ރާއްޖޭގެ ޓޫރިޒަމަށް އަންނަ އަހަރު ބައިގަރުނު ފުރޭއިރު ދިވެހިންގެ އަތްމަތީ މި ސިނާއަތް ބާއްވަން، ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކެއް ނެތުމަކީ ބޮޑު ދެރައެއް ކަމަށް މަަޝްހޫރު ވިޔަފާރިވެރިޔާ، މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ)ގެ ރައީސްކަން ވެސް ކުރައްވާ ޖަނާހު ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެ އިތުރަށް ތަރައްގީކުރުމަށްޓަކައި ވަރަށް ބައިވަރު ފަންޑު އަދިވެސް ބޭނުންވާ ކަމަށެވެ. ޓޫރިޒަމަށް ބަލާނަމަ މިހާތަނަށް މި ދާއިރާ ކުރިއަށް ގޮސްފައިވަނީ އަމިއްލަ މީހުން އެކި ތަންތަނުން ފައިސާ ހޯދައިގެން ކުރި މަސައްކަތުން ކަމަށް ވިދާޅުވި އެވެ.
"މުޅި މި ތާރީހުގައި ވެސް އެންމެ ބޮޑު ހިތާމައަކީ މިފައިދާވާ ބޮޑު އިންޑަސްޓްރީއަށް ދިވެހިންގެ އަތްމަތީ މި އިންޑަސްޓްރީ ބޭއްވުމަށްޓަކައި ކެޕިޓަލް ރެއިސް ކުރާނެ އުސޫލެއްވެސް ގޮތެއްވެސް ނެތުން. ދެން އޮތް އެންމެ މުހިންމު ކަމަކީ މިއީ. މިސާލަކަށް ޔަންގް ކުދިން ނުކުންނަން ވީނޫންތޯ ރަށްތައް ހަދަން. ރަށް ހިފައިގެން މި ނުކުންނަނީ ވިއްކަން އިންޓަނޭޝަނަލް މާކެޓަށް. ކޮންމެ ވެސް ގޮތަކުން ރަށް އެބަހޯދާ ދެތިން ކުދިން އެއްވެގެން ނަމަވެސް،" ރާއްޖޭގެ އިމާރާތް ކުރުމުގެ ޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާ ޖަނާހު ވިދާޅުވި އެވެ.
ސިންގަޕޫރާއި މެދުއިރުމަތީގެ ޕާޓްނަރުންނާއެކު ރާއްޖެއާއި ބޭރުގައި ޓޫރިޒަމް ވިޔަފާރިކުރާ ޖަނާހު ވިދާޅުވީ ފައިސާ ހޯދުމަށް މިހާރު ހުރި ދަތިކަން ފިލުވާލެވޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަމަށެވެ.