނާގެ ޗެންޑޫއަށް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ގައުމީ އެއާލައިންއަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ އިއްޔެ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ގެނެވުނު 264 ފަސިންޖަރުންގެ ޖާގައިގެ އެއާބަސް އޭ330-200 މަތިންދާބޯޓެކެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށް ޝެޑިއުލް ފްލައިޓްތައް ފެށުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަތިންދާބޯޓު ރާއްޖޭގައި އަލަށް ރަޖިސްޓްރީކޮށް، ކްރޫންގެ ތަމްރީނުތަކާއި އިދާރީ މަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ ދަތުރުތައް ޗައިނާގެ ތިން ސިޓީއަކަށް - ޝެންހާއި، ޗެންޑޫ އަދި ބެއިޖިންގއަށް - ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

މި އޮޕަރޭޝަންތަކާއެކު އަހަރަކު 60،000 ފަސިންޖަރުން ރާއްޖެއަށް ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ލަފާކުރެ އެވެ.

އަލަށް ގެނައި ބޯޓުގައި އިކޮނޮމީ، ބިޒްނަސް އަދި ޕްރިމިއަމް ކްލާސްގެ ތިން ގިންތީގެ ހިދުމަތް ލިބެން ހުންނާނެ އެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް އައި އެންމެ ބޮޑު ކުރިއެރުމުގެ ތެރެއިން އެއް ކުރިއެރުން ކަމުގައި ސަރުކާރުން ދެކޭއިރު ދަތުރުތަކާ އެކު ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް ސަރުކާރުން ދެކެ އެވެ.

ވައިޑް-ބޮޑީ މަތިންދާބޯޓުގެ ހިދުމަތް ތައާރަފް ކުރުމަކީ ރާއްޖޭގެ ވައިގެ ގުޅުންތައް ހަރުދަނާކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ވަރުގަދަކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ވާނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910