އަންނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 657.3 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ލަފާކޮށްފި އެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ފޮތުގައިވާ ގޮތުން މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުންނާނީ 672.2 މިލިއަން އެމެރިކާ ޑޮލަރުގަ އެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 657.3 މިލިއަން އެމެރިކާ ޑޮލަރު ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އަށް މި މަހުގެ 25 ގެ ނިޔަލަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ބެލެންސް އޮފް ޕޭމަންޓްސްގެ ތަފާސްހިސާބުތަކާ ހަވާލާދީ ބަޖެޓު ފޮތުގައި ބުނެފައިވަނީ މި އަހަރު ނިމޭއިރު ރާއްޖޭގެ ކަރަންޓް އެކައުންޓް ދަރަނި ހުންނާނީ 901.3 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ. އަދި އެ އަދަދު އަންނަ އަހަރުގެ ނިޔަލަށް 1.2 ބިލިއަން އެމެރިކާ ޑޮލަރަށް މައްޗަށް ދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ޖީޑީޕީގެ ނިސްބަތުން ބަލާއިރު ކަރަންޓް އެކައުންޓް ދަރަނި މި އަހަރު 18 ޕަސެންޓްގައި ހުރުމަށްފަހު، އަންނަ އަހަރު އެ އަދަދު 20.9 ފަސެންޓް އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މުދަލުގެ ވިޔަފާރިއަށް ބަލާއިރު މި އަހަރުގެ އެކްސްޕޯޓް 289.7 މިލިއަން އެމެރިކާ ޑޮލަރުގައި ހިފެހެއްޓޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި އަދަދު އަންނަ އަހަރު 329.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ އަންނަ އަހަރު ފަތުރުވެރިން ޒިޔާރަތްކުރާވަރު އިތުރުވާނެ ކަމަށް ލަފާކުރެވި، މަތިންދާ ބޯޓުތަކަށް ޖެޓްފިއުލް ވިއްކައިގެން ލިބޭ އާމްދަނީ ވެސް އިތުރުވާނެ ކަމަށް ބެލެވޭތީ އެވެ.
އިމްޕޯޓަށް ބަލާއިރު މި އަހަރު 24.3 ބިލިއަން އެމެރިކާ ޑޮލަރުގެ ތަކެތި އިމްޕޯޓް ކުރާނެ ކަމަށް ބަލާފައިވާއިރު އަންނަ އަހަރު އިމްޕޯޓުގެ ގޮތުގައި 2.7 ބިލިއަން އެމެރިކާ ޑޮލަރުގެ ތަކެތި އިމްޕޯޓް ކުރެވޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ދުނިޔޭގެ ބާޒާރުގައި މިހާރު ތެލުގެ އަގު މައްޗަށް ގޮސްފައިވާ މިންވަރަށް ބަލައި، އަދި އެހެނިހެން މުދަލުގެ އަގުތައް މައްޗަށް ދާނަމަ މިހާރު އަންދާޒާކުރެވޭ މިންވަރަށް ވުރެ އިމްޕޯޓް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް ބަޖެޓު ފޮތުގައިވެ އެވެ.
ހިދުމަތުގެ ވިޔަފާރީގެ ތަފުސީލަށް ބަލާއިރު، މި އަހަރު ރާއްޖެއިން ބޭރުގެ ފަރާތްތަކުން ހޯދާ ހިދުމަތްތަކަށް 1.02 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެެ އެވެ. އަދި މިއަހަރު ބޭރުގެ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދީގެން 3.2 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި އޭގެ ތެރެއިން ފަތުރުވެރިކަމުން 2.96 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަންނަ އަހަރު ބޭރުގެ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދީގެން 3.3 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ލަފާކުރާއިރު ފަތުރުވެރިކަމުގެ ހިދުމަތް ފޯރުކޮށްދީގެން 3.07 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށްވެސް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. އެއީ މި އަހަރާ އަޅައިބަލާއިރު 3.8 އިންސައްތައިގެ އިތުރުވުމެއް ކަމަށާއި އަދި ފަތުރުވެރިކަމުގެ ސިނާއަތް މިހާރު އަންދާޒާކުރާ ވަރަށްވުރެ އިތުރަށް ކުރިއަރައިފިނަމަ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.