ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ފިޗުގެ ރޭޓިން ރިވިއު ކުރަން އެދުން މުހިންމު: ޖަނާހު

Nov 8, 2020
5

ޓޫރިޒަމް ރަނގަޅު ވަމުން ދާއިރު، ފިޗު ރޭޓިންސް އިން ރާއްޖެ އަށް ދީފައިވާ ރޭޓިން އަލުން ރިވިއުކުރަން އެދުމަކީ މުހިންމު ކަމެއް ކަމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.

އަވަސް އިން ގެނެސްދޭ ފަށަމާ ޝޯ ގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވި ޓެކްސް ފޮތުގައި އޮންނަ ގޮތަށް ބަލާނަމަ މި ރޭޓިން ރަނގަޅު ކަމަށް ފެނުނަސް، ރާއްޖެ ފަދަ ގައުމަކަށް މިފަދަ ރިވިއުއެއް ހަދާއިރު ބަލަންވާ ވަރަށް ނުބަލައި ހުރިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މިހާރު ޓޫރިޒަމް ރަނގަޅު ވަމުންދާތީ މިހާރުގެ ސްޕީޑަށް ބަލައި މި ރޭޓިންސް ރިވިއު ކުރަން އެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"މިކަހަލަ މެސެޖު ތަކަކީ ބޭރުގެ އިންވެސްޓްމަންޓް ބޭންކް ތަކަށް ވެސް ދެވޭ ވަރަށް އެހެން ކަހަލަ މެސެޖަކަށްވާ ނެ. އެހެންވީމަ އަޅުގަނޑަކަށް ހީވަނީ އެ މަސައްކަތް ކުރަން ޖެހޭނެހެން،" ޖަނާހު ވިދާޅުވި އެވެ.

ޑިފޯލްޓް ނުވާ ވަރަށް އިކޮނޮމީގައި ބާރު އެބަހުރި

ޖަނާހު އިތުރަށް ވިދާޅުވި ގޮތުގައި ފިޗުން ރޭޓިން އެކުލަވާލުމުގައި އިކޮނޮމީގައި ހިމެނޭ ކަމާ ގުޅުން ހުރި ފަރާތް ތަކުން ހޯދަން ޖެހޭ މައުލޫމާތު ވެސް ހޯދާފައި ނެތްކަން ފާހަގަ ކުރެވޭ ކަމަށެވެ.

"މޯލްޑިވްސް ފެކްޓާ އެހެން ގައުމުތަކާ ވަރަށް ތަފާތުވާނެ. ރާއްޖެ ފަދަ ވަލްރަނަބަލް ގައުމެއްގައި މިފަދަ ކަމެއް ނިންމާއިރު ވަރަށް ބޮޑަށް ބަލައި މައުލޫމާތު ހޯދަން ޖެހޭ. އެކަމެއް ފެންނާކަށް ނެތް،" ޖަނާހު ވިދާޅުވި އެވެ.

ގިނަ ޖަމިއްޔާތަކެއް ގުޅިގެން އުފައްދާފައިވާ، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އާއި ކޮންސްޓްރަކްޝަން ޖަމިއްޔާ މަސީގެ ރައީސްކަން ވެސް ކުރައްވާ ޖަނާހު އިތުރަށް ވިދާޅުވި ގޮތުގައި ރާއްޖެ ލޯނު ނުދެއްކިގެން "ޑިފޯލްޓް" އަކަށް ނުދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ރާއްޖޭގެ އިކޮނޮމީގައި ޑިފޯލްޓް އަކަށް ނުދާނެ ވަރަށް ޕަވަރު ހުންނާނެ. އިރާދުކުރެއްވިއްޔާ ރާއްޖެ ޑިފޯލްޓްއަކަށް ނުދާނެ،" ޖަނާހު ވިދާޅުވި އެވެ.

ކޮވިޑް-19 މެނޭޖު ކުރުން ވަރަށް ފުރިހަމަ

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާ، ނަމަވެސް ބޯޑަރު ހުޅުވައިގެން ކުރަމުންދާ މަސައްކަތް ތަކަކީ ހިތްވަރު ގަދަ މަސައްކަތް ތަކެއް ކަމަށެވެ. އަދި މި ހާލަތުގައި ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލްކޮށް މެނޭޖު ކުރަން ކުރަމުންދާ މަސައްކަތްތައް ފުރިހަމަ ކަމަށެވެ.

"ރާއްޖެ ފަދަ ގައުމަކަށް ރިލީފް ޕެކޭޖަކީ ވަރަށް ފުރިހަމަ. މިއީ ރާއްޖެ ފަދަ ގައުމަކަށް ކުރެވޭނެ ވަރުގެ ކަމެއް ވެސް ނޫން. އަދި ވެސް މިކަން ދާނެ މުއްދަތެއް ނޭނގެ. އެހެންވެ، އެބަޖެހޭ ކްރިއޭޓް ކުރަން ފުރުސަތު ތަކެއް،" ޖަނާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ގެނައުމަކީ މިހާލަތުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ރާއްޖޭގައި ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ކަނޑައަޅަންވީ މި ދެ އަހަރުތެރޭގައި އިންވެސްޓްކޮށްފިނަމަ އެހެން ގައުމުތަކާ ތަފާތުކޮށް ދޭނީ. އެފަދަ ޕޮލިސީތަކެއް ހަދައިފިނަމަ ހަމަ ޔަގީން ވަރަށް ގިނަ ބޭފުޅުން އިންވެސްޓް ކުރަން އަންނާނެ،" ޖަނާހު ވިދާޅުވި އެވެ.