މިނިމަމް ވޭޖް

60 ޕަސެންޓް ރިސޯޓް މުވައްޒަފުންގެ މުސާރަ ދެ ގުނަވާނެ

މިނިމަމް ވޭޖުގެ ސަބަބުން 60 ޕަސެންޓް ރިސޯޓް މުވައްޒަފުންގެ މުސާރަ ދެގުނަ ވެގެންދާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖުގެ ކަނޑައެޅުމުން ގާތްގަނޑަކަށް 54،000 މުވައްޒަފުންނަށް ފައިދާ ކުރާނެ ކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ 13،000 މުވައްޒަފުން ހިމެނޭނެކަމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ 50 ޕަސެންޓް މުވައްޒަފުންނަށް ފައިދާ ކުރާނެ ކަމަށެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި މުސާރައިގެ ބޮޑެތި ތަފާތުތައް ހުންނަ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވަޒީފާތައް އަދާކުރާ މުވައްޒަފުންނަށް އެކި ރިސޯޓުތަކުގައި ލިބޭ މުސާރައިގައި ބޮޑު ފަރަގެއް ހުންނަ ކަމަށެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އެވްރެޖު ސެލެރީ އަކީ 4،000 ރުފިޔާ އާއި 5،000 އާއި ދެމެދުގެ އަދަދެއްކަމަށާއި މިނިމަމް ވޭޖް ކަނޑައެޅުމުން ރިސޯޓް މުވައްޒަފަކަށް އެންމެ މަދުން 12،000 ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ 60 ޕަސެންޓް އަށް ވުރެ ގިނަ މީހުންގެ މުސާރަ ގާތްގަނޑަކަށް ދެ ގުނަ ވާނެ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ

މިނިމަމް ވޭޖު މިއަދު އިއުލާނު ކޮށްފައިވާއިރު ރިސޯޓުތައް ހިމެނޭ އަމިއްލަ ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވަނީ މަހަކަށް 8000 ރުފިޔާ އެވެ.