ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖް އެއްބަސްވުން ސައްހައެއް ނުވާނެ: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު: ތިލަމާލެ ބްރިޖް އެއްބަސްވުން ސައްހަ ނުވާނެ ކަމަށް ވިދާޅުވި -- އަވަސް ފޮޓޯ
0%
0%
0%

އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ވެސް ސިއްރުކޮށް ތިލަމާލެ ބްރިޖްގެ ނަމުގައި އިއްޔެ ސޮއި ކުރިކުރުން ސައްހަ ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ފަސް އަހަރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ އިން އިއްޔެ ވަނީ އެއްބަސްވުން ގާއިމު ކޮށްފައެވެ. މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ބްރިޖުގެ އަޅަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާ އެވެ.

ރާއްޖޭގައި ހިންގުނު ފުރަތަމަ ބްރިޖް މަޝްރޫއު ކަމަށްވާ "ސިނަމާލެ ބްރިޖް" ގެ މަަސައްކަތް ފެށި ނިމި ހުޅުވުމާއި ހަމައަށް އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ސައީދު ވިދާޅުވީ އުތުރުތިލަފަޅުގެ މަޝްރޫއު އާއި ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ އެއް ތަޅަކުން ތަޅުލެވިފައިވާ ދެ މަޝްރޫއު ކަމަށެވެ. އަދި އުތުރުތިލަފަޅުގެ އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ހުރިއިރު އެއީ ސައްހަ އެއްބަސްވުމެއް ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވިދާޅު ނުވާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އުތުރުތިލަފަޅުގެ އެއްބަސްވުމުން ރައްޔިތުންގެ މަޖިލީހަށްވެސް އޮތީ ސިއްރުކޮށްފައެވެ. އަދި އެ އެއްބަސްވުމާއި ތިލަމާލެ އެއްބަސްވުމަކީ "އެއް ތަޅަކުން ތަޅުލެވިފައިވާ" ދެ އެއްބަސްވުމަށްވާއިރު އިއްޔެ ކުރި ސޮޔަކީ ސައްހަ ވާނެ ސޮޔެއް ނޫން ކަމަށެވެ.

"އުތުރުތިލަފަޅުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށްވެސް ސިއްރުކޮށް، ތިލަމާލެ ބްރިޖްގެ ނަމުގައި ސޮއިކުރުން ސައްހައެއް ނުވާނެ. ޔޫޓީއެފް [އުތުރު ތިލަފަޅުގެ މަޝްރޫއު] އާއި ތިލަމާލެ މަޝްރޫއު ތަޅުލެވިފައިވަނީ އެއް ތަޅަކުން. ޔޫޓީއެފްގެ އެއްބަސްވުން ސައްހަ ކަމަކަށް ރައީސް ސޯލިހުވެސް ވިދާޅެއް ނުވާނެ،" ސައީދު ވިދާޅުވިއެވެ.

ބްރިޖް އަޅާ މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.

ބްރިޖު އަޅަން އިއްޔެ ސޮއި ކުރިއިރު ބްރިޖުގެ ކުރެހުން ވެސް އިންޑިއާ އެމްބަސީން ވަނީ ދިވެހިންނަށް ބުދަ ދުވަހު ވަނީ ދައްކާލާފަ އެވެ. މި ކުރެހުމުގައި ފެންނަ ގޮތުން ބްރިޖުން ވިލިމާލެއަށް ދާން އަރާ ގޭޓުގައި ޖަހާފައި ވަނީ މާލެ- ތިލަފުށި ލިންކް ބްރިޖެވެ. މި ކުރެހުމުން ފެންނަ ގޮތުން ބްރިޖަށް އަރާއިރު ދިވެހި ދިދަ އާއި އިންޑިއާގެ ދިދަ އިންނާނެ އެވެ. އަދި ބްރިޖުގެ މަތީގައި ދެ ފަރާތުގައި ކޮޅަށް ޖަހާފައިވާ ދެ ތަނބުގެ މަތީގައި ދެ ގުއްބު ބަހައްޓާފައި ހުރެ އެވެ.

ތިލަމާލެ ބްރިޖް އޮންނާނެ ގޮތުގެ ކުރެހުމެއް

މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރާނެ އެވެ. އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖްގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެ އަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެ އެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެ އެވެ.

"ތިލަމާލެ" ބްރިޖު ނިމޭއިރު ބްރިޖާއި ކޯޒްވޭއެއްކޮށް މާލެ - ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު 6.47 ދިގު މިނުގެ ކޯޒްވޭއަކުން ގުޅޭނެ އެވެ. އިންޑިއަން އެމްބަސީން ބުނެފައިވާ ގޮތުގައި މި ބްރިޖުގެ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިދެމެދުގައި ހުންނާނީ 1.40 ކިލޯ މީޓަރެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް އަދި މޫދު / ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910