ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

ހަ މަހުގެ ތަދާއި ފެންނާނެ މަންޒަރު!

ރާއްޖޭގެ އިގްތިސޯދުގެ 70 ޕަސެންޓް އެކި ސިފަ ސިފާގައި ހިއްސާ ކުރަނީ ޓޫރިޒަމެވެ. އެހެންވެ، މި ސިނާއަތަށް ނަގާ ކޮންމެ ރާޅެއްގެ އެންމެ ބާނި ރާއްޖެ އަށް ލައްވާލަ އެވެ. މިހާރުގެ ހާލަތަކީ ވެސް މިއީ އެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި ނަމަވެސް ދުނިޔޭގައި ކޮވިޑް-19 ފެތުރި މާޗް 15 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ގެއްލުމާ ކުރިމަތިލާން ފެށި އެވެ. މީގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އެކަނި ލިބުނު ގެއްލުން ބިލިއަން ޑޮލަރަށް ވުރެ މައްޗެވެ. އަދި މި ގެއްލުން ކުޑަ ކުރުމުގެ އުންމީދުގައި މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ފެންނަމުން ދަނީ ހިތް ދަތި މަންޒަރެކެވެ.

ބޯޑަރު ހުޅުވުމާއެކު 60 އަށް ވުރެ ގިނަ ރިސޯޓާއި 40 އަށްވުރެ ގިނަ ސަފާރީ އޮޕަރޭޝަނަށް ގެނެސްފި އެވެ. ނަމަވެސް ރާއްޖެއަށް މިހާތަނަށް އައިސްފައި ވަނީ 2،000 ޓޫރިސްޓުންނެވެ. ބޯޑަރު ހުޅުވި ފަހުން މަހެއް ވާން ކައިރިވާއިރު، މި އެކަށީގެންވާ އަދަދަކަށް ޓޫރިސްޓުން ނައުމަކީ ރާއްޖޭގެ އިގްތިސޯދީ މަލަމަތި އިތުރަށް ބަނަ ވެގެންދާނެ ކަމެކެވެ.

ބޯޑަރު ހުޅުވުނަސް ޓޫރިޒަމް ރަނގަޅުވުމުގެ އެއްވެސް ކުލަވަރެއް ނުފެނުނުއިރު، ބަލަހައްޓައިގެން ތިއްބައި އިގްތިސޯދު ހީނަރުވެ، އެތައް ބައެއްގެ ވަޒީފާ ނުރައްކަލުގެ ތެރެ ވައްޓާލައިފި އެވެ. ބުރަ މަސައްކަތުން ކޮޅަށް ޖެހި އެތައް ކުދި ވިޔަފާރިއެއް ހުއްޓި އެތައް ބަޔަކު މަސައްކަތް ނެތި އަތް އުރާލައިގެން ތިބޭ ހާލަތަށް ގޮސްފި އެވެ. ރައްޔިތުންގެ އަތްމަތި ދަތިވެ، ކުއްޔަށް އުޅުނު އެތައް ބަޔަކު ކުލި ނުދެއްކިގެން މާލެއިން ރަަށަށް ވެސް ބަދަލު ވެއްޖެ އެވެ. އެކަމަކު މިއީ އަދި ފެށުމެކެވެ. މި ބަލާއާފާތުގެ ހަގީގީ ބޮޑު ދަތުގެ މަންޒަރު ފެންނާނީ ކުރިއަށް މިއޮތް ހަ މަސް ތެރޭގަ އެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި ކުރިއަށް އޮތް ހަ މަސް ނޫނީ އަށް މަސް ވަރަށް ދަތިވާނެ. ނަމަވެސް އޭގެ ފަހުން މަޑިމަޑުން ނޯމަލްއަކަށް ދާން ފުރުސަތު ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވެނީ، އެ މިސްރާބަށް ކަންކަން ގޮސް އަހަރެއް ދޮޅު އަހަރު ވާއިރު ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް ލަފާ ކުރެވޭ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.

ވަޒީފާތައް ގެއްލުމުގެ ބިރު ބޮޑު

ސުވާލަކީ މިއީ އެވެ. ހަ މަސް ނޫނީ އަށް މަސް ފަހުން ޓޫރިޒަމް ރަނގަޅު ވެގެންދާއިރު، ރާއްޖޭގެ އިގްތިސޯދު އޮންނާނީ ކިހިނެއް ހެއްޔެވެ؟ މިހާރުގެ ގެއްލުމާއެކު ކުރިއަށް ދުރުމި އަޅާލާއިރު ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ އެ ހާލަތަށް ދާއިރަށް ރައްޔިތުން ތިބޭނީ ކޮން ހާލެއްގައި ހެއްޔެވެ؟

ޓޫރިޒަމް ރަނގަޅުވާން ފެށުން އޮތީ ދުނިޔޭގެ ބޯޑަރުތަކުން މީހުން ދަތުރު ކުރަން ލުއި ދޭ ގޮތަށާއި، ރާއްޖޭގައި ކޮވިޑް-19 ގެ ބަލި މައިތިރި ވަމުންދާ ގޮތެއްގެ މައްޗަށެވެ. ޓޫރިޒަމް ރަނގަޅުވާން ފެށުމުގެ ފުރުސަތު އެންމެ ބޮޑީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އެ ހިސާބަށް ހިނގައްޖެނަމަ އިގްތިސޯދީ ގޮތުން ބޮޑު ތަދެއް ފެނުން ގާތެވެ. ރާއްޖެއަށް ބޭނުންވާ ކާބޯ ތަކެތި ބަރާބަރަށް ލިބުނު ނަމަވެސް އިގްތިސޯދީ ގޮތުން ރައްޔިތުންނަށް އިހުސާސް ވާނެ ތަދެއް ފެނުމުގެ ފުރުސަތު އެބައޮތެވެ.

އެ ހާލަަތަށް ދާއިރު އެންމެ ފުރަތަމަ އިމްޕެކްޓް އަންނާނީ ކުދި މެދު ވިޔަފާރި ތަކަށެވެ. ދުނިޔޭގެ ބޮޑެތި އިގްތިސޯދުތަކަށް ވެސް މި އިމްޕެކްޓް ކުރާއިރު ރާއްޖެއަށް މި އަސަރު ކުރުން މާ ބޮޑު ވާނެ އެވެ. ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދު ކަމަށްވާ އެމެރިކާގައި 50 މިލިއަން މީހުން ތިބީ ވަޒީފާއިން އެއް ފަރާތް ވެފަ އެވެ. ވިޔަފާރިތައް ވަގުތީ ގޮތުން ނަމަވެސް ބަންދު ކޮށްފައި ވާތީ ގިނަ ބައެއްގެ ވަޒީފާ ގެއްލުނީ އެވެ.

ރާއްޖޭގައި ވެސް މި ހާލަތު އޮތީ މިގޮތަށެވެ. ޓޫރިޒަމް ސިނާއަތުން އެކަނި 35،000 ވަޒީފާ ވަނީ ނުރައްކަލުގެ ތެރޭގަ އެވެ. ގިނަ ބަޔަކު ތިބީ ގޭގަ އެވެ. ނުވަތަ ނޯޕޭގައި ގެއަށް ފޮނުވާލާފަ އެވެ. އަދި އިގްތިސޯދު ދުޅަހެޔޮކޮށް އޮތްއިރު އަމިއްލަ މަސައްކަތް ކުރި އެތަށް ބަޔަކު ތިބީ މަސައްކަތް ހުއްޓިފަ އެވެ.

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމަށް ބޮޑު ދައުރެއް އަދާކުރާ ވިޔަފާރިތައް ހީނަރުވެފައިވާއިރު، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާ ވެފައިވާ ގައުމަކަށް ވުމުން ބޭރު ފައިސާއަށް އިންތިހާ އަށް ބޭނުން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ލިބުމުގައި މިހާރު ދަތި ތަކެއް އެބަހުއްޓެވެ. ސަރުކާރުން ވެސް އެކަން ގަބޫލު ކުރެ އެވެ.

ރައްޔިތުން މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވި ގޮތުގައި ރާއްޖޭގައި ޕެރަލަލް މާކެޓުގެ އަގުތައް މަތިވަމުންދެ އެވެ.

"އަޅުގަނޑުމެންނަށް ޑޮލަރު މި ލިބެނީ ހަމައެކަނި ޓޫރިޒަމް ސެކްޓާ އިން. ރިސޯޓް ސެކްޓާ މިއޮތީ ބަންދުވެފަ، އެހެންވެ
އަޅުގަނޑުމެންނަށް އޭގެ ދަތި ތަކެއް އެބަ ދިމާވޭ. އެ ކަންތައްތައް ހައްލު ކުރަން 24 ގަޑިއިރު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ. މިހާރު ޕެރަލެލް މާކެޓްގައި އަގުތައް މަތިވަމުން އެބަދޭ، އެކަންތައް ހައްލު ކުރަން މަސައްކަތް ތަކެއް ކުރެވޭ،" އަމީރު ވިދާޅުވި އެވެ.

ރާއްޖެ އަށް މިހާރު އިންތިހާ އަށް މިވަނީ ޑޮލަރަށް ބޭނުންވެފަ އެވެ. އެކަން ހައްލު ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވެސް ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާ އެކު ވެސް ވިޔަފާރި ތަކަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދެވޭނެ ކަމަށް އުންމީދު ކުރައްވަ އެވެ.

"މިހާރު ވެސް ކޮވިޑް ހާލަތާ ގުޅިގެން އާއްމު ވިޔަފާރިތަކަށާއި އެކި އެސްއޯއީ [ސަރުކާރު ކުންފުނި] ތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ކުރިއަށް ވުރެ އިތުރަށް ބޭންކު ތަކަށް މިދަނީ ޑޮލަރު ދޫކުރަމުން. މިގޮތުން، ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެ ކުރުމަށް ހާއްސަކޮށްގެން ޑޮލަރު ދޫކުރަން،" އަލީ ހާޝިމް ވިދާޅުވެފައި ވެ އެވެ.

މިހާރު ވެސް ކޮވިޑް ހާލަތާ ގުޅިގެން އާއްމު ވިޔަފާރިތަކަށާއި އެކި އެސްއޯއީ [ސަރުކާރު ކުންފުނި] ތަކަށް ޑޮލަރު ފޯރު ކޮށްދިނުމަށް ކުރިއަށް ވުރެ އިތުރަށް ބޭންކު ތަކަށް މިދަނީ ޑޮލަރު ދޫކުރަމުން. މިގޮތުން، ކާނާގެ ބާވަތްތަކާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެ ކުރުމަށް ހާއްސަ ކޮށްގެން ޑޮލަރު ދޫކުރަން
އަލީ ހާޝިމް | ގަވަރުނަރު

ސަރުކާރުން ބުންޏަސް އަދި ގަވަރުނަރު ވިދާޅުވި ނަމަވދސް އެކަން އެގޮތަށް ވާތަނެއް ނުފެނެ އެވެ. ލަރުގެ ރޭޓް ދަނީ މަތިވަމުންނެވެ. މިހާރު ރާއްޖޭގައި ޑޮލަރެއްގެ އަގު ހުރީ 18ރ. ގަ އެވެ. ބޮޑެތި އިމްޕޯޓަރުންގެ ޝަކުވާއަކީ މުދާ ގަންނަން ބޭރަށް ހަދާ ޑޮލަރުގެ ޓީޓީގެ 10 ޕަސެންޓު ވެސް ނުލިބޭތީ އެވެ. އަދި މިހާރު ނަގަން ޖުބޫރުވެފައި ވަނީ ބޮޑު އަގުގައި މާކެޓުން ބޭރުންނެވެ. ބެލެވޭ ގޮތުން މިކަން އިތުރަށް ގޯސްވުމުގެ ފުރުސަތު އެބައޮތެވެ. އަދި މިއީ މުދަލުގެ އަގަށް ބޮޑެތި އަސަރު ކުރާނެ ސަބަބެކެވެ.

ފޮނުވާލާ ބިދޭސީން ޑޮލަރު ކޮޅު ހިފައިގެން

ކުރިން ލަފާކުރެވުނު ގޮތުން އިމްޕޯޓް ދަށްވުމުން ޑޮލަރު ހޯދަން ފަސޭހަވާނެ އެވެ. ނަމަވެސް ރިސޯޓްތައް ހުޅުވަން ފަށާއިރު އިމްޕޯޓް މަތިވާނެ ކަމަށް މިހާރު ވަނީ ބެލެވެ އެވެ. އަދި މި ދަނޑިވަޅު އެތައް މިލިއަން ޑޮލަރެއް ބަލްކްކޮށް ބޭރު ވާން ފެށުމަކީ ވެސް ކުރިއަށް އޮތްތަނުގައި ކުރިމަތި ވާނެ ބޮޑު މައްސަލައެކެވެ. ކޮންމެ ހަފުތާއަކު ރާއްޖޭން ބިދޭސީންތަކެއް ގައުމަށް އެބަދެ އެވެ. ނުވަތަ ފޮނުވާލަ އެވެ. މީގެ ކޮންމެ މީހަކު ހަފުތާއަކު 4،000 ޑޮލަރު ރާއްޖޭން ގެންދާ ކަމަށް ބެލި ނަމަވެސް ހަފުތާއަކު 1.6 މިލިއަން ޑޮލަރު ނުވަތަ މަހަކު ބަލާނަމަ ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރު ރާއްޖޭން ބޭރު ވެގެން އެބަދެ އެވެ.

ޑޮލަރުގެ މާރުކޭޓަށް ކުރިމަތިވާނެ މައްސަލަތަކާއި ވިޔަފާރި ތަކަށް ކުރިމަތިވާނެ ދަތިތަކުގެ އިތުރުން، ކުރިއަށް އޮތް ހަ މަސް ދުވަހު ފެންނާނެ އެންމެ ހިތް ދަތި މަންޒަރަކީ ދައުލަތުގެ އާމްދަނީ ހީނަރުވުމުގެ ސަބަބުން ކުރިމަތިވާނެ ދަތި ކަމެވެ. އޭގެ ސަބަބުން ދައުލަތް އުފުލަން ޖެހޭނެ ބޮޑު ދައްޗެވެ. ހިދުމަތް ދެވޭ ތޯ ސަރުކާރަށް އުފުލަން ޖެހޭ ބުރަ އެވެ.

ދައުލަތަށް އާމްދަނީ ލިބޭ މައިގަނޑު ދާއިރާ ކަމަށްވާ ޓެކުހުގެ އާމްދަނީ ބޮޑު ތަނުން ދަށްވާނެކަން ވަނީ ޔަގީންވެފަ އެވެ. ބެލެވޭ ގޮތުން އެންމެ ގިނަ ވެގެން ވެސް މި އަހަރު ޓެކުހުގެ ގޮތުގައި ލިބޭނީ ނުވަ ބިލިއަނެއްހާ ރުފިޔާ އެވެ. ޓެކްސް ނޫން ގޮތް ގޮތުން އެންމެ ގިނަ ވެގެން ވެސް ލިބޭނީ ތިން ބިލިއަން ރުފިޔާ އެވެ. އެހެންވީމަ މި އަހަރު ދައުލަތުގެ އާމްދަނީ އިން 14 ބިލިއަން ރުފިޔާ އުނި ވެގެން ދާނެ އެވެ. މީގެ އަސަރު ދިވެހި ރައްޔިތުންނަށް ދަތި އިހުސާސެއްގެ ގޮތުގައި ކުރިއަށް އޮތް ހައެއްކަ މަސް ތެރޭ ފެންނާނެ އެވެ.

ގޯސްވާނެ ހާލަތަށް ތައްޔާރު ވަނީ

އިގްތިސޯދީ ގެއްލުން ކުޑަކޮށް ވިޔަފާރިތައް ސަލާމަތް ކުރެވޭތޯ ސަރުކާރުން މަސައްކަތް ތަކެއް ކުރަމުންދެ އެވެ. ނަމަވެސް ރާއްޖެއަކީ މިފަދަ ހާލަތަށް ތައްޔާރުވެފައި އޮތް ގައުމެއް ނޫނެވެ. އެހީވާނެ ވަސީލަތްތަކެއް ނެވެ. އެހީވާން ހާއްސަ ފަންޑުތަކެއް ނެތެވެ. ނަމަވެސް ސަރުކާރުން ދަނީ ލޯނު ފަސްކޮށް ދީ، ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ވެސް ލޯނު ދޫކުރަމުންނެވެ. މިހާތަނަށް 17،000 އަށްވުރެ ގިނަ ލޯނު ވަނީ ފަސްކޮށް ދީފަ އެވެ.

ރިލީފް ލޯން 1،762 ފަރާތަކަށް ޖުމްލަ 784.1 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. ބޮޑެތި ވިޔަފާރި ތަކަށް ގައުމީ ބޭންކް ބީއެމްއެލް މެދުވެރިކޮށް 335 ފަރާތަކަށް ލޯނު ދީފައިވެ އެވެ. އެ ބޭންކުން އެކަނި 486 މިލިއަން ރުފިޔާ އަދި 6.5 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފި އެވެ. މީގެ އިތުރުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 1،427 ފަރާތަކަށް ޖުމްލަ 198 މިލިއަން ރުފިޔާ މިހާރު ވަނީ ދޫކުރެވިފަ އެވެ. އަދި ވަޒީފާ ގެއްލި ނުވަތަ އަސަރުކޮށްފައިވާ ފަރާތްތަކަށް 5،000ރ. ގެ މަގުން 8.000 އަށްވުރެ މީހުންނަށް 46 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ސަރުކާރުން ވަނީ މި އެހީތެރިކަމުގެ އިތުރުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތަދަށް ތައްޔާރުވާން ވެސް ފަށާފަ އެވެ. ވަޒީފާ ގެއްލުނު މީހުންނާއި ވަޒީފާ އަށް އަސަރު ކޮށްފައިވާ މީހުނަށް ދޭ "އިންކަމް ސަޕޯޓް އެލަވަންސް" ގިނަ ބަޔަކަށް ލިބޭ ގޮތަށް ފުޅާ ކުރެވޭ ގޮތް ވަނީ ހަމަ ޖައްސާފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުން އިތުރަށް ވިޔަފާރި ތަކަށް އެހީވާން ދޭ "ސްޓިމިއުލަސް" ގެ މަސައްކަތް ތަކެއް ވެސް ކުރަމުން ގެންދާ ކަމަށާ ވިސްނުމުގައި އޮތީ ސްޓިމިއުލޭޓް ކުރުމުގެ ގޮތުން ސަރުކާރުގެ ޕްރޮޖެކްޓްތައް ރާއްޖޭގެ ފަރާތްތަކަށް ލިބޭނެ ގޮތް ހެދުމުގެ އިތުރުން ލޯނުގެ އެހީތެރިކަންކަން ފޯރުކޮށް ދިނުމުގައި ވެސް ހުރިހާ ވިޔަފާރިތަކަށް ޓާގެޓް ކުރުމުގެ ބަދަލުގައި ކާމިޔާބު ކުރެވޭ، އަދި ހިފެހެއްޓޭނެ ވިޔަފާރިތައް ބެލުން ކަމަށެވެ.

އެނގޭ ކަމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ކުރިއަށް ދަތި ދުވަސްވަރު އަދި ކުރިއަށް އޮތީ ކަމެވެ. ކުރިއަށް އޮތް ހަ މަސް ދުވަސް ވެގެން ދާނީ ތަފާތު ތަޖުރިބާއެއް ކުރެވޭނެ ދުވަސް ވަރަކަށެވެ. ދަތިވާނެ އެވެ. އެކަމަކު އޮތީ ކެތްތެރިވުމެވެ. ހިތްވަރު ކުރުމެވެ. މިހާރުން ފެށިގެން ރައްކާކޮށް ތައްޔާރުވުމެވެ.