މަސީ

މަސީގެ ކަންބޮޑުވުންތަކާ އެކު އިޕޮޕްކާގެ ދައުވަތު ރައީސްއަށް

Oct 20, 2022
1

ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާ ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު އޮތް މިބައްދަލުވުމުގައި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވަނީ އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރައްވައި، މަސީ އިން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި މަސީގެ ބޭފުޅުން ވަނީ ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ލޮޅުންތަކާއެކު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަދި ސަރަހައްދުގެ ގައުމުތަކުންވެސް އެ ގައުމުތަކުގައި އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ސޯލިހަށް މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

މަސީން ފާހަގަކުރެއްވި މުހިއްމު ކަންކަމުގެ ތެރޭގައި ކޯވިޑާއި އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވެ، ދުނިޔޭގެ ބާޒާރުގައި އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުންތައް ހިމެނެ އެވެ. އަދި ޑޮލަރު ލިބުމުގެ ދަތިކަމާއި، މަޝްރޫއުތައް ހިންގުމަށްފަހު ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ މިހާރަށް ވުރެވެސް އަވަހަށް ލިބޭނެ ގޮތެއް ހަމަޖެއްސުމާއި، ކުންފުނިތަކަށް ދިމާވާ މާލީ ދަތިތަކަށް ބޭންކިން ނިޒާމުގެ ތެރެއިން ލުޔެއް ހޯދުންވެސް ފާހަގަކުރެއްވި އެވެ. މީގެއިތުރުން ލޭބަރުން ލިބުމުގައި ހުރި ދަތިތަކާއި، ޖީއެސްޓީ ދެއްކުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމާއި، ރިއަލްއެސްޓޭޓް ވިޔަފާރީގައި ހުރި ދަތިތައްވެސް ޖުމްލަ ގޮތެއްގައި އެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ މަސީގެ ބޭފުޅުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. މިގޮތުން މިހާރުވެސް ކޮންޓްރެކްޓަރުންނަށް އަވަހަށް ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި މިނިސްޓްރީތަކުން ކަންކަން ހައްލުކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި މަސީގެ ފަރާތުން ޖަނާހު ވަނީ އަންނަ މަހުގެ 15 އިން 19 އަށް ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ޝަރަފްވެރިކޮށްދެއްވުމުގެ ދައުވަތު ރައީސް ސޯލިހަށް އަރުވާފަ އެވެ. އަދި ކޯވިޑާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވި ކަންކަމާ ގުޅޭ ރިޕޯޓަކާއި، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ ގުޅޭގޮތުން މަސީން ހަތް ބަހަކުން ލިޔެފައިވާ ފޮތުގެ ތެރެއިން ދިވެހި ބަސް އެކުލެވޭ ފޮތް މިއަދު ވަނީ ރައީސް ސޯލިހަށް ވެދުމަށް އަރުވާފަ އެވެ.

މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ)އަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވާ ޖަމިއްޔާ އެކެވެ.