ވިޔަފާރި

އިފޮޕްކާ ކޮންވެންޝަން އަންނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖޭގަ

Dec 11, 2020

މި އަހަރު ބާއްވަން ނިންމި، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ ކޮންވެންޝަން އަންނަ އަހަރުގެ އޮކްޓޫބަރު މަހު ބާއްވަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓަރުންގެ ޖަމިއްޔާ، އިފޮޕްކާ ކޮންވެންޝަން އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ނިންމާފައި ވަނީ އެ ޖަމިއްޔާގެ 19 ގައުމުން ބައިވެރި ވެގެން އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި އެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިފޮޕްކާގެ 45 ވަނަ ރައީސް މުހައްމަދު އަލީ ޖަނާހު އެވެ. އޭނާއަކީ ރާއްޖޭގެ ތާރީހުގައި ވެސް މިވަރުގެ ބޮޑު ޖަމިއްޔާއެއްގެ ރައީސްކަން ކުރެއްވި ފުރަތަމަ ދިވެއްސެވެ. އަދި މިހާރު އޭނާ ވެފައިވަނީ އިފޮޕްކާގެ ތާރީހުގައި އެންމެ ގިނަ ދުވަހު ރައީސްކަން ކުރެއްވި ރައީސަށެވެ. އެހެންވީ ކޮވިޑް-19 އާ ގުޅިގެން ދައުރު ދިގު ކޮށްލުމުންނެވެ.

ރާއްޖޭގައި ކޮންވެންޝަން ބާއްވަން ނިންމައި، އިފޮޕްކާ އިން ވާޗުއަލްކޮށް އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި މި ހާލަތުގައި ކޮންސްޓްރަކްޝަން ސިނާއަތް ދާގޮތުގެ މައްޗަށް އަލިއަޅުވާލާފައިވެ އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓު ފާސް ކުރުމާއި އެ ޖަމިއްޔާ އިން ޓްރަސްޓް ފަންޑެއް އުފެއްދުން ވެސް ހިމެނެ އެވެ. އަދި މި ބޯޑު ބައްދަލުވުމުގައި ޖަނާހުގެ ރައީސް ކަމުގައި ދުނިޔޭގެ ބޮޑެތި މާލީ އިދާރާތައް ކަމަށްވާ ވޯލްޑް ބޭންކް އާއި އައިޑީބީ ފަދަ ޖަމިއްޔާތަކާ ގުޅުން ބަދަހި ވެފައިވާކަން މެންބަރު ގައުމުތަކުން ފާހަގަ ކޮށްފައިވެ އެވެ.

ޖަނާހު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން އަލަށް އުފައްދާ ޓްރަސްޓް ފަންޑަށް މެންބަރު 19 ގައުމުން 700،000 ޑޮލަރު ލާފައިވާ ކަމަށެވެ.

"މި ފަންޑުގެ އެހީގައި މެންބަރު ގައުމުތަކުގެ މި ދާއިރާއަށް މީހުން ތަމްރީން ކުރެވޭނެ. މިއީ ރާއްޖެއަށް ލިބިގެންދާނެ ފުރުސަތެއް. މަސީ މެދުވެރިކޮށް ދިވެހިންނަށް މި ފުރުސަތު ލިބިގެން ދާނެ،" މަސީގެ ރައީސްކަން ވެސް ކުރައްވާ، ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ކޮންވެންޝަން ރާއްޖޭގައި ބާއްވަން ނިންމާފައިވަނީ ސަރުކާރުން މިހާލަތަށް ނިންމާފައިވާ ހަރުދަނާ ނިންމުންތަކަށް ވެސް ރިއާޔަތްކޮށް ކަމަށެވެ. އެގޮތުން ބަލި ކޮންޓްރޯލް ކުރުމާއި ވެކްސިން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން ލިބުމަކީ މި ކޮންވެންޝަން ބާއްވަން ލިބުނު ބާރަކަށްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އިފޮޕްކާގެ ކޮންވެންޝަން ބާއްވަން ތައްޔާރުވާއިރު، މި ބައްދަލުވުމަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައްދަލުވުމަށް ވާނެ އެވެ.