މުހައްމަދު ސައީދު

ލިބެން ހުރި ގިނަ ފައިސާ ކުރީ ސަރުކާރުން މާފުކޮށްދިން: ސައީދު

ދައުލަތަށް ލިބެން ހުރި ގިނަ އަދަދެއްގެ ފައިސާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މައާފުކޮށްދީ ބޮޑެތި އަދަދުތަކުން ބަދަލުދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު މިނިސްޓަރު ސައީދު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމަކީ ބޮޑު ގެއްލުމެއް ކަމަށެވެ.

އެ ފައިސާ ނުހޯދާ ހުރުމަކީ އެއްވެސް ވެރިޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"(ރައީސް) އިބްރާހީމް މުހައްމަދު ސޯލިހްގެ އެމްޑީޕީ ސަރުކާރުން ހާއްސަ ގޮތެއްގައި ބޮޑެތި އަދަދުން ހުރީ ބަދަލުދީ ބޮޑެތި އަދަދުން މާފުކޮށްދީ މި ހުރިހާ ކަންތައްތަކެއްކޮށްފައި ހުރީ،" ސައީދު ވިދާޅުވި އެވެ.

ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށްވުރެ ގިނަ ރުފިޔާއިން ރާއްޖޭގެ ބޭރުގެ ދަރަނީގެ ބޮޑު ބައެއް ދެއްކޭނެކަން ސައީދު ފާހަގަކުރެއްވި އެވެ.

"އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނުތަކެއް މި ޑިއުވަނީ 2026 ވަނަ އަހަރު. އެހެންވީމަ އެ އަދަދު އެއްކޮށް އެއްވެސް ހުރަހެއް ނެތި ދެއްކޭނެ ނޫންތޯ،" ސައީދު ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ 13 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމަށާއި މީގެތެރެއިން ބޮޑު ބައެއް ހިމެނެނީ ބިމު ކުއްޔާއި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ގޮތުގައި ކަމަށެވެ.

ތަފްސީލް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ މީގެތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބިމު ކުލީގެ ގޮތުގައި 513 މިލިއަން ޑޮލަރާއި ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން ޑޮލަރާއި އަދި ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ކަމަށެވެ.