ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ޓޫރިޒަމް ރަނގަޅު ނުވާނެ ހާލަތަށް ސަރުކާރު ތައްޔާރު ވަނީ

ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލި ނަމަވެސް އެކަށީގެންވާ އަދަދަކަށް ޓޫރިސްޓުން ނާންނާނެ ކަމަށް ބަލައި ސަރުކާރުން އެކަމަށް ތައްޔާރުވާން ފަށައިފި އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ އެކަށީގެންވާ ވަރަށް ޓޫރިސްޓުން ރާއްޖެ ނާންނަމަ، މިގޮތުގައި ހިފަހައްޓަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި އެއް ކަމަކީ ވަޒީފާ ގެއްލުނު މީހުނާއި ވަޒީފާއަށް އަސަރު ކޮށްފައިވާ މީހުނަށް ދޭ "އިންކަމް ސަޕޯޓް އެލަވަންސް" ގިނަ ބަޔަކަށް ލިބޭ ގޮތަށް ފުޅާ ކުރަން ނިންމުމެވެ. އަދި އިންކަމް ސްޕޯޓް އެލަވަންސް ލިބޭ ގޮތް ފުޅާ ކުރަން ނިންމައި އެކަމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޖުލައި ސެޕްޓެމްބަރު އޮކްޓޫބަރަށް އިންކަމް ސްޕޯޓް ކުރިއަށްވުރެ ފުޅާކޮށް، މިހާރު އޮންނަ އުސޫލުގެ ތެރެއިން ނުދެވޭ މީހުންނަށް ދެވޭ ގޮތަށް ބައްޓަން ކޮށްފައި ގާނޫނީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރުމުގެ މަރުހަލާއެއްގައި މި އުޅެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ގޮތް ގޮތުން 30،000 ނޫނީ 40،000 ވަޒީފާ ގެއްލުނު ކަމަށް ކީ ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށާއި ސަރުކާރުން ދިން އެހީތަކުގެ ސަބަބުން ވަރަށް ގިނަ ވަޒީފާތާއް ނުގެއްލި ހިފެހެއްޓިފައި ވެސް އެބަހުރި ކަމަށެވެ.

"ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ކުރީ 1،500 ވަރަކަށް މީހުން. ސީދާ އަދަދަކީ 1،449 މީހުން. ޖުމްލަ 928 ފަރާތެއް ވަޒީފާއަށް އަސަރުކޮށްގެން... މިސާލަކަށް ނޯޕޭ އަކަށް. ގިނަ ފަރާތްތަކުގައި ހުރީ މުސާރަ ކުޑަކޮށްފައި،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން އިތުރަށް ވިޔަފާރިތަކަށް އެހީވާން "ސްޓިމިއުލަސް" ގެ މަސައްކަތް ތަކެއް ވެސް ކުރަމުން ގެންދާ ކަމަށާއި ވިސްނުމުގައި އޮތީ ސްޓިމިއުލޭޓް ކުރުމުގެ ގޮތުން ސަރުކާރުގެ ޕްރޮޖެކްޓްތައް ރާއްޖޭގެ ފަރާތްތަކަށް ލިބޭނެ ގޮތް ހެދުމުގެ އިތުރުން ލޯނުގެ އެހީތެރިކަންކަން ފޯރުކޮށް ދިނުމުގައި ވެސް ހުރިހާ ވިޔަފާރިތަކަށް ޓާގެޓް ކުރުމުގެ ބަދަލުގައި ކާމިޔާބު ކުރެވޭ، އަދި ހިފެހެއްޓޭނެ ވިޔަފާރިތައް ބެލުން ކަމަށެވެ.

ސަރުކާރުން އިންކަމް ސްޕޯޓުގެ ގޮތުގައި މިހާތަނަށް 8,488 ފަރާތަކަށް 35 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި 17،000 ފަރާތެއްގެ ލޯނު ފަސްކޮށް ދީ، އެސްޑީއެފްސީ އިން 300 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެ އެވެ. ބީއެމްއެލް އިން ވެސް 400 މިލިއަން ރުފިޔާގެ ލޯނު ދީފައިވެ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް މިހާތަނަށް އައިސްފައިވަނީ 2،000 ޓޫރިސްޓުންނެވެ. އެ ސިނާއަތުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެކަށީގެންވާ ވަރަށް ޓޫރިސްޓުން އަންނަން ފަށާނީ އޮކްޓޫބަރުން ފެށިގެނެވެ.