މިނިމަމް ވޭޖް

މިނިމަމް ވޭޖުގެ އެންމެ ބޮޑު އަދަދެއް ޓޫރިޒަމަށް، ކަނޑައެޅީ 8،700

Oct 5, 2021
1

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ ބޮޑު އުޖޫރައެއް ޓޫރިޒަމް ދާއިރާގެ މުވައްޒިފުންނަށް ކަނޑައެޅުމަށް ނިންމާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އެ ގޮތަށް ލަފާ ދީފި އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ނިންމާ ފައިނަލް ކޮށްފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނި ނަމަވެސް އެ ބޯޑްގެ މެންބަރަކު ދެންމެ ވިދާޅުވީ ހުރިހާ ދާއިރާތަކަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ނިންމިފައިނުވާ ކަމަށެވެ. ނަމަވެސް އެންމެ ބޮޑު އުޖޫރައެއް ޓޫރިޒަމް ދާއިރާގެ މުވައްޒިފުންނަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އެއީ 8،700 ރުފިޔާ އެވެ.

އެނގިފައިވާ ގޮތުގައި މިނިވަން ވޭޖް ކަނޑައަޅާފައިވަނީ "އަވާލީ ބޭސިސް" އަށް ބަލައިގެންނެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ އެކަން އިއުލާނު ނުކުރެވިވާއިރު ސަރުކާރުން މީގެކުރިން އެކި ފަހަރު ތާރީހުތަކެއްދީ އެ ތާރީހުތަކުގައި އެކަން އިއުލާން ނުކުރެވުމުން ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހެނީ ވޭޖް ބޯޑުންނެވެ. ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރުންނާއި، މަސައްކަތްތެރިން ތަމްސީލުކުރާ ފަސް މެމްބަރެކެވެ.

މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މަޖިލީހުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮތީ ފާސްވެސް ކޮށްފަ އެވެ. އެންމެ ކުޑަ އުޖޫރަ ދެވޭނެ ސިނާއަތްތަކުގެ ގޮތުގައި މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ވަނީ ވަކި ސިނާއަތްތަކެއް ވެސް ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.