ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަންމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރަން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް މިއަދު އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި މަރުކަޒީ ބޭންކް ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން އެކުލަވާލައި އިއުލާންކޮށްފައިވާ ޕެކޭޖަކީ މިވަގުތު ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.
"ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ވަނީ ނިންމާފައި. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން. މިއީ ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ޕެކޭޖެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ލޯނު ދޫކުރާނީ މި ދަނޑިވަޅުގައި ވޯކިން ކެޕިޓަލަށް ދިމާވާ ދަތިތައް ހައްލު ކުރަން ކަމަށެވެ. މީގެ ބޭނުމަކީ ވިޔަފާރިތައް ހީނަރުވުމާ ގުޅިގެން ދިވެހިންގެ ވަޒީފާތައް ގެއްލުމުގެ ފުރުސަތާއި ޕްރައިވެޓް ސެކްޓާގެ މުސާރަތައް ކުޑަ ކުރުމަށް އޮންނަ ފުރުސަތު ކުޑަކުރަން ކަމަށެވެ.
އެގޮތުން، އަމީރު ވިދާޅުވީ ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓު އިންޓްރެސްޓުގައި ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އެހީ ހެޔޮ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، މިހާރު ތިބި މުވައްޒަފުން މަދުނުކުރަން ޝަރުތު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މި އެހީތެރިކަން ލިބޭނީ އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް. އެގޮތުގެ މަތިން އެ ލޯނު ފެސިލިޓީތައްވެސް ލިބިގެންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑޮލަރުގެ ދަތިކަމާއެކު، ދިވެހި ރުފިޔާގެ އަގު ވެއްޓިދާނެކަމުގެ ބިރާ ގުޅޭގޮތުން، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ރާއްޖޭގައި ދައުރުވާ ޑޮލަރުގެ ނިސްބަތް ހިފެހެއްޓުމަށްޓަކައި ބޭންކުންތަކުން ބަހައްޓަންޖެހޭ ރިޒާވްވެސް ދަށްކުރާނެ ކަމަށެވެ. އެއާއެކު ރުފިޔާގެ އަގު މިހާރު ހުރި ވަރުގައި ހިފެހެއްޓޭނެކަމަށް އަލީ ހާޝިމް ވިދާޅުވި އެވެ.
އެގޮތުން، ބޭންކުތަކުގެ ލިކިއުޑިޓީ ރޭޝިއޯ ފަސް ޕަސަންޓަށް ކުޑަކޮށް، 150 މިލިއަން ޑޮލަރު ބޭންކުތަކަށް އިންޖެކްޓް ކުރުމަށް ނިންމާފައިވާ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
އެ ގޮތުން، ދިވެހި ރުފިޔާގެ އަގު ދަށްނުވުމާ އެކު، އިގްތިސާދުގައި ޑޮލަރު ދައުރުވާކަން ކަށަވަރު ކުރުމަށް ބޭންކުތަކަށް 150 މިލިއަން ޑޮލަރު ދޫކުރުމަށް ނިންމާފައިވާ ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އެ 150 މިލިއަން ޑޮލަރު ހަމަޖައްސަނީ އިންޑިއާގެ ރިޒާވް ބޭންކާ އެކު މިދިޔަ އަހަރު ހަދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ ދަށުން ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ރާއްޖޭން ވެސް އެ ވައިރަސް ފެނުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ބައެއް ގައުމުތަކުން މީހުން އައުމުން ވެސް ވަނީ މަނާކޮށްފަ އެވެ. މިކަމާ ގުޅިގެން ދައުލަތަށް ބޭރުގެ ފައިސާ އިން ލިބޭނެ 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި، ކޮވިޑް-19 ފެތުރުން ހުއްޓުވޭ ހިސާބަށް ދިޔުމާއެކު ދުނިޔޭގެ އިގުތިސޯދުވެސް އަލުން ހިނގައިގަންނާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ހަޔެއްކަމަސް، އަށެއްކަ މަސް ތެރޭ އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއެރުމަށް އޮތް ފުރުސަތު ބޮޑުކަމަށް. ސަރުކާރުން އިންޓަވެންޝަން އެއް މިހަދަނީ އެހާ ހިސާބަށް ދަންދެން ހުރި ދަތިތައް ފިލުވާލުމަށް،" ފައްޔާޒް ވިދާޅުވި އެވެ.