ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތި ވަމުންދާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ތައާރަފު ކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖްގެ ބޭނުން ހިފުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އެދިއްޖެ އެވެ.
މަސީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސަރުކާރުގެ އިކޮނޮމިކް ޕެކޭޖްގައި ހިމަނާފައިވާ ކަންކަމަކީ އެ އެސޯސިއޭޝަނުން ތާއީދު ކުރާ ކަންކަމަށާއި އެ ކަމަށް އެސޯސިއޭޝަންގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.
މަސީން ބުނީ، އެ ޕެކޭޖްގެ ތެރެއިން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ޕްރޮޖެކްޓްތައް ނުވަތަ ޕީއެސްއައިޕީގެ ޕްރޮޖެކްޓްތައް ކުންފުނިތަކާ ހަވާލު ކުރުމުގައި ދިވެހި ކުންފުނިތަކަށް އިސްކަން ދިނުމާއި އަދި ވީހާ ވެސް ގިނަ ކުންފުނިތަކަށް މަސައްކަތްތައް ބެހިގެން ދާނެ ގޮތަކަށް ޕްލޭން ކޮށްފައި އޮތުމަކީ ކޮންސްޓްރަކްޝަން ސިނާއަތަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ.
އޭގެ ސަބަބުން ވީހާ ވެސް ގިނަ ކޮންސްޓްރަކްޝަން ކުންފުނިތަކަށް މި ނާޒުކު ދަނޑިވަޅުގައި ވިޔަފާރި ދެމެހެއްޓިގެން ދާނެ ކަމަށް ގަބޫލު ކުރާ ކަށެވެ. އެހެންކަމުން ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ކުންފުނިތަކަކުން ވެސް އެ ޕެކޭޖްގެ ބޭނުން ހިފާނެ ކަމަށް އުއްމީދު ކުރާ ކަމަށް މަސީން ބުންޏެވެ. މަސީން އެދެނީ ހުރިހާ ކުންފުނިތަކުން ވެސް ހަރަދުކުޑަކޮށް އެ ޕެކޭޖްގެ ބޭނުން ހިފައިގެން އިގްތިސާދު ކުރިއެރުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ވައިރަސް ރާއްޖޭން ވެސް ފެނުމާ ގުޅިގެން، އެ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދާ ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތައް ވެސް ހިމެނެ އެވެ.
އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ އެވެ. ސަރުކާރުން ލަފާ ކުރާ ގޮތަށް އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ގެއްލޭނެ އެވެ. އެ ކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ހަރަދުތަކުގެ ތެރެއިން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ނިންމައިފަ އެވެ.
މީގެ އިތުރުން ސަރުކާރުން މިއަދު ވަނީ ވިޔަފާރިތަކަށާއި ދިވެހިންގެ ވަޒީފާއަށް އެހީތެރިވުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއް ތައާރަފު ކޮށްފަ އެވެ. ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ އެ ޕެކޭޖްގެ ދަށުން ތިން އަހަރު ދައްކާ ގޮތަށް ހަ މަހުގެ ގްރޭސް ޕީރިޑިއަކާއި ހަ ޕަސެންޓްގެ އިންޓްރެސްޓްގައި ފައިސާ ދޫކުރެވޭނެ އެވެ. އެ ޕެކޭޖްގެ ބޭނުން ހިފައި ކުންފުނިތަކަށް މުވައްޒަފުން މަދުނުކުރަން ޝަރުތު ކުރެ އެވެ.