ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮންސްޓްރަކްޝަން ސޭފްޓީ ގައިޑްލައިން ނެރެފި

May 10, 2020
1

ކޮވިޑް-19 އަށްފަހު އިމާރާތް ކުރުމުގެ ދާއިރާ ހުޅުވުމުން އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން މިއަދު ނެރެފި އެވެ.

ކޮންސްޓްރަކްޝަން ސިނާއަތުގައި މަސައްކަތް ކުރާ ހަ ގައުމެއްގެ މީހުން ވާހަކަ ދައްކާ ބަހުން ތައްޔާރު ކޮށްފައިވާ މި ގައިޑްލައިން ނެރުނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހެވެ.

އޭނާ ވިދާޅުވީ މި ގައިޑްލައިންގެ ބޭނުމަކީ ކޮވިޑަށް ފަހު އިކޮނޮމީ ހުޅުވި "ނިއު ނޯމަލް" ގައި މަސައްކަތް ފަށަންވާއިރަށް، އިމާރާތް ކުރުމުގެ ދާއިރާގައި އަމަލު ކުރާނެ ރައްކާތެރިކަމުގެ އުސޫލު ތަކެއް ކަނޑައެޅުން ކަމަށެވެ. މީގެ ސަބަބުން ކުންފުނި ތަކަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ 10 އަހަރު ކުރިން ބިލްޑިން ސޭފްޓީ ގައިޑްލައިނެއް އަޅުގަނޑުމެން ނެރުނީ. މިއަދު މި ނެރެނީ ކޮވިޑް-19 އަށްފަހު ހުޅުވެންވާއިރަށް އަމަލު ކުރެވިދާނެ ރައްކާތެރިކަމުގެ މިންގަނޑު ތަކެއް. ކުރީގެ ގައިޑްލައިނަށް ބައެއް އިތުރު ކޮށްފައި މި ނެރުނީ. މި ގައިޑްލައިން ތައްޔާރު ކޮށްފައި ވާނީ ދުނިޔޭގެ ބެސްޓް ޕްރެކްސް އަށް ބެލުމާއެކު، ރާއްޖޭގެ އެކްސްޕާޓުންގެ އެހީތެރިކަމާއެކު. މިއީ ސަރުކާރަށް ވެސް މި ފަދަ ގައިޑްލައިނެއް ނެރެން ލިބޭނެ ފަސޭހައެއް،" ޖަނާހު ވިދާޅުވި އެވެ.

އެމްއެންއޭސީއައިގެ މި ގައިޑްލައިން ނެރެފައި ވަނީ ދިވެހި ބަހާއި އިނގިރޭސި ބަހުގެ އިތުރުން ހިންދީ ބަސް އަދި ބަންގުލަދޭޝް ބަހާއި ތަމަޅަ އަދި ނޭޕާލް ބަހުންނެވެ.

މި ގައިޑްލައިންގައި ކޮވިޑް-19 އަށްފަހު އިމާރާތް ކުރުމުގެ ސިނާއަތް ހުޅުވާލާއިރު ސައިޓުތަކުގައި އަމަލު ކުރަން ޖެހޭނެ އުސޫލުތައް ތަފުސީލް ކޮށްފައި ވެއެވެ.

އޭގެ ތެރޭގައި ސައިޓުތަކުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތުގެ މީހުން މާސްކް އަޅަން މަޖުބޫރު ކޮށްފައިވެ އެވެ. އަދި މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ގިނަ ބަޔަކު ބޭނުން ކުރާނަމަ ޑިސްއިންފެކްޓް ކުރަން ޖެހެ އެވެ. އަދި މަސައްކަތް ކުރާއިރު، މީހުން ތޮއްޖެހުން މަދު ކުރަން ޖެހެ އެވެ. އަދި މި ގަޑިލައިންގައި ކޮންމެ ސައިޓެއްގައި ވެސް ސައިޓް ހެލްތް ސޭފްޓީ ރެޕްރެޒެންޓޭޓިވަކު ހުންނަން ލާޒިމް ކުރެ އެވެ. މީގެ އިތުރުން ސައިޓަން ވަންނައިރު ވެސް ޓެމްޕަރޭޗާ ޗެކްކޮށް ކޮންމެ ހަ ގަޑިއިރަކުން ހުރިހާ މީހުންގެ ޓެމްޕަރޭޗާ ޗެކް ކުރަން ލާޒިމް ކޮށްފައި ވެއެވެ.

ގައިޑްލައިންގައިވާ ގޮތުން ކޮންމެ ސައިޓެއްގައި ވެސް އަތް ދޮވެވޭނެ ގޮތާއި ސެނެޓައިޒް ކުރެވޭނެ ގޮތް ހުންނަން ޖެހެ އެވެ. އަދި މުވައްޒަފުންގެ ނިދާ ތަނުގައި އެ ސައިޓެއްގައި މަސައްކަތް ކުރާ މީހުން ފިޔަވައި އެހެން ސައިޓުތަކުގެ މީހުން ނިންދެވުމަކީ މަނާ ކަމެކެވެ.

ސައިޓުތަކުގައި ހުންނަން ޖެހޭ ކަންކަން

  • ސައިޓް ހެލްތް ސޭފްޓީ ރެޕްރެޒެންޓޭޓިވަކު ހުރުން
  • މާސްކް އަޅަން މަޖުބޫރު ކުރުން
  • އަތް ދޮވެވޭނެ ގޮތް ސައިޓުތަކުގައި ހުރުން މަޖުބޫރު
  • އިކްއިޕްމަންޓް ފަދަ ތަކެތި ޑިސް އިންފެކްޓް ކުރުން
  • ކޮންމެ ހަ ގަޑިއިރަކުން ޓެމްޕަރޭޗާ ޗެކް ކުރުން
  • ހުއްދަ ނެތް މީހުން ސައިޓު ތަކަށް ވަނުން މަނާ ކުރުން

ޖަނާހު ވިދާޅުވީ މި ފިޔަވަޅުތައް ނާޅައި، އެއްވެސް ސައިޓެއްގައި މަސައްކަތް ކުރުމަކީ އެ ޖަމިއްޔާއިން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"މި ފިޔަވަޅުތައް އަޅަން ހަރަދު ތަކެއް ވެސް ހިންގާނެ. އެހެންވެ އަޅުގަނޑުމެން ސަރުކާރުގައި ވެސް އެދެން، އެބައި ކޮންޓްރެކްޓްތަކުގައި ހިމަނައި ދޭން. ރާއްޖޭގެ ގިނަ ކޮންޓްރެކްޓްތައް ހެދިފައި މިހުންނަނީ ފިޑިކްގެ ސްޓޭންޑަޑަށް. އަޅުގަނޑު މިމަހުގެ 15 ވަނަ ދުވަހު އެބަ ބާއްވަން ފިޑިކްގެ ރައީސްއާއެކު ޓެލެ ކޮންފަރެންސެއް. މި ކޮންފަރެންސުގައި އެދޭނަން ގައުމުތަކަށް އަންގައިދޭން، ހެލްތު އެންޑް ސޭފްޓީ ބައި، ކޮންޓްރެކްޓްތަކުގައި ހިމަނަން ބާރު އަޅައިދޭން،" ޖަނާހު ވިދާޅުވި އެވެ.

އެމްއެންއޭސީއައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިމާރާތް ކުރުމުގެ ދާއިރާ އަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކާ އަދި މި ގެއްލުމުން އަރައި ގަންނަން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން އެ ޖަމިއްޔާއިން ކުރި ދިރާސާގެ މައްޗަށް ރިޕޯޓެއް ވެސް ނެރެފަ އެވެ. މި ރިޕޯޓުގައިވާ ގޮތުން ކުރިއަށް އޮތް ތިން މަސް ތެރޭ 617 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުންވާނެ އެވެ.