އެމްޑީޕީ

ފައިސާ ޗާޕުކުރުން ހުއްޓާލީ ރައީސް ސޯލިހު: އެމްޑީޕީ

ފައިސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މިއަދު ބުނެފި އެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީން ފަށާފައިވާ "މިސްރާބު ހަމަ މަގަށް" ކެމްޕޭންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކެމްޕޭންގެ ތަރުޖަމާނު އަދި މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވީ ފައިސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރުން ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައްދަވަނީ އިތުރުފުޅު ކަމަށެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލީ މި ސަރުކާރުން ނޫން ކަމަށާއި އެއީ ކުރީ ސަރުކާރުގެ ނިންމުމެއް ކަމަށް އީސަ ވިދާޅުވި އެވެ.

"ދައުލަތުގެ ރަސްމީ ލިޔެކިޔުންތައް ބެއްލެވީމަ ފިނޭންސް މިނިސްޓްރީގެ ލިޔެކިޔުންތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމުންތަކާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް ބެއްލެވީމަ ތިބޭފުޅުންނަށް ސާފުވާނެ އެމްޑީޕީގެ ސަރުކާރުން 2022 ވަނަ އަހަރުގެ ނޮވެމްބަރު ފައިސާ ދެން އިތުރަށް ޗާޕު ނުކުރަން ނިންމާ 31 ޑިސެމްބަރު 2023ގައި އެކަން މުޅިން އެއްކޮށް ހުއްޓާލާފަ އޮތް ކަމެއް،" އީސަ ވިދާޅުވި އެވެ.

އީސަ ވިދާޅުވި ގޮތުގައި އެއީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނިންމެވުމަކަށް އެ ސަރުކާރުގެ ދައުރުގެ ތެރޭގައި އަމަލުކުރަން ފަށާފައިވާ ކަމެކެވެ.

ރައީސް މުއިއްޒު މިމަހު އައްޑޫއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވަނީ ފައިސާ ޗާޕްކުރުން ހުއްޓާލުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި މިސަރުކާރުން އެޅި އެންމެ މުހިއްމު ފިޔަވަޅު ކަމުގައި ވިދާޅުވެފަ އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރު ފެށުނުއިރު 120 ބިލިއަން ރުފިޔާގެ ދަރަނި ވާރުތަވެފައިވާ ކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ ފާއިތުވި ފަސްއަހަރުގެ ތެރޭގައި ފައިސާ ޗާޕުކުރިވަރު އޭގެ ކުރީގެ 40 އަހަރު ޗާޕުކުރި ވަރަށްވުރެ ގިނަކަން ފާހަގަކުރެއްވި އެވެ.

"އެގޮތުން ވޭތުވެދިޔަ ފަސް އަހަރު ޖުމްލަ އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވޭ،" ރައީސް ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލިކަން ރައީސް މުއިއްޒު ވިދާޅުވީ ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިސެމްބަރު 16 ވަނަ ދުވަހުގެ ރޭ އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ އެޕްރީލް 2020ގަ އެވެ. އެ މުއްދަތު ޑިސެމްބަރު 2023 ގެ ނިޔަލަށް އިތުރުކުރަން މަޖިލީހުން ފާސްކުރީ ނޮވެމްބަރު 23، 2021ގަ އެވެ.