މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދެއް ކަނޑައަޅަން ރާއްޖޭގައި ވާހަކަ ދައްކާ ގޮވާ ހަދާތާ ލައްކަ ގިނަ ޒަމާން ވެއްޖެ އެވެ. އަދި މި ސަރުކާރު ވެރިކަމަށް އައީ މިނިމަމް ވޭޖް އެއް ތައާރަފު ކުރަންވީ ވައުދަކާ އެކުގަ އެވެ. ޒަމާންވީ ދިގު އިންތިޒާރަކަށްފަހު މިނިމަމް ވޭޖުގެ ގޮތުގައި ދޭނެ އަދަދު ކަނޑައަޅައި އިކޮނޮމިކް މިނިސްޓަރުގެ ލަފާއަކަށް ބޯޑުން ވަނީ ފޮނުވާފަ އެވެ. ރާއްޖޭގައި ދެވޭނެ އެންމެ ދަށް މުސާރަ ކަނޑައެޅުން ވާނީ ވަރަށް ތާރީހީ ކަމަށެވެ.
މިނިމަމް ވޭޖްއާއެކު ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އަންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ މި އުޖޫރައިގެ ސަބަބުން ވަޒީފާގެ ބާޒާރުގައި
ހުރި މައްސަލަތައް ހައްލުވާނެ ހެއްޔެވެ؟ މިނިމަމް ވޭޖުން ހަގީގީ ބައްޔަށް ފަރުވާއެއް ލިބޭނެ ހެއްޔެވެ؟ އެންމެ ކުޑަ އުޖޫރައާއެކު ފެނިގެން ދާނީ ކޮން ކަމެއް ހެއްޔެވެ؟ މިނިމަމް ވޭޖުން ޖާލުދެއްފަދައިން މައްސަލަ ހައްލު ވެގެން ދާނެ ހެއްޔެވެ؟
"މިނިމަމް ވޭޖުގެ ސަބަބުން ރަނގަޅު މަސައްކަތްތެރިން އުފެދުމަށް ބާރަކަށް ވެގެންދާނެ. އެކަމަކު މިއީ ހުރިހާކަމެއްގެ ހައްލެއް ނޫން. މިނިމަމް ވޭޖާއެކު މީހުންގެ މައިންޑްސެޓް ރަނގަޅު ކުރަން ޖެހޭ. ދިގު މުއްދަތަށް ރާވައިގެން މީހުން ތަމްރީން ކުރަން މަސައްކަތް ކުރަން ޖެހޭ،" ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި ގިނަ ސިނާއަތްތަކެއް ތަމްސީލް ކުރާ ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޮޔާސް (އެންއެފްއެމްއީ) އާއި ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވި އެވެ.
މިނިމަމް ވޭޖުގެ ސަބަބުން ރަނގަޅު މަސައްކަތްތެރިން އުފެދުމަށް ބާރަކަށް ވެގެން ދާނެ. އެކަމަކު މިއީ ހުރިހާ ކަމެއްގެ ހައްލެއް ނޫން. މިނިމަމް ވޭޖާއެކު މީހުންގެ މައިންޑްސެޓް ބަދަލުކޮށް. ދިގު މުއްދަތަށް ރާވައިގެން މީހުން ތަމްރީން ކުރަން މަސައްކަތް ކުރަން ޖެހޭމުހައްމަދު އަލީ ޖަނާހު | އިފޮޕްކާގެ ރައީސް
ރާއްޖޭގައި މިނިމަމް ވޭޖު ދޭނީ "އަވާލީ ބޭސިސް" އަށެވެ. އަންނަ ޖެނުއަރީން ފެށިގެން މިނިމަމް ވޭޖު ދޭން ފަށާނެ އެވެ. މިނިމަމް ވޭޖު ފުރިހަމަ ވާނީ އަށް ގަޑިއިރު މަސައްކަތް ކުރުމުންނެވެ. މި ވަރަށް މަސައްކަތް ކޮށްފައި ވާނަމަ ސަރުކާރުގެ މުވައްޒަފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރައަކީ 7،000ރ. އެވެ. އަދި ކުދި ވިޔަފާރިތަކަށް 5،700ރ. ދޭން ބޯޑުން ލަފާދީފައިވާއިރު މެދުފަންތީގެ ވިޔަފާރިތަކަށް 8،000ރ. ލިބޭނެ އެވެ. އަދި ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ދޭނީ 10،200ރ. އެވެ. ރާއްޖޭގައި ބިދޭސީންނަށް މިނިމަމް ވޭޖު ދޭނީ ފަސް އަހަރު ފަހުންނެވެ.
މިނިމަމް ވޭޖު ދޭ ގޮތް
- ސަރުކާރު މުވައްްޒަފުންގެ ކުޑަ އުޖޫރަ: 7،000ރ.
- ކުދި މެދުފަންތީގެ ވިޔަފާރީގެ ކުޑަ އުޖޫރަ: 5،700ރ.
- އެންމެ ކުދި ވިޔަފާރިއަށް މިނިމަމް ވޭޖެއް ނުދޭނެ
- މެދުފަންތީގެ ވިޔަފާރީގެ ކުޑަ އުޖޫރަ: 8،000ރ.
- ބޮޑެތި ވިޔަފާރީގެ ކުޑަ އުޖޫރަ: 10،200ރ.
ވަޒީފާގެ ބާޒާރުގެ ހުސްތަން ފުރޭނެތަ؟
ސްޓެޓިކްސް ބިއުރޯރިން 2019 ވަނަ އަހަރު ހަދާފައިވާ ގޭބިސީގެ އާމްދަނީއާއި ހަރަދުކުރުން ހުރިގޮތުގެ ސާވޭގެ މަސައްކަތްތެރިންގެ ބަޔަކަށް ބަލާއިރު ރާއްޖޭގައި ރާއްޖޭގެ އާބާދީގެ 15 އަހަރުން މަތީގެ އާބާދީގެ 60 ޕަސެންޓް މީހުންނަކީ ލޭބަ ފޯސްގައި ހިމެނޭ މީހުންނެވެ. މި އާބާދީގައި ހިމެނެނީ 191،270 މީހުންނެވެ. އަދި މި އާބާދީގެ ތެރެއިން 29،399 މީހުންނަކީ މަސައްކަތްތަކުގައި އެކަށީގެންވާ ވަރަށް ބޭނުން ނުހިފާ މީހުންނެވެ.
ރާއްޖޭގައި ދުވާލަކު ފިރިހެނަކު ނުވަ ގަޑިއިރު އަދި އަންހެނުން ހަތް ގަޑިއިރު މަސައްކަތުގައި ހަރަކާތްތެރިވެ އެވެ. އެވްރެޖްކޮށް ފިރިހެނަކަށް ގަޑިއިރަކަށް 79 ރުފިޔާ ލިބޭ އިރު އަންހެނަކަށް ލިބެނީ 66 ރުފިޔާ އެވެ. އަދި މާލޭގައި އުޅޭ ފިރިހެނަކު މަހު އުޖޫރައިގެ ގޮތުގައި 14،929ރ. ލިބޭއިރު އަންހެނަކަށް 10،101ރ. ލިބެ އެވެ. އަދި ރަށްރަށުގައި މަސައްކަތް ކުރާ ފިރިހެނަކަށް އެވްރެޖުކޮށް 9،070ރ. ލިބެ އެވެ. އަދި އަންހެނަކަށް ލިބެނީ 5،828ރ. އެވެ. މި ހިސާބަކީ ކޮވިޑް-19 އައުމުގެ ކުރީގެ ހިސާބުތަކެކެވެ.އެހެންވެ މި ސާވޭގައި ބުނި ގިނަ ނަމްބަރުތައް ބަދަލުވެފައިވުން ގާތެވެ. ނަމަވެސް ޖުމްލަކޮށް މި ސާވޭ އިން ފެންނަ މަންޒަރަކީ މިނިމަމް ވޭޖަކީ ހުރިހާކަމެއްގެ ހައްލަށް ނުވާނެ ކަމެވެ.
ވިސްނުން ބަދަލުނުކޮށް ހައްލެއް ނެތް
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ހަގީގީ ހައްލު އައުން އޮތީ މި ދާއިރާ އަށް މީހުން ތަމްރީންކޮށް ނެރެގެންނެވެ. ރާއްޖޭގެ އިގްތިސޯދު އަންނަ އަހަރު ވެސް ކުރިއަރާނެ ކަމަށް އަންދާޒާ ކުރާއިރު މި ކޮންމެ ކުރިއެރުމަކާއެކު އިގްތިސޯދަށް އާ ވަޒީފާ ތަކެއް އުފަންވާނެ
އެވެ. ނަމަވެސް މިނިމަމް ވޭޖަކީ "ޖާދޫގެ ބޭސް ގުޅައެއް" ގެ ގޮތުގައި ވިސްނައިގެން ތިބެއްޖެނަމަ ހަގީގީ މައްސަލަ އަށް ހައްލެއް
ނުލިބޭނެ އެވެ. ހަގީގީ މައްސަލައިގެ ހައްލަކީ މީހުން ތަމްރީންކޮށް ވަޒީފާ ތަކަށް ނެރުމެވެ. ކުޑަ މިސާލެކެވެ. ރާއްޖޭގައި ހުރި ބޯކޮށާ ތަންތަނަށް ބަލާނަމަ މުޅިން ވެސް ތިބީ ބިދޭސީންނެވެ. ނަމަވެސް ބޯކޮށަން 1000 ދިވެހިން ތަމްރީންކޮށްގެން މީގެން 20 ކުދިން މަސައްކަތް ކުރަން ފެށިނަމަވެސް އެވާނީ ބޮޑު ކުރިއެރުމަކަށެވެ.
ބޯކޮށް މީހުން ތަމްރީންކޮށް "ސްޓާޓްއަޕް" ތަކެއްގެ ގޮތުގައި ފައިނޭންސްދީގެން ވިޔަފާރި ތަކެއް އުފަން ކުރުވިއްޖެނަމަ އެވާނީ އިކޮނޮމީ އަށް ލިބޭނެ ބޮޑު ކުރިއެރުމަކަށެވެ. ނަމަވެސް މީގެ ބަދަލުގައި ސަރުކާރުން ދިވެހިންނަށް އެކަށީގެންވާ ތަމްރީން ނުދީ މިނިމަމް ވޭޖު ދިން ނަމަވެސް އެ ވާނީ އިކޮނޮމިކް އޭންޖަގަކުން ވިސްނާނަމަ ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމަަށެވެ.
ރާއްޖޭގެ މަޝްހޫރު ރިސޯޓެއްގައި އެޗްއާރުގައި ހަރަކާތްތެރިވާ ތަޖުރިބާކާރު އެޗްއާރު މެނޭޖަރެއް ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި މީހުން ތަމްރީންކޮށް ވަޒީފާއަށް ސިކުށި ހުޅުވައިގެން ނޫން ގޮތަކަށް ދިވެހިން ވަޒީފާ ބާޒާރު ފިލް ކުރާތަން ނުފެންނާނެ ކަމަށެވެ.
"ރިސޯޓު ދާއިރާ އަށް ބަލާނަމަ މިއީ ސާވިސް އިންޑަސްޓްރީއެއް. އެހެންވެ ހައި ކޮލިފައިޑް ސްޓާފުން ބޭނުންވަނީ. އެކަކު ހަގީގަތަކީ ތަމްރީން ވެގެން ސެޓްފިކެޓްތަކާއެކު ނުކުންނަ މީހުން މަދު. އަނެއް ކަމަކީ ގިނަ ރިސޯޓުތަކުގެ އެޗްއާރުގައި މިތިބީ ބިދޭސީން އެ މީހުން ގިނަ ފަހަރު ހަމަ ދިވެހިންނަށް ފުރުސަތެއް ނުދޭ. އެހެންވެ މިނިމަމް ވޭޖު ހަމައެކަނި ކަނޑައެޅުމަކީ މުޅި މައްސަލައިގެ ހަލެއް ނޫން،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ރިސޯޓް ބޯއީސް ހެޕީވާނެ ތަ؟
މިނިމަމް ވޭޖަށް އެންމެ ބޮޑަށް ވަކާލާތު ކުރި ބަޔަކީ ރިސޯޓް ބޯއީސް އެވެ. ހާއްސަކޮށް ޓޫރިޒަމް އެޕްލޯއީމަންޓް އެސޯސީއޭޝަން (ޓީމް) އިން ވަނީ މިކަމަށް ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. މިހާރު އޮތް ގޮތުން އެންމެ ބޮޑު އުޖޫރައެއް ލިބިގެން ދާނީ ޓޫރިޒަމް ސެކްޓާގެ މުވައްޒަފުންނަށެވެ. ހާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.
މިނިމަމް ވޭޖު ބޯޑުގެ މެންބަރު އަދި ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) ވިދާޅުވި ގޮތުގައި ރިސޯޓު މުވައްޒަފުން މިހާރު ކަނޑައަޅާފައިވާ މިނިމަމް ވޭޖްއާއެކު ހިތްހަމަ ޖެހެ އެވެ.
"ރިސޯޓު ބޯއީސް އަށް މިނިމަމް ވޭޖުގެ ގޮތުގައި މިހާރު 8،700ރ.ވަރު ލިބޭނެ. ރިސޯޓު ބޯއީސް މިހާރު ހެޕީވާނެ،" މާއްޓެ ވިދާޅުވި އެވެ.
ރިސޯޓު ބޯއީސް މިނިމަމް ވޭޖަށް ކަނޑައެޅި އަދަދަށް ހެޕީވާނެމައުރޫފް ޒާހިރު | ޓީމުގެ ޖެނެރަލް
ނަމަވެސް، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ޓްރެވަލް ކުންފުނީގެ ވެރިޔާ އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) ގެ ރައިސް ޔޫސުފު ރިފްއަތު ވިދާޅުވި ގޮތުގައި އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިނިމަމް ވޭޖުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ އަދަދުން ފައިދާ އަށް ވުރެ ބޮޑަށް އިގްތިސޯދަށް ލިބޭނެ ބުރަ ބޮޑުވާނެ އެވެ. އަދި މިހާރު ކަނޑައަޅާފައިވާ އަދަދަކީ މިހާރުގެ އަގު ތަކަށް ބަލާއިރު ދިރިއުޅެން އެކަށީގެންވާ އަދަދެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކުދިންނަށް [ކެޕިޓަލް ޓްރެވަލް] ގެ މުވައްޒަފުންނަށް ލިބޭ މުސާރަތަކަށް ބަލާނަމަ މިހާރު ކަނޑައަޅަން ހުށަހެޅި އަދަދަށް [މިނިމަމް ވޭޖް] އަށް ވުރެ 200 ނޫނީ 400 ޕަސެންޓް މަތިވާނެ،" ރިއްފަތު ވިދާޅުވި އެވެ.
ބަޖެޓަށް ބުރަ، އިންފްލޭޝަންގެ ބިރު
މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ ރިޕޯޓުގައިވާ ގޮތުން، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލައަކީ 37 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ނިއު ޕޮލިސީ އިނީޝިއޭޓިވް ނުވަތަ އަލަށް ކުރާނެ ކަންތައްތަކަށް ނުވަތަ ސިޔާސަތު ތަކަށް 500 މިލިއަން ރުފިޔާގެ ސީލިން އެއް ކަނޑައަޅާފައިވެ އެވެ. މިހާރު ބެލެވޭ ގޮތުގައި މިނިމަމް ވޭޖާއެކު ދައުލަތުގެ ރިކަރަންޓް ހަރަދު ބޮޑުވާނެ އެވެ.
މިހާރުގެ އަންދާޒާއަކީ އިތުރަށް 500 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް މުވައްޒަފުންގެ މުސާރަ އަށް ހޭދަވުމެވެ. މިކަންވާނީ ދައުލަތުގެ އާމްދަނީއަށް ކުރިމަތިވާނެ ބޮޑު ލޮޅުމަކަށެވެ. އެހެންވެ މިއީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް އަށް ކުރިމަތިވާނެ ބޮލުގެ ރިހުމަކަށްވާނެ އެވެ.
މިހާރު ވެސް ސްކޫކް ވިއްކައިގެންނާއި ލޯނު ނަގައިގެން އާމްދަނީ ފޫބައްދަމުންދާއިރު މިކަމުގެ ސަބަބުން ބަޖެޓުގެ ދަރަނި މަތި ވެގެންދާނެ އެވެ. މީގެ އިތުރުން އަނެއް ކަމަކީ "އިންފްލޭޝަން" އަށް އަތުވެދާނެ ބަދަލެކެވެ. މިހާރު ދުނިޔޭގެ ސަޕްލައި ޗެއިން އާއި ބައެއް އެހެން ކަންތައްތަކުގެ ސަބަބުން އަގުތައް އުފުލިފައިވަނިކޮށް މި ބަދަލާއެކު އަންނަ އަހަރު ބާޒާރުގެ އަގުތައް ބޮޑުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ.
މިނިމަމް ވޭޖު ކަނޑައެޅުމަކީ ތާރީހީ ކަމެކެވެ. އަދި މިކަމުގެ ސަބަބުން އެންމެ ބޮޑު އުފަލެއް ލިބޭނެ އެއް ބަޔަކީ ރިސޯޓު މުވައްޒަފުންނެވެ. މި ބަދަލުން ގިނަ މީހުންނަށް މުސާރަ އަށް 4،000ރ. އިތުރުވުމެއް އަންނާނެ އެވެ. ނަމަވެސް މިނިމަމް ވޭޖުން ޖާދުލެއް ފަދައިން ހުރިހާ ކަމެއް ހައްލު ވެގެންދާނެ ކަމަށް ބެލުމަކީ ގޯހެކެވެ. މިއާއެކު ގިނަ ކަންތައްތަކެއް އިސްލާހުކޮށް ދުރު މުސްތަގުބަލުގެ ޕްލޭންތައް ހަދަން ޖެހެ އެވެ.