ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އިމާރާތް ކުރުމުގެ ދާއިރާ އަށް ތިން މަސް ތެރޭ 617 މިލިއަން ރުފިޔާގެ ގެއްލުމެއް

ކޮވިޑް-19 އާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާ އަށް ކުރިއަށް އޮތް ތިން މަސް ތެރޭ 617 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުންވާނެ ކަމަށް، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓަކްޝަން އިންޑަސްޓްރީ (އެމްއޭއެންއޭސީއައި) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާ އަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކާ އަދި މި ގެއްލުމުން އަރައި ގަންނަން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން އެ ޖަމިއްޔާއިން ކުރި ދިރާސާގެ މައްޗަށް މިއަދު ނެރުނު ރިޕޯޓުގައިވާ ގޮތުން، މިހާރުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގެ ވިޔަފާރި 50 ޕަސެންޓް ދަށް ވާނެ ކަމަށް ބުނެފައިވެ އެވެ. މީގެ ސަބަބުން އެ ޖަމިއްޔާގައި ހިމެނޭ 384 ކުންފުނިތަކަށް އެކަނި ބެލި ނަމަވެސް 617 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ، ކަމަށްވާ އެމްއޭއެންއޭސީއައިގެ ރިޕޯޓު ނެރުމަށް އޮންލައިން މެދުވެރިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާގައި 5،000 އާއި 7،000 ދިވެހިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ދާއިރާގައި 40،000 އާއި 50،000 ދެމެދުގެ އަދަދަކަށް ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރާ މަސައްކަތް ކުރާ ކަމަށާާ، އެހެންކަމުން މިހާލަތުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ އަސަރު މުޅި އިގްތިސާދަށް ބޮޑުވާނެ ކަމަށެވެ.

މި ބައްލުވުމުގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖަނާހު ވިދާޅުވީ އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު ގެއްލުމެއް ވަމުން ދިޔަ ނަމަވެސް މި ދާއިރާ އިން މީހުން ވަޒީފާ އިން ވަކިކުރަމުންދާކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ.

"ނަމަވެސް، ވިޔަފާރިތައް ހިމާޔަތް ކޮށްގެން ވަޒީފާތައް ވެސް ހިމާޔަތް ވާނީ. އެހެންވެ ސަރުކާރުން ދޭ ރިލީފް ޕެކޭޖު އަވަސް ކުރަން ޖެހޭ،" ޖަނާހު ފާހަގަ ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރުގެ ހާލަތުގައި މިހާރު ކުރިއަށްދާ އިމާރާތް ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ގޮތް ކަމަށާ، ނަމަވެސް ސަރުކާރުން ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ އާ މަޝްރޫއުތައް ފެށުން ރަނގަޅު ނޫން ކަމަށެވެ.

"މި ކަމަށް އަޅުގަނޑުމެން ވާނީ މީގެ ކުރިން ސަރުކާރުގައި އެދިފައި. މިހާރު ސަރުކާރުން އެ ވަނީ އެގޮތަށް ނިންމާފަ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީގެ މައްސަލަ ހައްލު ކުރަން ވެސް އަޅުގަނޑުމެން ކުރިން ވާނީ ގޮތްތަކެއް އެދިފައި. މީގައި ބައެއް މީހުން ފޮނުވާލަން ވެސް އެބަޖެހޭ. އެކަމަށް ކުންފުނިތަކުން ބެހެއްޓި ޑިޕޮސިޓް ފައިސާ ވެސް ހުންނާނެ. ބެލެވޭ ގޮތުގައި 20،000 އެއްހާ މީހުން ފޮނުވާލަން ޖެހޭ،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ތެރެއަށް މިހާރު ގިނަ ވެގެން އުޅެނީ އިމާރާތް ކުރުމުގެ ދާއިރާގެ ތެރޭގައި އުޅުނު ބިދޭސީ މަސައްކަތްތެރިން ނޫން ކަމަށާ، އެ މީހުންނަކީ ރިސޯޓުތަކުގެ އެކި މަސައްކަތްތަކުގައި އުޅެމުން ދިޔަ މީހުން ކަމަށެވެ.