ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރިލީފް ހުސްވެއްޖެ؛ އިތުރު ގޮތެއް ހޯދައި ދީ!

މަޝްހޫރު އަންނައުނު ފިހާރަ އެކެވެ؛ އިއްޔެ ގޮސް ބެލިއިރު އެ ފިހާރާގައި މިހާރު ވައްދާފަ ހުރީ ތަރުކާރީ އާއި މޭވާ އެވެ. ހިންގާތާ އެތައް ޒަމާނެއްވީ އެ ތަނުގެ ވިޔަފާރި މުޅިން އެހެން މަސައްކަތް ތަކަށް "ފޮރޮޅާލީ" ކޮވިޑް-19 އެވެ. ކޮވިޑުގެ ބަލީގެ ސަބަބުން އިގްތިސޯދު ހީނަރުވުމުން މިފަދަ އެތައް ވިޔަފާރިއެއް ފޮރޮޅިއްޖެ އެވެ. މި ބަލާއާފާތުގައި ޖެހި ގިނަ ވިޔަފާރިތަކެއް ގާތްގަނޑަކަށް ބަނގުރޫޓުވެފައިވާއިރު، މިކަމުން ވިޔަފާރިތައް ސަލާމަތް ކުރެވޭތޯ ސަރުކާރުން ދިން "އިކޮނޮމިކް- ރިލީފް" ލުއި ލޯނު ވެސް ގިނަ ބައެއްގެ އަތުން ވަނީ ހުސްވެފަ އެވެ. މިހާރު އެ މީހުން ބުނަނީ "ރިލީފް ވެސް ހުސްވެއްޖެ" އެވެ. އިތުރު ގޮތެއް ހޯދައިދޭށެވެ. އިތުރު އެހީ އެބަ ބޭނުންވެ އެވެ.

"މި ތަން [ފިހާރަ] ބަލާފަ ބައެއް މީހުން ހީކޮށްފާނެ ކީއްވެގެން ހޭ [ތަރުކާރީ] ވިއްކަނީ. އެކަމަކު އެހެން ގޮތެއް މިހާރަކު ނެތް. ކުލި ދައްކައިގެން ދެ ތިން މަސް ދުވަހު ހިފައްޓާ ލެވިދާނެ. ސަރުކާރު ލޯނުން ދެ މަހު އުޅެވިދާނެ. އެކަމަކު އަހަރު ދުވަހު ނުހިފެއްޓޭނެ. މިހާރު އެހެން ގޮތެއް ސަރުކާރުން އެބަޖެހޭ ހޯދައި ދޭން،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.

މާޗް މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ގިނަ ބައެއްގެ ދިރިއުޅުން ހުއްޓިއްޖެ އެވެ. ޖުލައި މަހު އަލުން ބޯޑަރު ހުޅުވި ނަމަވެސް ގިނަ މީހުންގެ ދިރިއުޅުން "ރީ ސްޓާޓް" ވާނެ ގޮތެއް އަދި ނުފެނެ އެވެ. ސަބަބަކީ އިގްތިސޯދަށް ލޭ ފޮނުވައިދޭ ޓޫރިޒަމް ރަނގަޅުވާން ނަގާ ވަގުތު ދިގު ވުމެވެ. އެކަމަށް އޮތް އިންތިޒާރުގެ ދިގު މިން އަދި އެއް ގޮތަކަށް ވެސް ނޭނގުމެވެ. ބޯޑަރު ހުޅުވި ފަހުން ރާއްޖެއަށް މިހާތަނަށް އައިސްފައިވަނީ 16،000 ޓޫރިސްޓުންނެވެ. މިއީ އިގްތިސޯދު ހީނަރުވުމުގެ މައިގަނޑު ބޮޑު ސަބަބެވެ.

މި ހީނަރުކަމުގެ އަސަރުކޮށް އާއްމުންގެ އަތްމަތި ދަތިވެ ތިބީ ބޮޑު ވޭނެއްގަ އެވެ. މީގެ އަސަރު އެންމެ ބޮޑަށް ކުރަނީ އާއްމު ކުދި، އަދި މެދުފަންތީގެ ވިޔަފާރި ތަކަށެވެ. މާލޭގައި އަންނައުނުގެ ބާވަތްތައް ވިއްކާ ފިހާރަތަކަށް އެކަނި ބެލި ނަމަވެސް ވިޔަފާރި ހީނަރުވެފައި ވަނީ އާދަޔާ ހިލާފު މިންވަރަށެވެ. ކޮވިޑް-19 ގެ ކުރިން މީގެ ފިހާރައަކުން ރެއަކާ ދުވާލެއްގެ މައްޗަށް 4،000ރ. ގެ ވިޔަފާރިވެ އެވެ. ނަމަވެސް މިހާރުގެ ހާލަތަކީ މި ވިޔަފާރިތަކުގެ ވިޔަފާރި ރެއަކު ހާހަކަށް ވެއްޓުމެވެ.

މާލޭގައި އެންމެ ފުޅާކޮށް ފައިވާނާއި ބޫޓު ވިއްކާ ސޫލައިން ފިހާރައިގެ ވެރިޔާ އަށް ޖެހިފައިވަނީ ވެސް މި ހާލެވެ. އަބްދުﷲ ޝާކިރު ވިދާޅުވި ގޮތުގައި ސަރުކާރުން ކުލި ފަސްކޮށް ދިނުމުން "ވަގުތީ ލުޔެއް" ލިބުނު ނަމަވެސް އިގްތިސޯދު ރަނގަޅު ނުވެ ލަސްވާތީ ބޮޑެތި މައްސަލަތަކެއް ދަނީ ނުކުންނަމުންނެވެ.

"މި ފިހާރަ [ސަރުކާރު އަތޮޅު ފިހާރަ] ތަކުގެ ކުލި ފަސްކޮށް ދިނުމަކީ ލުޔެއް. އެކަމަކު އެ [ކުލި] ދައްކަން ފަށަން ޖެހޭ ތާރީހު އެބަ އާދޭ. ކުލި ދައްކަން ފަށަން ޖެހޭއިރު ކުރީގެ ބައި ވެސް އޭގައި އެބަ ހިމެނޭ. މިއީ އަންނާނެ ބުރަ އެއް. އަޅުގަނޑުމެން ވެސް މާލޭގައި މި އުޅެނީ ކުލި ދީގެން. މިއީ ހުސް ހަރަދު. އެހެންވީމަ އެހެން ގޮތެއް ހޯދައިދޭން އެބަޖެހޭ،" ޝާކިރު ވިދާޅުވި އެވެ.

މި އިގްތިސޯދީ ގެއްލުމުން ވިޔަފާރިތަކަށް ވަގުތީ ގޮތުން ނަމަވެސް ނޭވާއެއް ލެވޭނެ ގޮތެއް ހޯދަން، ސަރުކާރުން "2.5 ބިލިއަން ރުފިޔާ" ގެ "ރިލީފް" ޕެކޭޖެއް ދޫކުރި އެވެ. މީގައި ހިމެނެނީ ބީއެމްއެލް މެދުވެރިކޮށް ބޮޑެތި ވިޔަފާރި ތަކަށް ދޫކުރި ލޯނަކާއި ސަރުކާރާއި ސިޓީ ކައުންސިލްތައް ހިއްސާވާ ބޭންކް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ލުއި ލޯނެވެ. މި ލޯނު ދިނީ ވިޔަފާރި ހިންގަން "ވޯކިން ކެޕިޓަލް" އަށެވެ.

ދެން ދިން އެހީއަކީ ބޭންކުތަކުގެ ލޯނުތައް ފަސްކޮށް ދިނުމެވެ. އެސްޑީއެފްސީގެ ލޯނު ދެނީ ފާއިތުވެދިޔަ އަހަރުގެ އާމްދަނީގެ ގިނަ ވެގެން 10 ޕަސެންޓް އެވެ. އެންމެ ގިނަ ވެގެން ވެސް ދޫކުރާނީ 500،000ރ. އެވެ. އަދި އަމިއްލަ މަސައްކަތްތެރިންނަށް ދެނީ 18،000ރ. އެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓްއަކީ ހަ ޕަސެންޓެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްސީ މެދުވެރިކޮށް 1,229 ކުދި-މެދު ވިޔަފާރިއަކަށް 274.9 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 539 ފަރާތަކަށް 16.1 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ.

އެސްޑީއެފްސީގެ އެހީދިން ދާއިރާތައް

  • ދަނޑުވެރިކަން: 12 ފަރާތަކަށް 2.1 މިލިއަން
  • އާއްމު މުދާ ވިއްކާ: 738 ފަރާތަކަށް 176.5 މިލިއަން
  • ކޮންސްޓްރަކްޝަން: 184 ފަރާތަކަށް 51.7 މިލިއަން
  • މަސްވެރިކަން: 21 ފަރާތަކަށް 4.1 މިލިއަން
  • ތަކެތި އުފައްދާ: 102 ފަރާތަކަށް 17.6 މިލިއަން
  • ޓޫރިޒަމް ސިނާއަތް: 227 ފަރާތަކަށް 51.9 މިލިއަން
  • ދަތުރުފަތުރު: 74 ފަރާތަކަށް 19.2 މިލިއަން ރުފިޔާ
  • އަމިއްލަ މަސައްކަތް ކުރާ: 595 ފަރާތަކަށް 17.8 މިލިއަން ރުފިޔާ

ގިނަ ވިޔަފާރިތަކަށް ދޫކުރި މި ލޯނު ވަނީ މިހާރު ހުސްވެފަ އެވެ. އަވަސްއާ ވާހަކަ ދެއްކި ގިނަ ވިޔަފާރިވެރިން ބުނި ގޮތުގައި ކުރިއަށް އޮތް ތިން މަހު އެހީ ނުލިބިއްޖެނަމަ ވަރަށް ދަތި ވެގެންދާނެ އެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި މާލޭގެ ކުލިތައް ހުރި ގޮތުން ހަތަރު މަަސް ތެރޭ ރިލީފް ފައިސާ ހުސްވެއްޖެ އެވެ. އެހެންވެ ގިނަ ބަޔަކު މިހާރު ތިބީ އެ ފައިސާ ހުސްވެ، ގޮތް ހުސްވެފަ އެވެ.

ރެސްޓޯރެންޓެއް ހިންގާ، ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ލޮކްޑައުންގެ އުސޫލުތަކުގެ ސަބަބުން ސޭލްސް ދަށްވި ނަމަވެސް ހަރަދުތައް ހިންގަމުންދެ އެވެ. އެހެންވެ ވޯކިން ކެޕިޓަލް ހުސްވެ އަތުން ބޮޑު އެއްޗެއް މިހާރު ހޭދަވަމުންދެ އެވެ.

"ރިލީފް ހުސް ވެއްޖެ. ސަރުކާރުން އެހެން ގޮތެއް އެބަޖެހޭ ހޯދައިދޭން. މައްސަލައަކީ ކުލި. މާލޭގައި ކުލި ބޮޑުކަން. އަޅުގަނޑަށް ވިސްނޭ ގޭގޭގެ ވެރިންނަށް ވެސް މިހާލަތުގައި މާކަބޮޑު ލުއި ތަކެއް ނުދެވޭނެކަން. އެ ބޭފުޅުންވެސް ލުއި ދިން. މިހާރު ސަރުކާރުގެ އެހީ ވަރަށް ބޭނުންވޭ އެބަ،" އޭނާ ބުންޏެވެ.

ސަރުކާރުން ފުރަތަމަ ބުނި ގޮތުގައި "2.5 ބިލިއަން ރުފިޔާއަކީ" ސްޓިމިއުލަސް ޕެކޭޖެކެވެ. ނަމަވެސް ފަހުން ނަން ބަދަލުކޮށް މިހާރު ދޫކުރަނީ "އިކޮނޮމިކް ރިލީފް" އެއްގެ ގޮތުގަ އެވެ. މިއީ ވިޔަފާރިތައް ހަމަ ނޭވާލަން ދިން އެހީއެއްގެ ގޮތުގައި ސަރުކާރުން ސިފަ ކުރެ އެވެ. އެހެންވީމަ މިހާރު ރިލީފް ދިން މުއްދަތު މި ދަނީ ހަމަވަމުންނެވެ. މި ވަގުތަކީ ސްޓިމިއުލަސް ޕެކޭޖެއް ބޭނުންވާ ވަގުތެއް ނޫން ހެއްޔެވެ؟

"މިއީ ކުރިއަށް އޮތް ތިން މަހު ކޮންމެވެސް ލެވެލްއެއްގައި ސަވައިވް ވުމަށް ސަރުކާރުން ދޭ އެހީއެއް މިއީ. އަޅުގަނޑުމެން މިބެލީ މިއީ އެންމެ އުނދަގޫ ތިން މަސް ދުވަސް ކަމަށް. ފުރަތަމަ އަޅުގަނޑުމެން ރިލީފް އިއުލާން ކުރިއިރުގަ ކޮންމެ ވެސް ވަރަކަށް ސްޓިމިއުލަސްއޭ ކިޔުނު އެކި ގޮތް ގޮތުން. އެހެންނަމަވެސް، ހަގީގަތުގަ އެއީ އިމީޑިއެޓް އެހީއެއް މިއީ،" އެޕްރީލް 12 ވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

އެހެންވީއިރުމ މި ވަގުތަކީ ސްޓިމިއުލަސް ޕެކޭޖެއް ބޭނުންވާ ވަގުތެއް ނޫން ހެއްޔެވެ؟ އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މި ވަގުތަކީ ސްޓިމިއުލަސް ޕެކޭޖެއް ތައާރަފު ކުރަން ޖެހޭ ވަގުތެވެ. ސަބަބެއް ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ޓޫރިޒަމް ރަނގަޅުވަމުން ދިއުމާއެކު ވިޔަފާރިތަކަށް ދިރުން ގެންނަން ބޭނުންވުމެވެ.

"ދަތި ވަގުތެއް މިއީ ހޯދަން. [އެހީ] އެކަމަކު އައިއެމްއެފް އާއި ވޯލްޑް ބޭންކް ފަދަ ޖަމިއްޔާތަކުގެ އެހީގައި ތައާރަފު ކުރުން މުހިންމު،" މާހިރަކު ވިދާޅުވި އެވެ.

ސްޓިމިއުލަސް ޕެކޭޖެއް ދޫކުރާނަމަ ކިހާ ފައިސާ އެއް ބޭނުން ވާނެ ހެއްޔެވެ؟ މި ހާލަތުގައި އެ ފައިސާ ބޭރުން ލިބިދާނެ ހެއްޔެވެ؟ ރާއްޖޭގެ މާލިއްޔަތުގައި އެ ފައިސާ ދެވޭނެ ކެޕޭސިޓީ އެބަހުރި ހެއްޔެވެ؟

އިކޮނޮމިކް ރިލީފްގެ ނަމުގައި މިހާރު ދޫކޮށްފައިވާ ފައިސާގެ އަދަދުތަކަށް ބަލާއިރު، ސްޓިމިއުލަސް ޕެކޭޖެއްގެ އަދަދު ޑަބަލްވާނެ ކަމަށް ބެލެވެ އެވެ. އެހެންވެ އެންމެ މަދުވެގެން ވެސް އެކަށީގެންވާ އެހީއެއް ދޭން 12 ބިލިއަން ރުފިޔާ ވަރު ބޭނުންވާނެ އެވެ. މިއީ ބަޖެޓުގައި މިހާރު ޑެފިސިޓް ހުރި މިންވަރެވެ. މިކަން ވާނީ ސަރުކާރަށް ވަރަށް ބޮޑު ޗެލެންޖަކަށެވެ. އަދި ސްޓިމިއުލަސް ޕެކޭޖެއްގެ ގެނެސްފިނަމަ މި ފައިސާ ދޭން ޖެހެނީ ހަމައެކަނި ވިޔަފާރި ތަކަށް ނޫނެވެ. "ހެލިކޮޕްޓާ މަނީ" ނުވަތަ އާއްމުންނަށް ބަހާ ފައިސާގެ ގޮތުގައި ވެސް އެހީ އެބަ ދޭން ޖެހެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ވެސް އިންތިހާއަށް އެހީ ބޭނުންވެ އެވެ.

ގިނަ ވިޔަފާރި ތަކަށް ދޫކުރި "ރިލީފް" ހުސްވެއްޖެ އެވެ. އަތްމަތި ދަނީ ހުލިވަމުންނެވެ. ވިޔަފާރިއެއް ނުވެ އެވެ. އެހެންވެ މިހާރު އަވަސް ވާން ޖެހެނި އިތުރު އެހީތެރި ކަމެއް ދެވޭނެ ގޮތެއް ހޯދުމަށެވެ. ހަމައެކަނި ސަރުކާރު ރިކަރަންޓު ހޭދައަށް ފައިސާ ހޯދުމަކުން ނުފުދެ އެވެ. ލަސްނުކޮށް ސަރުކާރުން އިތުރު މަގު ތަކެއް ކޮށައިދޭން އެބަޖެހެ އެވެ