ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

އިގްތިސޯދީ ޕެކޭޖުން ހަމަ ނޭވާ ލެވޭނެތަ؟

Mar 25, 2020
8

ކޮވިޑް-19 އިގެ ބަލާއާފާތާއެކު ދުނިޔޭގެ އިގްތިސޯދަށް މި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. މި ގެއްލުން ރާއްޖޭގެ ގޮނޑުދޮއް ތަކާ ހަމައަށް ލައްވާލީ ބޮޑެތި ބިޔަ ރާޅު ތަކެއްގެ ގޮތުގަ އެވެ. މި ބަލާމުސީބާތުގެ ސަބަބުން ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ގާތްގަނޑަކަށް މިހާރު ވަނީ ހުއްޓިފަ އެވެ. މި ބަލާއާފާތް ދުނިޔެއާ ލައްވާލިއިރު ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ ހުރީ 70 ޕަސެންޓުގަ އެވެ. އޭރު ރާއްޖޭގައި 150 ރިސޯޓާއި 600 އަށް ވުރެ ގިނަ ގެސްޓްހައުސް އޮޕަރޭޓް ކުރަމުން ދިޔަ އެވެ.

ނަމަވެސް، ބަލި ފެތުރުމުގެ ބިރާއެކު އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލައި ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމުގެ ނަތީޖާއަކީ މިހާތަނަށް ރާއްޖޭގައި ބަންދު ކުރި ރިސޯޓުގެ އަަދަދު 21 އަށް ވުރެ އިތުރުވެފައި ވުމެވެ. ބާކީ ހުރި ރިސޯޓުތައް ބަންދު ނުކުރި ނަމަވެސް އެ ތަންތަން ގާތްގަނޑަކަށް އޮތީ ހުއްޓިފަ އެވެ.

ޓޫރިޒަމް ސިނާއަތަށް ލިބެމުންދާ މި ގެއްލުމުގެ އަސަރު ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ނުވަތަ 9.2 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މީގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން މި އަހަރު ބޮޑު ތަނުން ދަށްވާނެ ކަމަށް ވަނީ ބެލިފަ އެވެ.

ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން ކުރިން 7.5 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ބެލެވުނު ނަމަވެސް މިހާރުގެ އަންދާޒާއަކީ އިގްތިސޯދީ ދުވެލި ހުއްޓި ދުވެލި 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓުމެވެ. އަދި ގިނަ ވިޔަފާރިތަކަށް މީގެ ނުރަނގަޅު އަސަރު މިހާރު ވެސް ވަނީ ކުރަން ފަށާފަ އެވެ. މާލީ ގޮތުން ލިބޭނެ ގެއްލުން ތަކުގެ އިތުރުން އަނެއް ކްރައިސިސްއަކަށް ވާނީ ގިނަ ބައެއްގެ ވަޒީފާތައް ގެއްލުމެވެ.

ޓޫރިޒަމް ދާއިރާގައި ގާތްގަނޑަކަށް 30،000 މީހުން ވަޒީފާ އަދާކުރެ އެވެ. މީގެ ތެރެއިން 17،000 މީހުންނަކީ ދިވެހިންނެވެ. މީގެ ކޮންމެ ދިވެއްސެއްގެ ފަހަތުގައި ބޮޑު އާއިލާއެއް އޮވެ އެވެ. އެހެންވެ އެ މީހުންނަށް ލިބޭނެ ގެއްލުން ކުޑަ ކުރުމަކީ ވެސް ސަރުކާރުން ކުރަން ޖެހޭނެ ކަމެކެވެ.

މި ހުރިހާ ކަމަކަށް ވިސްނައި ސަރުކާރުން ވަނީ އިގްތިސޯދު ދަމަހައްޓަން 2.5 ބިލިއަން ރުފިޔާގެ އިގްތިސޯދީ އެހީގެ ޕެކޭޖެއް ނެރެފަ އެވެ. މި ޕެކޭޖުން އިގްތިސޯދަށް ލިބެމުން ދާ ގެއްލުމަށް ފަރުވާއެއް ލިބޭނެ ހެއްޔެވެ؟ މި ޕެކޭޖުން ވިޔަފާރިތަކަށް ހަމަ ނޭވާ ލެވޭނެ ހެއްްޔެވެ؟

ލޯނުތައް ހަ މަހަށް ފަސްކޮށް ދިނުން

ގިނަ އިމާރާތްތައް ވެސް ހަދާފައި ހުރީ ލޯނު ނަގައިގެންނެވެ. ގިނަ އިންޑަސްޓްރީތަކުގެ ގިނަ ވިޔަފާރި ތަކެއް ހުރީ ލޯނުގެ މައްޗަށް ބަރޯސާވެފަ އެވެ. މިގޮތަށް އޮއްވާ ވިޔަފާރިތަކުގެ އާމްދަނީ ދަށްވުމުގެ ސަބަބުން އާއްމުންނާއި ވިޔަފާރިތަކަށް ވެސް މިވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ. އެހެންވެ ސަރުކާރުން މި ވަނީ ބޭންކްތަކުގެ ލޯނުތައް ހަ މަސް ދުވަހަށް ފަސް ކޮށްދޭން ނިންމާފަ އެވެ.

މި ނިންމުމާ ގުޅިގެން ރެންޓްތައް ކުޑަ ކުރަން "ލޭންޑް ލޯޑުން" ނުވަތަ ގޭގެ ވެރިންނަށް ވެސް ލުއި ވެގެން ވެގެންދާނެ އެވެ. ލޯނުތައް ފަސްކޮށް ދޭން ނިންމުމާއެކު ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިވަނީ ލޯނުތައް ހަ މަހަށް ފަސްކޮށްދީފަ އެވެ. މީގެ ސަބަބުން ވިޔަފާރިތަކަަށް ވެސް ވަގުތީ ގޮތުން ނަމަވެސް ލުއިތަކެއް ލިބިގެން ދާނެ އެވެ.

ވިޔަފާރިތައް ހުއްޓުނަ ނުދޭން ލުއި ލޯނު

ވިޔަފާރިތައް ހުއްޓިގެން ދިޔަ ނުދޭން ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ ގައުމު ތަކުން ތަފާތު އެހީތައް ދީފައިވެ އެވެ. މީގެތެރޭގައި ލޯނުތަކުގެ އިންޓްރެސްޓް ކުޑަ ކުރުމާއި ފައިސާގެ އެހީތައް ހިމެނެ އެވެ. މަދު ގައުމެއްގައި ނޫނީ އެހީގެ ޕެކޭޖުތައް ފަރުމާ ކޮށްފައި ވަނީ ފަހުން ދައްކާ ގޮތަށް ދޭ ލުއި ލޯނުތަކުގެ ގޮތުގަ އެވެ.

އިނގިރޭސި ސަރުކާރުން ބިޒްނަސް ތަކަށް އެހީ ވާން ތައާރަފު ކުރި ލޯނުތައް ވަނީ އެއް އަހަރު ދުވަހަށް ފަސްކޮށް ދީފަ އެވެ. މީގެ އިތުރުން ވެސް ވިޔަފާރިތަކަށް ލުއި ތަކެއް އެ ގައުމުން ދީފައިވެ އެވެ. ހާއްސަކޮށް ކުދި ވިޔަފާރިތައް ހީނަރުވެ ވަޒީފާ ގެއްލުމުގެ ބިރު ކުޑަ ކުރުމަކީ މީގެ އަމާޒެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ސަރުކާރުން ދޭ ފައިނޭންޝަލް ޕެކޭޖުގެ ތެރެއިން ވިޔަފާރި ތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ހޯދޭނެ ފެސިލިޓީ ތަކެއް ބައެއް ބޭންކްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ އެވެ.

"ލޯނު ދޫކުރާނީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި. ހަ ޕަސެންޓަށް. ތިން އަހަރުން ރީ ޕޭ ކުރާ ގޮތަށް. ހަ މަސް ދުވަހުގެ ގްރޭސް ޕީރިއޭޑެއް ލިބޭނެ. މި ލޯނުތަކަށް ކޮލޭޓްރަލް [ރަހުނެއް] ބޭނުމެއް ނުވާނެ،" އަމީރު ވިދާޅުވި އެވެ.

ކަރަންޓާއި ފެން ބިލުގެ ޑިސްކައުންޓް

އިގްތިސޯދު ހީނަރުވުމުގެ ސަބަބުން ގިނަ ބައެއްގެ އަތްމަތި ދަތިވެގެން ދާނެތީ ސަރުކާރުން ވަނީ އެންމެ އާދައިގެ ގޭބިސީގެ އާމްދަނީ ވެސް ހިފެހެއްޓޭނެ ގޮތަށް ވިސްނާފަ އެވެ. މިގޮތުން ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް އެޕްރީލް މަހާއި މެއި މަހު ދޭން ވަނީ ނިންމާފަ އެވެ. ސަރުކާރުން މި ބަދަލު ގެންނަނީ ފެން ކުންފުންޏާއި ސްޓެލްކޯއަށް ސަރުކާރުން ސަބްސިޑީ ދީގެންނެވެ. މިކަން ވެސް ވެގެންދާނީ މިވަގުތު ހަމަ ނޭވާލާން ދެވޭ ލުޔަކަށެވެ.

ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން

ޓޫރިޒަމް ހަރަކާތްތައް މަދުވުމަކީ ރާއްޖެއަށް ވަންނަ ބޭރު ފައިސާ މަދުވެގެންދާނެ ކަމެކެވެ. ބޭރު ފައިސާ މަދުވެއްޖެނަމަ އިމްޕޯޓު ކުރާ ކުންފުނިތަކަށް ދަތިވާނެ އެވެ. އެހެންވެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވަނީ އެކަމަށް ތައްޔާރުވެފަ އެވެ. މަރުކަޒީ ބޭންކުން ވަނީ އިތުރަށް ޑޮލަރު ވިއްކާނެ ކަމަށް ބުނެފަ އެވެ. ބޭންކްތަކަށް އިތުރު 150 މިލިއަން ޑޮލަރު ވިއްކާނެ އެވެ.

މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ވަގުތުން ވަގުތަށް ނެގޭ ގޮތަށް 600 މިލިއަން ޑޮލަރުގެ ދެ ފެސިލިޓީއެއް މިހާރުވެސް އެބަ އޮތެވެ. އެ ފައިސާއަކީ ބޭންކް އޮފް އިންޑިޔާ އިން ނަގާ 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީ އާއި ސާކްގެ ގައުމު ތަކަށް ލިބޭ ހާއްސަ 200 މިލިއަން ޑޮލަރުގެ ފެސިލިޓީއެކެވެ.

ގަވަރުނަރު އަލީ ހާޝިމް ވިދާޅުވި ގޮތުގައި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރިޒާވް ރިކުޔާމެންޓް 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރާނެ އެވެ.

ވަޒީފާ ގެއްލޭ މީހުންނަށް އެހީ

ފައިނޭންޝަލް ޕެކޭޖުތަކުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ އިނާނަޔްތަކެއް ކަނޑައަޅާފައިވެ އެވެ. މީގެ މަގުސަދަކީ ވަޒީފާ ގެއްލި އިޖުތިމާއީ އިތުރު މައްސަލަތަކެއް ނުކުތުމުގެ ފުރުސަތު ކުޑަ ކުރުމެވެ. އެހެންވެ އިކޮނޮމިކް މިނިސްޓްރީން ވަނީ ވަޒީފާ ގެއްލޭ މީހުންނަށް ހާއްސަ އިނާޔަތްތަކެއް ދޭން ނިންމާފަ އެވެ. އަދި ކުންފުނިތަކަށް މާލީ އެހީގެ ޕެކޭޖު ދޭއިރު އެކަން ބަލާ ޗެކް ކުރާނެ ކަމަށް ބުނެފައިވެ އެވެ. ވަޒީފާ ގެއްލޭ މީހުންގެ މައުލޫމާތު ޖޮބް ސެންޓަރުން ދަނީ ހޯދަމުންނެވެ.

އަމީރު ވިދާޅުވީ މިއީ ވިޔަފާރިވެރިންނާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ ވަގުތެވެ. ސަރުކާރު އޮތީ އިގުތިސޯދަށް ދިމާވެފައިވާ އުނދަގޫތައް ހައްލު ކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ތައްޔާރަށެވެ. އެކަމަށް އޮތް 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖަކީ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި އިކޮނޮމިކް ޕެކޭޖް ނުނަގާ ވިޔަފާރިތަކުން ދިވެއްސަކު ވަޒީފާ އިން ވަކިކޮށްފިނަމަ އެ މީހަކަށް ގޮތް ތަކެއް ހޯދާދައިދޭން މަސައްކަތް ކުރައްވާނެ އެވެ.

"އަޅުގަނޑުމެން މި ފުރުސަތު ދޭ ދިނުމުގައި ބަލާ އެންމެ ބޮޑު މިންގަނޑަކީ ދިވެހިން ވަޒީފާއިން ވަކި ނުކުރުން އިނގޭތޯ. އެކަން އަޅުގަނޑުމެން ބަލަމުންދާނަން މި ފެސިލިޓީ އަޅުގަނޑުމެން ފޯރުކޮށްދޭ ފަރާތްތަކަށް. މިހެން ދެންނެވިޔަސް ކޮންމެ ވެސް ވަރަކަށް ފެސިލިޓީއެއް ނުނަންގަވާ ބޭފުޅުން ވެސް ތިބަވާފާނެ ވިޔަފާރިވެރިންގެ ތެރޭގައި، އެއަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދާނެ އިރާދަ ކުރެއްވިއްޔާ. އެފަދަ ވަޒީފާތައް ގެއްލޭ ފަރާތްތަކަށް ޓްރެއިން ފޯރުކޮށްދީގެން އަލުން ވަޒީފާގެ މާކެޓަށް ނެރުމާ އެކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ކުރާނަން،" ފައްޔާޒް ވިދާޅުވި އެވެ.

ތެލުގެ އަގު ހެޔޮކޮށް ދިނުން

ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ދަނީ ދަށަށެވެ. އެހެންވެ އެސްޓީއޯއިން މިވަނީ ތެލުގެ އަގު ބޮޑުތަނުން ހެޔޮ ކޮށްދީފަ އެވެ. އެސްޓީއޯ އިން ވަނީ ޑީސަލް ލީޓަރަކުން 1.68ރ. އަދި ޕެޓްރޯލް ލީޓަ ރަކުން 1.53ރ. ވަނީ ހެޔޮ ކޮށްފަ އެވެ. މި ބަދަލުގެ ސަބަބުން ޑީސަލް ލީޓަރެއް މިހާރު ވިއްކާނީ 8.71ރ. އަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގަކީ 8.07ރ. އެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު މި ފަހުގެ ތާރީހުގައި އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކޮޅު ތެޔޮ ހުރި އަގާ ބަލާނަމަ ތިން ރުފިޔާ ވަރުގެ ހެޔޮވުމެކެވެ. ތެލުގެ އަގު ހެޔޮ ކުރުމުން ލިބޭނެ ފައިދާއަކީ ކޮބައި ހެއްޔެވެ؟

ތެލުގެ އަގު ހެޔޮ ކުރުމުން ޖުމްލަ ގޮތެއްގައި އިގްތިސޯދަށް ފައިދާ ކުރާނެ އެވެ. ސަބަބަކީ ރާއްޖެއަކީ ތެލަށް ބަރޯސާ ވެފައިވާ ގައުމަކަށް ވުމެވެ. މީގެ ސަބަބުން މަސްވެރިންނަށް މަހަށް ފުރަން ލުޔަކަށް ވާނެ އެވެ. އަދި ދަތުރުފަތުރުގެ ހިދުމަތް ދޭ މީހުންނަށް ވެސް މިކަން ވާނީ ބޮޑު ފަސޭހައަކަށެވެ.

އެހީގެ ޕެކޭޖަށް ވިޔަފާރިވެރިންގެ ތާއީދު

އެހީގެ ޕެކޭޖާ ބެހޭ ގޮތުން ރާއްޖޭގެ ގިނަ ވިޔަފާރިވެރިން ބުނެފައިވަނީ މީގެ ސަބަބުން އިގްތިސޯދަށް ކުރާނެ ފައިދާ ބޮޑުވާނެ އެވެ. މި ވަގުތަކީ ވިޔަފާރިތައް މަރުވިޔަ ނުދީ ހިފަހައްޓަން ޖެހޭ ވަގުތަކަށްވުމުން އެކަން ކުރަން މިއެހީ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބުނެފައިވެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބުނެފައިވާ ގޮތުގައި އެ ޕެކޭޖްގެ ތެރެއިން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ޕްރޮޖެކްޓްތައް ނުވަތަ ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ކުންފުނިތަކާ ހަވާލު ކުރުމުގައި ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމާއި އަދި ވީހާ ވެސް ގިނަ ކުންފުނިތަކަށް މަސައްކަތްތައް ބެހިގެން ދާނެ ގޮތަކަށް ޕްލޭން ކޮށްފައި އޮތުމަކީ ކޮންސްޓްރަކްޝަން ސިނާއަތަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ. އޭގެ ސަބަބުން ވީހާ ވެސް ގިނަ ކޮންސްޓްރަކްޝަން ކުންފުނިތަކަށް މި ނާޒުކު ދަނޑިވަޅުގައި ވިޔަފާރި ދެމެހެއްޓިގެން ދާނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ވެރިން ކަމަށްވާ މުހައްމަދު އުމަރު މަނިކާއި ޗަމްޕާ ހުސެއިން އަފީފް ހިމެނިވަޑައި ގަންނަވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) އިން ވެސް ވަނީ އިކޮނޮމިކް ރިކަވަނީ ޕެކޭޖަށް ފުރިހަމަ އަށް ތާއީދު ކުރާ ކަމަށް ބުނެފަ އެވެ.

ޕެކޭޖު ފުރިހަމަވި ނަމަވެސް މި ޕެކޭޖު އެންމެ އިންސާފުވެރިކަން ވިޔަފާރިތަކަށް ފޯރުކޮށް ދިނުމަކީ މާ މުހިންމު ކަމެކެވެ. މިހާލަތުގައި ބަލަން ޖެހޭނީ ވިޔަފާރިވެރިން ފައިދާ ނަގަން ފުރުސަތު ދިނުމެއް ނޫނެވެ. މިހާލަތަކީ ވަޒީފާ ގެއްލުން މަދުކޮށް، ދިވެހި ރައްޔިތުން މިހާލަތުން އަރައި ގަންނަން ހަމަ ނޭވާއެއް ލާން ވަގުތު ކޮޅެއް ދޭން ޖެހޭ ވަގުތެކެވެ.