މިނިމަމް ވޭޖް

މިނިމަމް ވޭޖް ކަނޑައެޅުން އަންނަ މަހަށް ފަސްކޮށްފި

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅޭނީ މި ފެށޭ އޮކްޓޫބަރު މަހުގައި ކަމަށް މިނިމަމް ވޭޖްގެ ބޯޑުގެ ޗެއާމަން އަކީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރިޔާޒް މަންސޫރު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން އަވަސް އިން ކުރި ސުވާލައް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ މިނިމަމް ވޭޖްގެ ބޯޑުގައި 11 މެމްބަރުން ތިއްބަވާއިރު އަދިވެސް ޕްރޮޕޯޒަލްތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން ޕްރޮޕޯޒަލްތަކަށް މަޝްވަރާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ މިނިމަމް ވޭޖް ކަނޑައަޅަން މިހާރު ވެސް ލަސްވެފައިވާކަން ގަބޫލް ކުރައްވާ ކަމަށެވެ. ނަމަވެސް މެމްބަރުން ޕްރޮޕޯޒަލްތައް ހުށަހަޅާތީ އެކަމަށް ބަހުސް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. މިއަދުގެ ބޯޑް ބައްދަލުވުމަށްވެސް އިތުރު ދެ ޕްރޮޕޯޒަލެއް ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ބޯޑަށް ހުށަހެޅިފައިވާ ޕްރޮޕޯޒަލްތަކަށް ބަހުސް ކުރުން ކުރިއަށްދަނީ. މިނިމަމް ވޭޖް ކަނޑައެޅޭގެ ވަކި ތާރީހެއް ބުނަން ދަތި،" ރިޔާޒް ވިދާޅުވި އެވެ.

ޖުމްލަ ފަސް ޕްރޮޕޯޒަލެއް ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން މަންސޫރު ވިދާޅުވީ އެންމެ އަވަސް ވެގެން މިނިމަމް ވޭޖް ކަނޑައެޅޭނީ މި ފެށޭ އޮކްޓޫބަރު މަހުގައި ކަމަށެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. މިނިމަމް ވޭޖު ކަނޑައެޅުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް މިނިސްޓަރަށް ލަފާ ދޭން ޖެހެނީ ވޭޖް ބޯޑުންނެވެ. ބޯޑުގައި އިކޮނޮމިކް މިނިސްޓަރު އަދި ފިނޭންސް މިނިސްޓަރު ކަނޑައަޅާ ދެ ބޭފުޅަކު ހިމެނޭ ގޮތަށް ޖުމްލަ 11 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ހަތަރު ދާއިރާއެއް ތަމްސީލުކުރާ ހަތަރު ޖަމިއްޔާއަކުން ކަނޑައަޅާ މެމްބަރުންނާއި، މަސައްކަތްތެރިން ތަމްސީލުކުރާ ފަސް މެމްބަރެކެވެ.

އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400ރ. އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް މިނިވަން ވޭޖް ބޯޑުން މިދިޔަ އަހަރު އޮތީ ލަފާ ދީފަ އެވެ.

މިނިމަމް ވޭޖު ކަނޑައަޅަން ޖެހޭ ދާއިރާތައް ހިމަނައި، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށް މަޖިލީހުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އޮތީ ފާސްވެސް ކޮށްފަ އެވެ. އެންމެ ކުޑަ އުޖޫރަ ދެވޭނެ ސިނާއަތްތަކުގެ ގޮތުގައި މިހާރު އަމަލުކުރަމުންދާ ގާނޫނުގައި ވަނީ ވަކި ސިނާއަތްތަކެއް ވެސް ކަނޑައަޅާފަ އެވެ. މީގެތެރޭގައި ހިމެނެނީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމާއި، ކޮންސްޓްރަކްޝަން، ދަތުރުފަތުރު، ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ، ކުދި އަދި މެދުފަންތީގެ ސިނާއަތުގެ އިތުރުން އިންފޮމޭޝަން އަދި ޓެކްނޮލޮޖީގެ ސިނާއަތާއި މެރިޓައިމްގެ ސިނާއަތެވެ.