މުހައްމަދު އަލީ ޖަނާހް

ފިޑިކުން ބައްދަލުވުމުގެ ގެސްޓް ސްޕީކާއަކަށް ޖަނާ

Mar 31, 2021
2

ދުނިޔޭގެ ހުރިހާ ކޮންޓްރެކްޓް ތަކެއް ބިނާކުރާ، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ކޮންސެލްޓިން އިންޖިނިއާސް (ފިޑިކް) އިން އިންތިޒާމުކޮށްގެން ބޭއްވި ބޮޑު ބައްދަލުުވުމެއްގެ ގެސްޓް ސްޕީކާއެއްގެ ގޮތުގައި ރާއްޖޭގެ، މުހައްމަދު އަލީ ޖަނާހު ބައިވެރިވަޑައިގެންފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަތުރު ފަތުރު ކުރުމަށް އެޅިފައިވާ ހުރަސްތަކާއެކު، ޒޫމް މެދުވެރިކޮށް ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ރައީސް އަދި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ ) ގެ ހައިސިއްޔަތުން ޖަނާހު ބައިވެރިވެ ވަޑައިގަތީ ފިޑިކްގެ ރައީސްގެ ހާއްސަ ދައުވަތަކަށެވެ.

މި ބައްދަލުވުމުގައި ގެސްޓް ސްޕީކާގެ ގޮތުގައި ފިޑިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. ނެލްސަންގެ އިތުރުން ފިޑިކްގެ ފްރެޒިޑެންޓް ހޯޗަޑް ވިލިއަމްސް ވެސް ބައިވެރިވަޑައިގެންފައިވެ އެވެ.

ފިޑިކްގެ ބޮޑު މި ބައްދަލުވުމުގައި 128 ގައުމެއްގެ 530 ފަރާތުން ބައިވެރިވެފައިވެ އެވެ. އަދި މި ބައްދަލުވުމުން ކުރިއަށް ދިޔައިރު 1،200 އަށް ވުރެ މި ދާއިރާގެ އެކްސްޕާޓުން ބައްދަލުވުން ބަލަމުން ދިޔަ އެވެ. މީގެތެރޭގައި ދުނިޔޭގެ ބޮޑެތި ކޮންޓްރެކްޓަރުންނާއި އިންޖިނޭރުންނާއި މި ދާއިރާގެ އެކްސްޕާޓުން ވެސް ހިމެނެ އެވެ.

ކޯޓަށް ނުގޮސް މައްސަލަ ހައްލުކުުރުގެ މުހިންމުކަން ކިޔައި ދެއްވި

މި ބައްދަލުވުމުގައި އިފޮޕްކާގެ ރައީސްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި ހަދާ ކޮންސްޓްރަކްޝަން އެއްބަސްވުންތަކުގައި މައްސަލަ ޖެހި ކޯޓުތަކާއި އާބިޓްރޭޝަން މަރުހަލާ އަށް ދިއުމުގެ ކުރިން އެކަމެއް ހައްލު ކުރުން މުހިންމު ކަމަށެވެ. މީގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މި މަރުހަލާ އަށް މައްސަލަ ދިއުމުން އެ މައްސަލަ ނުނިމި ގިނަ ދުވަސް ތަކެއްވުމުގެ ސަބަބުން ކޮންޓްރެކްޓަރުންނާއި ސަރުކާރު ތަކަށް ބޮޑެތި ގެއްލުން ތަކެއް ވަމުން ދިއުމެވެ.

މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގައި ހުރި މި ފަދަ މައްސަލަތަކުގެ މައްޗަށް ވެސް އަލިއަޅުއްވާ ވާހަކަ ދައްކަވާފަ އެވެ. ރާއްޖެއަކީ ވެސް ފިޑިކްގެ އެއްބަސްވުންތައް އަސްލަކަށް ބަދަލައިގެން ބޮޑެތި މަޝްރޫއުތަކުގެ އެއްބަސްވުންތައް އެކުލަވާލާ ގައުމެކެވެ.

އެކަމަކު، ރާއްޖެއަކީ ފިޑިކްގެ އެއްބަސްވުން ތަކަށް އެއްކޮށް އަމަލު ކުރާ ގައުމެއް ނޫނެވެ. މީގެ ސަބަބުން ގިނަ މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ނަމަވެސް ރާއްޖޭގައި ވޯލްޑް ބޭންކް އާއި ބޭރުގެ އެހީދޭ އެޖެންސީތަކުން ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުންތައް އެކުލަވާލަނީ ފިޑިކްގެ އެއްބަސްވުންތަކުގެ މައްޗަށެވެ.

ޖަނާހުއަކީ އިފޮޕްކާ ފަދަ ދުނިޔޭގެ ބޮޑު ޖަމިއްޔާއެއްގެ ރައީސްކަން ކުރާ ފުރަތަމަ ދިވެއްސެވެ. އިފޮޕްކާއަކީ އޭޝިޔާ އަދި ވެސްޓާން ޕެސިފިކް ގައުމުތަކުގެ ކޮންސްޓްރަކްޝަން ޖަމިއްޔާތައް ހިމެނޭ، އެންމެ ނުފޫޒު ގަދަ އެއް ޖަމިއްޔާ އެވެ. އިފޮޕްކާގެ ރައީސްގެ ހައިސިއްޔަތުން ޖަނާހު ދަނީ އެ ޖަމިއްޔާގެ 20 އަށްވުރެ ގިނަ ގައުމަށް މިދިޔަ އަހަރު ކުރީކޮޅު ދަތުރު ތަކެއް ކުރައްވަމުންނެވެ.

މި ދަތުރުތަކުގައި ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވާފައިވެ އެވެ. އިފޮޕްކާ އިން ދަނީ އެ ޖަމިއްޔާގެ ބޮޑު ކޮންވެންޝަން ރާއްޖޭގައި ބާއްވަން ތައްޔާރު ވަމުންނެވެ. މި ބައްދަލުވުމުގައި 1،200 އެއްހާ ދުނިޔޭގެ ބޮޑެތި ކޮންޓްރެކްޓަރުން ބައިވެރިވާނެ ކަމަށް ވަނީ ބެލިފަ އެވެ.