މިނިމަމް ވޭޖް

މިނިމަން ވޭޖާއެކު އިގްތިސާދަށް ލޮޅުންތަކެއް އަރާނެ: މިނިސްޓަރު

މިނިމަމްވޭޖް ކަނޑައެޅިގެންދާއިރު ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ކަހަލަ ލޮޅުންތަކެއް އަރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިންޓަރނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް ސަތޭކަ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ފައްޔާޒް ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅިގެންދާއިރު ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ކަހަލަ ލޮޅުންތަކެއް އަރާނެ ކަމަށާ އެއީ ޝައްކެއް ހުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުން 9ބޭނުންވަނީ މިނިވަން ވޭޖް ކަނޑައަޅަން ކަމަށާ އެހެން ކަމުން ދެން އެ މަސައްކަތް ލަސްތަކެއްނުވެ ނިމިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިނިވަން ވޭޖެއް ކަނޑައަޅާއިރު އެންމެން ބޭނުންވާ ގޮތަށް އެކަންކަން ނުކުރެވިދާނެ ކަމަށާ ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ވަޒީފާ ދޭފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށް ގަބޫލުކުރެވޭ މިންގަނޑެއްގައި މިނިވަން ވޭޖެއް ކަނޑައެޅުމަށް ކަމަށެވެ.

"ހަމަ ގައިމުވެސް މިނިމަމްވޭޖް ކަނޑައެޅިގެންދާއިރު ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ކަހަލަ ލޮޅުންތަކެއް އަރާނެ، އެއީކީ ޝައްކެއް އޮތް ކަމެއް ނޫން. އެހެން ނަަމަވެސް ވޭތިވެދިޔަ ދުވަސްތަކުގައި މިކަންކަން ކުރެވިފައި ނެތުމުގެ ސަަބަބުން އަޅުގަނޑުމެންނަށް މި ޖެހެނީ ތަންކޮޅެއް ކުރުކޮށްލާފައި އެކަންކަން ކުރަން. ދިވެހި ރައްޔިތުން އެކަން ބޭނުންވޭ. އަދި އަޅުގަނޑުމެންގެ މުސްތަގްބަލް ބިނާވެފައި މި އޮތީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަކަށް އެ މަގުން ހިނގައިގެން. އަޅުގަނޑު މި ކުރި މަސައްކަތަކީ އައިއެލްއޯގެ އެހީތެރިކަމާއެކު އަދި ހަމަ އެއާއެއްކޮށް ސެލެރިޒަމް ވޭޖަސް އެޑްވައިޒަރީ ބޯޑްގެ ބޭފުޅުންނާ އެކު ކުރެވުނު މަޝްވަރާގެ މަތިން، ވަޒީފާ ދޭފަރާތްތަކާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށް ގަބޫލުކުރެވޭ މިންގަނޑެއްގައި މިނިވަން ވޭޖެއް ކަނޑައެޅުމުގެ މަސައްކަތް ކުރުން. ހުރިހާ ބޭފުޅުން ބޭނުންވާހާ ގޮތަކަށް ކަންތައްްތަކެއް ނުނިންމޭނެ."

މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސެލެރިޒަމް ވޭޖަސް އެޑްވައިޒަރީ ބޯޑްގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާ ސަރުކާރުން ކުރިހާވެސް ކަމަކީ ކަމާ ގުޅޭގޮތުން ކުރަންޖެހޭ ދިރާސާތައްކޮށް މެދުވެރިއެއްގެ ދައުރު އަދާކުރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބޮޑު އިންސައްތައަކީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ފިކުރަނީ މިނިވަން ވޭޖެއް ކަނޑައެޅުން ކަމަށެވެ. މިހާރުން މިހާރަށްވެސް މިނިވަންވޭޖެއް ސަރުކާރަށް ކަނޑައެޅިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ. ނަމަވެސް ސަރުކާރުން ބޭނުންވަނީ މަޖިލީހުން ބަހެއް ހޯދުމަށްފަހު ނޫނީ އެކަން ނުކުރުން ކަމަށް ވިދާޅުވިއެވެ.

"އުންމީދަކީ އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި އެކަން ކަނޑައެޅިގެން ދިއުން ކަމަށް."

މިނިމަމް ވޭޖް ކަނޑައެޅުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މުސާރަ އާއި އުޖޫރައާ ގުޅޭ ގޮތުން ލަފާދޭ ބޯޑް އެކުލަވާލާފައިވެ އެވެ. މި ބޯޑުން ވަނީ މިހާރު ސަރުކާރުގައި ހުރި މައުލޫމާތު އެއްކޮށްފަ އެވެ. މީގެ އިތުރުން އިތުރަށް ބޭނުންވާ މައުލޫމާތު ހޯދުމަށްޓަކައި އެންޓަޕްރައިޒް ސާވޭއެއް ވެސް ހަދާފައިވެ އެވެ.

ކުޑަ އުޖޫރަ ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުރިހަމަ ކުރުމުގެ ގޮތުން އެމްޑީޕީން އެޖެންޑާ 19 މެނިފެސްޓޯގައި ހާއްސަ ދާއިރާ ތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.