ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ރާއްޖޭން ކިތައް މީހުންގެ ވަޒީފާ ގެއްލިއްޖެ؟

ކޮރޯނާ ވައިރަސްއާ ގުޅިގެން 18 އަހަރާއި 29 އަހަރުގެ ޒުވާނުންގެ 70 ޕަސެންޓް ވަޒީފާތައް ގެއްލި. ވަޒީފާނެތް އާބާދީ ދުނިޔޭގައި އިތުރު ވެދާނެ ކަމަށް އިންޓަނޭޝަނަލް ލޭބަ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ވަނީ ލަފާކޮށްފަ އެވެ. ދުނިޔޭގެ 112 ގައުމެއްގެ 12،000 ޒުވާނުންގެ ބައިވެރިވުމާއެކު އައިއެލްއޯ އިން ހެދި ދިރާސާއިން ދެއްކި ގޮތުގައި ވަޒީފާގެ ހާލަތު ދުނިޔޭގައި އޮތީ ވަރަށް ގޯސްކޮށެވެ. އަދި އެމެރިކާގެ ހަފުތާގެ ވަޒީފާ ހިސާބުތައް ދައްކާ ގޮތުގައި އެ ގައުމުގައި މިމަހު ތެރޭގައި ވެސް މިލިއަނެއްހާ މީހުންގެ ވަޒީފާ ނެތި މަގުމަތި ވުމުގެ ފުރުސަތު އެބައޮތެވެ. ރާއްޖޭގައި މިހާލަތު އޮތީ ކިހިނެއް ހެއްޔެވެ؟ ރާއްޖެއިން ކިހާ ވަޒީފާއެއް ގެއްލިއްޖެ ހެއްޔެވެ؟ މި ނަމްބަރު އެނގޭ ހެއްޔެވެ؟

"ޓޫރިޒަމް ސިނާއަތުން އެކަނި ވަޒީފާ ގެއްލުނު މީހުންގެ ސީދާ އަދަދެއް ބުނާކަން ނޭނގޭނެ. އެކަމަކު އަޅުގަނޑުމެން ފުރަތަމަ ލަފާކުރި ގޮތަށް ގާތްގަނޑަކަށް 11،000 މީހުން ވަނީ ނޯޕޭގައި. އެ އަދަދަކީ ވަރަށް ރަނގަޅު އަދަދެއްގެ ގޮތުގައި ޔަގީން ވަނީ އިންކަމް ސަޕޯޓް އެލަވަންސްގެ އަދަދު ތަކަށް ބަލާއިރު،" ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްްޔާއެއް ކަމަށްވާ ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ސަބަބުން ދުނިޔޭގައި އެންމެ އިފެކްޓް ކުރި ދާއިރާއަކީ ސާވިސް އިންޑަސްޓްރީ އެވެ. ހާއްސަކޮށް ޓޫރިޒަމް ސިނާއަތެވެ. ކޮވިޑް-19 ގެ ބަލާއާފާތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި ޓޫރިޒަމް ސިނާއަތާއި ދަތުރުފަތުރުން ވަނީ ގިނަ ވަޒީފާތަކެއް ގެއްލިފަ އެވެ. މީގެ އިތުރުން ފުޑް އިންޑަސްޓްރީ އާއި ބޮޑެތި ސިނާއަތްތައް ހުއްޓުމުގެ ސަބަބުން ވެސް މީގެ ގެއްލުން ބޮޑެވެ. މި ސިނާއަތްތަކުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާ ވެސް ހިމެނެ އެވެ.

ސާވިސް އިންޑަސްޓްރީ ވޭނެއްގެ ތެރޭ

ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކާއި ގުޅިގެން އާންމުންނަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހެދި ސާވޭއެއް ދެއްކި ގޮތުގައި 44 ޕަސެންޓް މީހުން އާމްދަނީ ހޯދަން ކުރަމުން އައި މަސައްކަތް ވަނީ ހުއްޓިފަ އެވެ. އަދި 37 ޕަސެންޓް މީހުން ގޭގައި ތިބެގެން މަސައްކަތް ކޮށްފައިވާ ކަމަށް ވަނީ ދައްކާފައެވެ. އެގާރަ ޕަސެންޓް މީހުން ލޮކްޑައުންގެ ތެރޭގައި ވެސް އޮފީހަށް ނުކުތެވެ. ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހަކުން އެކަކަށް ލިބެމުން ދިޔަ އާމްދަނީ ލޮކްޑައުންއާ ގުޅިގެން ހުއްޓުނެވެ. އަދި ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާ އަށް އަސަރު ކޮށްފައި ވެއެވެ. ނަމަވެސް ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާ ސަލާމަތް ވެފައިވާ ކަމަށް ސާވޭއިން ދައްކައެވެ. އަދި ކޮންމެ 10 މީހަކުން ތިން މީހެއްގެ މުސާރަ ކުޑަކޮށްފައިވާ ކަމަށް ވެސް ދައްކަ އެވެ.

އެ ސާވޭގައި ބުނާ ގޮތުގައި ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާއަށް ވަނީ އަސަރުކޮށްފަ އެވެ. އެކަމު މިއީވެސް ލޮކްޑައުންގައި ތިބިއިރު ކުރި އަސަރުގެ ދިރާސާ އެކެވެ. މީގެ ހަގީގީ ގެއްލުން ކުރިމަތިވަމުން ދަނީ މިހާރު އެވެ. ދުނިޔޭގައި ވެސް މިކަން އޮތީ މިގޮތަށެވެ. އިގްތިސޯދު ހަމަ ނޭވާލާން މަސައްކަތް ކުރާ ވަގުތަކީ ވަޒީފާ ތަކަށް އެންމެ ބޮޑު އިމްޕެކްޓެއް ކުރާނެ ވަގުތެވެ. އެމެރިކާ ފަދަ ގައުމުތަކުގައި ވަޒީފާތައް އިއުލާނު ކުރުމުން އެވްރެޖު ގޮތެއްގައި ވަޒީފާއަކަށް ތިން މީހުން ކުރިމަތިލާ ކަަމަށްވެ އެވެ. މާހިރުންގެ ނަޒަރުގައި އެމެރިކާގެ ވަޒީފާގެ ބާޒާރަށް ކޮށްފައި އަސަރަކީ އިގްތިސޯދީ ބޮޑު ތަދާ ގުޅިގެން ވަޒީފާގެ ބާޒާރަށް ކުރި އަސަރަށް ވުރެ ތިން ގުނަ ވޭން ބޮޑު ކަމެކެވެ.

ރާއްޖޭގައި ވަޒީފާ ގެއްލިފައިވާ މީހުންގެ ހަގީގީ މަންޒަރު ފެންނާނީ މިގޮތަށް ވަޒީފާ ތަކެއް ހުޅުވާ ލުމުންނެވެ. މާހިރުންގެ ނަޒަރުގައި އެވްރެޖު ގޮތެއްގައި ވަޒީފާއަތަކަށް 30 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ކުރިމަތިލާނެ ކަމަށް ލަފާ ކުރެވެ އެވެ. އޭގެ ސަބަބަކީ ޓޫރިޒަމް ސިނާއަތުގެ އިތުރުން ހޯލްސޭލް އަދި ރިޓެއިލް ވަޒީފާތަކާއި އިމާރާތް ކުރުމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ބޮޑު ހުއްޓުމެވެ.

ވަޒީފާ ގެއްލުމުގެ ވޭން ގިނަ ބަޔަކަށް

ވަޒީފާގެ ދާއިރާއަށް އަސަރު ކުރުމުގައި ހަމައެކަނި ވޭން އުފުލަމުން ދަނީ ޓޫރިޒަމް ސިނާއަތުން އެކަންޏެއް ވެސް ނޫނެވެ. ރާއްޖޭގެ އިގްތިސޯދު ހިފަހައްޓާ އެންމެ ބޮޑު އެއް ސިނާއަތް ކަމަށްވާ އިމާރާތް ކުރުމުގެ ދާއިރާއަށް ކޮށްފައިވާ އިމްޕެކްޓް ވެސް ކުޑައެއް ނޫނެވެ. މި ސިނާއަތުގައި 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ބިދޭސީން މަސައްކަތް ކުރެ އެވެ. އަދި 5،000 އާއި 7،000 ދިވެހިން ވެސް މި ސިނާއަތުގައި އުޅެ އެވެ. މި މުޅި ސިނާއަތުގެ ބޮޑުބައި އޮތީ ސަރުކާރުގެ މަޝްރޫއުތަކަށް ބުރަވެފަ އެވެ. ސަރުކާރުން މި އަހަރަށް ކުރިން 10 ބިލިއަން ރުފިޔާގެ ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކަނޑައެޅި އެވެ. އަދި މީގެ ތެރެއިން ތިން ބިލިއަން ރުފިޔާގެ މަަޝްރޫއު ފެށި އެވެ. މި މަޝްރޫއުތަކުގެ ސަބަބުން މި ސިނާއަތަށް ފައިދާ ތަކެއް ލިބުނެވެ. ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ހުއްޓުމާއެކު މި ސިނާއަތް ވެސް ދަނީ ވޭން ތަހަމަލް ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާ އަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކާ އަދި މި ގެއްލުމުން އަރައި ގަންނަން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ (އެމްއޭއެންއޭސީއައި) އިން އެޕްރީލް މަހު ހެދި ދިރާސާއެއް ދައްކާ ގޮތުގައި ވޭތުވެދިޔަ ތިން މަސް ތެރޭ އެ ސިނާއަތަށް އެކަނި 617 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުންވާނެ އެވެ. މިއީ ވަޒީފާ ތަކެއް ގެއްލިގެން ދިއުމަށް ކޮށޭނެ ފުރުސަތެވެ.

މި ސިނާއަތުގައި ގިނައީ ބިދޭސީންނެވެ. އެހެންވެ ވަޒީފާތައް ގެއްލުމަކީ މައްސަލައެއް ނެތް ކަމަށް ބައެއް މީހުން ހިތަށް އަރާފާނެ އެވެ. އެކަމަކު ބިދޭސީންގެ ވަޒީފާތައް ގެއްލި އެ މީހުންގެ ބޮޑު ބައެއްވެސް މަގުތިވަމުން ދިއުމަކީ ގައުމަށް އޮތް ބޮޑު ނުރައްކަލެވެ. ގައުމުގެ ތެރޭގައި ހަމަ ނުޖެހުން ގެއްލޭނެ ކަމަކަށް ވާނެ އެވެ. އެހެންވެ އެ ޖަމިއްޔާއިން އެދިފައި ވަނީ މި ސިނާއަތުގެ ވަޒީފާތައް ގެއްލުނަ ނުދޭން ކުންފުނިތަކަށް މާލީ ގޮތުން އެހީތެރިވުމަށެވެ. ލުއި އުސޫލެއްގެ ދަށުން ކުންފުނިތަކަށް ލޯނު ދީ ޕްރޮޖެކްޓްތައް ނިންމައި ނުދީހުރި ފައިސާ ދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ ޖަމިއްޔާ އިން ދެކެ އެވެ.

އިންކަމް ސަޕޯޓަށް ކުރިމަތި ނުލަނީ ކީއްވެ؟

ސަރުކާރުން ދަނީ ވަޒީފާ ގެއްލޭ މީހުންނާއި ވަޒީފާ އަށް އަސަރު ކުރާ މީހުންނަށް އެހީތެރިކަން ވެސް ދެމުންނެވެ. އިގްތިސޯދީ ރިލީފްގެ ނަމުގައި 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް އިއުލާނު ކޮށްފައިވެ އެވެ. މި ޕެކޭޖުގައި ހިމަނައިގެން "އިންކަމް ސަޕޯޓް އެލަވަންސް" ދެމުން ގެންދެ އެވެ. މިހާތަނަށް މިހާތަނަށް 8,488 ފަރާތަކަށް ދޫކުރި ފައިސާގެ އަދަދު 35 މިލިއަން ރުފިޔާ އަށް ވުރެ މައްޗެވެ. މި ފައިސާ ދެނީ އަމިއްލަ މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން އާމްދަނީއަށް އަސަރު ކޮށްފައިވާ މީހުންނާއި ވަޒީފާގެ ހާލަތަށް އަސަރު ކޮށްފައިވާ މީހުނަށެވެ. މި ފައިސާ ދޫކުރަނީ އޭޕްރީލް މަހާއި ޖޫން މަހަށެވެ. މި ފައިސާގެ ގޮތުގައި ދެނީ މަހަކަށް 5،000ރ. އެވެ. އިންކަމް ސަޕޯޓް އެލަވަންސަށް އެދިި ހުށަހަޅަން ޖެހެނީ "ޖޮބް ސެންޓަރު ޕޯޓަލް" އަށެވެ.

ވަޒީފާގެ ހާލަތަށް އައި ބަދަލު އެނގޭނެ ރަނގަޅު ދިރާސާއެއް ރާއްޖެއަކު ނެތެވެ. ޓީމްއިން ރިސޯޓްތަކުގައި ތިބި މުވައްޒަފުން ރަށްރަށަށް ދިއުމުގެ ކުރިން ހެދި ދިރާސާ ފިޔަވައި އިތުރު އަދަދެއް ފެންނާކަށް ނެތެވެ. އަދި އިންކަމް ސަޕޯޓަށް އިއުލާނު ކުރުމުން ވެސް ބޮޑު އަދަދެއް އެޕްލައި ކުރާ ތަނެއް ނުފެނެ އެވެ. ޔޫއެންޑީޕީ އިން ލަފާކޮށްފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އުޅޭ 35،000 މީހުންގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ނަމަވެސް އިންކަމް ސަޕޯޓަށް މީގެ ބޮޑުބައި އެޕްލައި ނުކުރަނީ ކީއްވެގެން ހެއްޔެވެ؟

ޓީމްގެ މައުރޫފު ވިދާޅުވި ގޮތުގައި ވަޒީފާއަށް އަސަރުކުރި ގިނަ ބަޔަކު އިންކަމް ސަޕޯޓަށް ލާފައިވެ އެވެ. ނަމަވެސް ވަޒީފާގެ ދާއިރާގައި ކަންކަން ހުރި ގޮތުން ބައެއް ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން ގިނަ ބަޔަކަށް މި އެލަވަންސް ނުލިބެ އެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ ބަޔަކަށް އިންކަމް ސަޕޯޓް ހޯދައިދޭން ފޯމް ފުރުން ފަދަ ކަންކަމުގައި ވެސް އެހީތެރި ވެދެމުން މި ގެންދަނީ. ޓޫރިޒަމް ސިނާއަތުގެ މުވައްޒަފުންނަކީ ސަރުކާރުތަކުން އަޅާލާ ބަައެއް ނޫން. ހާއްސަކޮށް ވަޒީފާގެ ކަންކަމުގައި. އެހެންވެ ވަޒީފާގެ އެއްބަސްވުން ފަދަ އެއްޗިހި ގިނަ ކުދިންގެ އަތުގައި ކޮޕީއެއްވެސް ނުހުރޭ. ފުރަތަމަ އެލަވަންސް ދިންއިރު ގިނަ މުވައްޒަފުން ރިސޯޓުގައި ތިބި. އެކަމަކު މިހާރު ގިނަ މީހުން ތިބީ ރަށްރަށުގައި. އެހެންވެ ބައެއް މީހުންނަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަން ވެސް ދަތިވެފައިވޭ،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަޒީފާގެ މައްސަލާގައި ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކެއްގެ މުވައްޒަފުންގެ މައްސަލަ އެ ޖަމިއްޔާ އިން ޓްރައިބިއުނަލް އަށް ވެސް ހުށަހަޅާފައިވާނެ އެވެ.

"ލަގްޒަރީ ބޮޑު ރިސޯޓުތަކެއްގެ 75 މުވައްޒަފުންގެ އުޅުނު ވަޒީފާ މި ހާލަތުގައި އުވާލި މައްސަލައެއް ވާނީ ޓްރައިބިއުނަލްއަށް ހުށަހަޅާފަ،" މައުރޫފު ވިދާޅުވި އެވެ.

ގެއްލުނު ވަޒީފާގެ ސީދާ ނަމްބަރެއް ނޭނގެ އެވެ. ނަމަވެސް މި ނުރައްކާ ބޮޑު ކަމަށް ބަލައި ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ދިއުން ފުޅާކޮށްފަ އެވެ. ޓޫރިޒަމް ރަނގަޅު ނުވާނަމަ އިތުރު ވަޒީފާ ތަކެއް ގެއްލިގެން ދާނެ އެވެ. ސަރުކާރުން ގަބޫލު ކުރާ ގޮތުގައި އިގްތިސޯދީ ރިލީފްގެ ސަބަބުން ގިނަ ވަޒީފާ ތަކެއް ގެއްލުނަ ނުދީ ހިފެހެއްޓިފައިވެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވާ ގޮތުގައި 30،000 ނޫނީ 40،000 ވަޒީފާ މިހާލަތުން ގެއްލޭނެ ކަމަށް ވާހަކަ ދެއްކެވުނު ނަމަވެސް އެކަން އޮތީ އެހެން ނޫނެވެ.

"ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރީ 1،500 ވަރަކަށް މީހުން. ސީދާ އަދަދަކީ 1،449 މީހުން. ޖުމްލަ 928 ފަރާތެއް ވަޒީފާ އަށް އަސަރުކޮށްގެން. މިސާލަކަށް ނޯޕޭ އަކަށް. ގިނަ ފަރާތްތަކުގައި ހުރީ މުސާރަ ކުޑަކޮށްފައި،" ފައްޔާޒު ވިދާޅުވި އެވެ

އިގްތިސޯދު ރަނގަޅު ވާނެ ދުވަހެއް ވެސް ނޭނގެ އެވެ. ފަހަރުގައި މި އަހަރު ފަހުކޮޅު ވެސް ރަނގަޅުވާން ފަށާފާނެ އެވެ. ނޫނީ އަންނަ އަހަރު ކުރީކޮޅަށް ވެސް މި ކަން ބަދަލު ވެދާނެ އެވެ. އިގްތިސޯދީ ދުޅަހެޔޮ ކަމަކީ ވަޒީފާތައް އިތުރުވުމާއި މަދުވުން ބިނާވާނެ ސަބަބެވެ. އެކަމަކު ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭން ވަޒީފާ ގެއްލުނީ ކިތައް މީހުން ކަމެއް ބުނަން އެނގޭ އެކަކުވެސް ނެތެވެ. އެ ނަމްބަރު އަދި އޮތީ ފޮރިވި ނޭނގުމެއްގެ ތެރޭގަ އެވެ.