ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވޯލްޑް ބޭންކް

ކޮވިޑް އެހީގެ ގޮތުގައި ވޯލްޑް ބޭންކުން ރާއްޖެއަށް ތިން ބިލިއަން ރުފިޔާ

Apr 27, 2021
3

ކޮވިޑް-19 އާ ގުޅިގެން ވޯލްޑް ބޭންކުން މިހާތަނަށް ރާއްޖެ އަށް ދިން އެހީތަކާއެކު ކުރިއަށްދާ މަސައްކަތްތަކުގެ އަގު 182 މިލިއަން ޑޮލަރު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.

ވޯލްޑް ބޭންކުން އެކަން ހާމަކުރީ އެ ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު-ޒާވޮސް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން ނެރުނު ބަޔާނުގަ އެވެ.

ފާރިސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ ރާއްޖެއިން ފުރާވަޑައިގެންފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވުމާ ގުޅިގެން ރާއްޖެ އަށް އެންމެ ބޮޑު އެހީއެއް ދީފައިވާ މާލީ އިދާރާ، ވޯލްޑް ބޭންކުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ކޮވިޑާ ގުޅިގެން އެ ބޭންކުން މިހާތަނަށް ރާއްޖޭގެ 10 ޕްރޮޖެކްޓަކަށް އެހީދީފައިވެ އެވެ.

ވޯލްޑް ބޭންކުން މިހާލަތުގައި ރާއްޖެ އަށް އެހީދީފައިވާ ދާއިރާތަކުގެ ތެރޭގައި ކޮވިޑް ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ދީފައިވާ 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ހިމެނެ އެވެ. މިއެހީ ދީފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހު އެވެ.

ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ)ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއް ވެސް ދީފައިވެ އެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށާއި ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ވެސް އެހީ ދީފައިވެ އެވެ. އެގޮތުން ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވަރުގަދަކުރުމަށްޓަކައި އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަށް 12.8 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ދީފައިވާ ކަން ފާހަގަކޮށްފައިވެ އެވެ. އަދި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިތުރު 21.6 މިލިއަން ޑޮލަރާއެކު އެ ޕްރޮޖެކްޓްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެއާ އެކު ކޮވިޑާ ގުޅިގެން ވޯލްޑް ބޭންކުން ދިން ޖުމްލަ އެހީގެ އަގު 182 މިލިއަން ޑޮލަރަށް އަރަ އެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސޯދީ ކާރިސާ އިން އަރައިގަނެ، ކުރިއަށް ވުރެ ރަނގަޅަށް އިގްތިސޯދު އާރާސްތުކުރުމުގައި ރާއްޖެއަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށްވެސް ވޯލްޑް ބޭންކުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.