ރައްޔިތުންގެ މަޖިލިސް

ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަންޖެހޭ: މެންބަރުން

Sep 20, 2021
1

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްދީ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތް ހޯދައިދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގޮވާލައި މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް ވިދާޅުވީ މުވައްޒަފުން އޮފީހުގައި ހޭދަކުރާ ވަގުތު އިތުރުކުރުމަށާއި ނެރޭ ނަތީޖާ ރަނގަޅުކުރުމަށްޓަކައި މުވައްޒަފުންގެ މުސާރަތައް ބޮޑުކުރަން ޖެހޭ ކަމަށެވެ. ސިވިލް ސާވިސްގެ މުވައްޒަފުންނަށް މިއަދު ލިބެނީ އެކަށީގެންވާ މުސާރައެއް ކަމަށް އެމްޑީޕީން ގަބޫލުނުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައިވެސް އެމްޑީޕީ އަބަދުވެސް ކަންބޮޑުވަމުން އައި މައްސަލައެއް މިއީ. ވަރަށް ބޮޑަށް ވަކާލާތު ކުރަމުން އައި މައްސަލައެއް. މިރާއްޖޭގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ވަރަށް ބޮޑަށް އަބަދުވެސް ކުޑަކަމަށް ފާހަގަކުރެވޭ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތައް ރަނގަޅުކުރުމަށްޓަކައި މިހާރުގެ ސިވިލް ސާވިސް ކޮމިޝަނުން ވަރަށް ރަނގަޅު ހަރުދަނާ މަސައްކަތްތަކެއް ކޮށް މަޖިލީހާ އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މުވައްޒަފުންގެ މުސާރަތަކާ ގުޅޭ އެކި އޮނިގަނޑު އެކުލަވާލާ ޕޭ ކޮމިޝަނަށް ފޮނުވާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ. މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުން ލަސްވަނީ މީގެކުރިން އެކަންކަން ކުރެވިފައި ނެތުމުން ކަމަށްވެސް ހަލީމް ވިދާޅުވި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ބާނީ އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ދައުލަތުގެ މުސާރަތައް އަލުން ދިރާސާކޮށް ސިވިލް ސާވިސް މުވައްޒަފުންނާއި ސިޔާސީ ބޭފުޅުންނަށް ލިބޭ މުސާރަތައް އަލުން ހަމައަކަށް އަޅުވަންޖެހިފައިވާ ކަމަށެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭ ކަން ފާހަގަކުރައްވަމުން ރިޔާޒު ވަނީ ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑަށް އަވަސް ހައްލެއް ގެނެސްދިނުމަށް ޕޭ ކޮމިޝަނަށް ގޮވާލައްވާފަ އެވެ.

ރިޔާޒު ވިދާޅުވީ ދައުލަތުގެ ބޭކާރު ހަރަދުތައް ކުޑަކޮށް ނިކަމެތި މީހާ އާއި މުއްސަނދި މީހާއާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ގެންނައިރު ލިވިން ވޭޖެއް ތައާރަފް ކުރަން ޖެހޭ ކަމަށެވެ. އޭރުން ހަމަޖެހިގެން ދިރިއުޅެވޭނެ ކަމުގައި ރިޔާޒު ދެކެވަޑައިގަންނަވަ އެވެ. މިނިމަމް ވޭޖެއް ކަނޑައެޅުމަށް ވުރެ ލިވިން ވޭޖަކުން ލިބޭ ފައިދާ ބޮޑު ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިރާއްޖޭގެ ރައްޔިތުންނަށް ހައްގު ވަނީ ލިވިން ވޭޖެއް. ދިރިއުޅެވޭނެ މުސާރައެއް. ދިރިއުޅެވޭނެ ފައިސާ." ރިޔާޒު ވިދާޅުވި އެވެ.

އިދިކޮޅު ޕީއެންސީ އަށް ނިސްބަތްވާ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނައުމުގެ ވިސްނުމެއް މިސަރުކާރުގައި ނެތް ކަމަށެވެ. އެހެންވެ ދައުލަތަށް އެންމެ ރަނގަޅު ވާނީ މިސަރުކާރު އިސްތިއުފާ ދިނުމުން ކަމަށްވެސް ވިދާޅުވި އެވެ.

ދައުލަތް މިއަދު ހިންގަނީ ބޭރު ގައުމަކަށް "އައުޓް ސޯސް" ކޮށްގެން ކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގައުމުގައި ނެތް ހާލަތެއް ކަމަށްވެސް މުހައްމަދު ސައީދު ވިދާޅުވި އެވެ.

"ފޮރިން މިނިސްޓަރު އުޅުއްވަނީ ނިއުޔޯކްގައި. ދައުލަތުން ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ކުދިން އުޅެނީ ފުރާޅު މަތީގައި،" ސަރުކާރަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރެވިގެން އުޅެނީ ދައުލަތަށް ލިބޭ ފައިސާ ހިޔާނާތަށް މަގުފަހިވާ ގޮތަށް އަދި ހިތުހުރި ގޮތަކަށް ހޭދަކުރަމުންދާތީ ކަމަށެވެ.

"ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހުރި ފައިސާ އެ ބޭނުން ކުރަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް. އެމްޑީޕީގެ ތެރޭގައި މިއޮތް އިންތިހާބުގައި ދައުލަތުގެ ވަސީލަތް، ދައުލަތުގެ ފައިސާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ފައިސާ ހޭދަކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާދަކުރަން ތިބި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ބޭބޭފުޅުންނަށް ހޭދަކޮށްގެން ސިވިލް ސާވިސް މުވައްޒަފުންގެ ފައިސާކޮޅު ހުސްކުރާ ތަން މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވޭނީ ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރެވިގެން ކަމަށެވެ. އެކަމަކު މިސަރުކާރަށް އެކަން ކުރެވިދާނެ ކަމަކަށް ޝިޔާމް ގަބޫލެއް ނުކުރައްވަ އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ދަތިވަނީ ސަރުކާރުން ކުރާ ބޭކާރު ހަރަދުތަކުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން މިމަހުގެ 25 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން ކަންތައްތަކެއް ކޮށް ހަރަދުތަކެއް ކުރަމުންދާ ކަން ވަހީދު ފާހަގަކުރެއްވި އެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް އެކަށީގެންވާ އެއްޗެއް ނުދެވިގެން އުޅެނީ އެފަދަ މައްސަލަތަކުގެ ސަބަބުން ކަމަށްވެސް ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ސާވިސްގެ މުސާރައާއި އެހެންވެސް ބައެއް ކަންކަން ކުރަންވުމުން ކޮވިޑްގެ ހާލަތާ ގުޅުވާ ކަމަށެވެ. ނަމަވެސް އެއީ ބަހަނާއެއްގެ ގޮތުގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ސިވިލް ސާވިސް މުވައްޒަފުންގެ އުދާސްތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ހަމަ އަގަށް ވަރަށް ބާރުލާފައި އަޅުގަނޑުމެންނަށް ބުނެވޭނެ ކޮވިޑާ ގުޅިގެން އިގްތިސޯދީ ގޮތުން މިދިމާވި ހާލަތްތަކުގައި ވާހަކަ. އެހެންނަމަވެސް އެ ބަހަނާގައި ދެކޮޅު ނުޖެހޭ ސަބަބުތަކެއް ހުރި ކަމުގެ ސާފު ދަލީލަކީ ބަދަލުގެ ގޮތުގައި ބިލިއަނުން ފައިސާ އެބަ ހޭދަކުރެވޭ މި ކޮވިޑްގެ ތާށީގެ ތެރޭގައިވެސް،" ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް ވިދާޅުވީ ސިވިލް ސާވިސްގައި 36 އަހަރު މަސައްކަތް ކުރިއިރު ބައެއް މީހުންނަށް 4،000 އަށް ވުރެ ބޮޑު މުސާރައެއް ނުލިބޭ ކަމަށެވެ. އެކަމަކު މިސަރުކާރުން އެ މައްސަލަ އަށް ހައްލެއް ގެނެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދޭނެ ކަމަށް ޔަގީންކަން އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ގޮވާލައި ކުރާ އިހްތިޖާޖުތަކަށް އޭނާ ފުރިހަމަ އަށް ތާއީދު ކުރައްވާ ކަމަށެވެ. ސިވިލް ސާވިސްގެ މުވައްޒަފުންގެ އަޑުއަހާ އެމީހުންނަށް ހުރި ދަތިތަކަށް އަވަސް ހައްލެއް ހޯދައިދޭން ޖެހޭ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.