ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ކޮންވެންޝަން އަންނަ އަހަރަށް ފަސްކޮށްފި

Apr 21, 2020

މި އަހަރު ޖޫން 29 އިން ޖުލައި 3 އަށް ރާާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ 45 ވަނަ ކޮންވެންޝަން އަންނަ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ބާއްވަން އިފޮޕްކާއިން ނިންމައިފި އެވެ.

އިފޮޕްކާ އިން އެ ގޮތަށް ނިންމީ އެ އެސޯސިއޭޝަންގެ އިމަޖެންސީ ހިންގާ ކޮމިޓީން އިއްޔެ ބޭއްވި ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އިފޮޕްކާގެ މި ދައުރުގެ ރައީސް އަދި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހް އެވެ.

ކޮވިޑް-19 ގެ ސަބަބުން އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ދަތުރުފަތުރު ހުއްޓިފައިވުމާއެކު ޑިޖިޓަލްކޮށް ކުރިއަށް ގެންދިޔަ އެ ޖަލްސާގައި 19 ގައުމަކުން 53 ވިޔަފާރިވެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ކޮންޓްރެކްޓަރުންނާއި، ޑިވެލޮޕަރުންނާއި، ރިއަލް އެސްޓޭޓް އިންވެސްޓަރުން ހިމެނޭހެން ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފަރާތުން ހަތް މަންދޫބުން ބައިވެރިވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރާ ނޭދެވޭ އަސަރާއި ގައުމުތަކުގެ އިގްތިސާދަށް ކުރާ އަސަރުތަކާއި ބަލީގެ ހާލަތާ ގުޅިގެން ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް ކޮންމެ ގައުމަކުން ރިޕޯޓެއް ވެސް ހުށަހެޅި އެވެ. އިފޮޕްކާއިން ދަނީ އެ ރިޕޯޓްތައް ދިރާސާ ކުރަމުންނެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ހާލަތާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީތަކަށް ކުރާ އަސަރުތައް މޮނިޓާކޮށް ބަލަމުން ގެންދިއުމަށް ކޮންމެ ގައުމަކުން ޓެކްނިކަލް އެކްސްޕާޓެއް ހިމެނޭހެން ހާއްސަ ކޮމިޓީއެއް ވެސް އުފެއްދުމަށް އިފޮޕްކާގެ މިއަދުގެ ޖަލްސާގައި ފާސްކުރި އެވެ. އެ ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ ވެސް މުހައްމަދު އަލީ ޖަނާހް އެވެ.

އިފޮޕްކާ ކޮންވެންޝަން އަންނަ އަހަރަށް ފަސް ކުރުމާ ގުޅިގެން، މި އަހަރު ބާއްވަން ހަމަޖެހުނު މަސީގެ ކޮންސްޓްރަކްޝަން އެގްޒބިޝަން ބިލްޑިން މޯލްޑިވްސް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.