މިނިމަމް ވޭޖް ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީ ރިސޯޓް މުވައްޒަފުން އިހްތިޖާޖް ކޮށްފި އެވެ.
ރޭ ދުސިތް ތާނީ އާއި މެރިއޮޓްގެ ވެސްޓިންގެ މުވައްޒަފުން ވަނީ މިނިމަމް ވޭޖް ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހި އަޑުއުފުލާފަ އެވެ. އެމީހުން ޝުރޫތުތައް ފާޅުކުރި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުން ނެވެ.
އެގޮތުން އެމީހުން ގޮވާލާފައިވަނީ ހައްގުވާ މިންވަރު ދިނުމަށެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމަށް ވެސް އިހްތިޖާޖްގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ވެސް މުޒާހަރާގެ ބައިވެރިން ގޮވާލާފައި ވެއެވެ.
އޭގެ އިތުރުން ރިސޯޓު މުވައްޒަފުން ވަނީ ސަރުކާރުން ވައުދުވި ފަދައިން މިނިމަމް ވޭޖް 10،000 އަށް ބޮޑުވެފައި ނުވާތީވެސް އެ ވައުދު ފުއްދުމަށް ވެސް ގޮވާލާފަ އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އެވްރެޖު ސެލެރީ އަކީ 4،000 ރުފިޔާ އާއި 5،000 އާއި ދެމެދުގެ އަދަދެކެވެ. މިނިމަމް ވޭޖް އިއުލާނުކުރިއިރު ރިސޯޓް މުވައްޒަފަކަށް 8000 ލިބޭ ގޮތައް ކަނޑައަޅާފައި ވެއެވެ. މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖާއެކު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ 60 ޕަސެންޓް އަށް ވުރެ ގިނަ މީހުންގެ މުސާރަ ގާތްގަނޑަކަށް ދެ ގުނަ ވާނެ ކަމަށެވެ.
އިއްޔެ އިއުލާނުކުރި މިނިމަމް ވޭޖުގައިވާގޮތުން ކުދި ވިޔަފާރިތަކަށް 4،500 ރުފިޔާ ލިބޭނެ އެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސިވިލް ސާވިސްގެ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 7،000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ 8،000 ރުފިޔާ އެވެ.