ދައުލަތުގެ ބަޖެޓް

އޮފީސްތަކުގެ ލަފާކުރާ ބަޖެޓް އޮގަސްޓް 12 ގެ ކުރިން ފޮނުވަން އެދެފި

އަންނަ އަހަރާއި 2024 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރުމުގެ ގޮތުން، މިހާރު އޮފީސް ތަކުން ކުރިއަށް ގެންދާ މަސައްކަތްތަކަށް ހިނގާނެ ކަމަށް ލަފާކުރާ ހަރަދުގެ "ބޭސްލައިން ބަޖެޓު" އޮގަސްޓް 12 ގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އެދިއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ދައުލަތުގެ ހުރިހާ ވުޒާރާތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ މި އަހަރުގެ 15 އެޕްރީލްގައި އޮފީސް ތަކަށް ފޮނުވި ސާކިއުލާއެއްގައި ދައުލަތުގެ އޮފީސް ތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި ނިއު ޕޮލިސީ އިނީޝިއޭޓްތައް ބަޖެޓުގެ ޕްރޮސެސްއާ ގުޅޭ ހުށަހަޅާނެ ގޮތުގެ މައުލޫމާތު ދީފައިވާނެ ކަމަށެވެ.

އަދި މިހާރު ކުރި އަށް ދަނީ ބަޖެޓު ތައްޔާރު ކުރުމުގެ ދެވަނަ މަރުހަލާ ކަމަށާ އެއީ "ބޭސްލައިން ބަޖެޓު" ތައްޔާރު ކުރުން ކަމަށެވެ.

ބޭސް ލައިން ބަޖެޓަކީ ކޮބާ؟

"ބޭސްލައިން ބަޖެޓަ" ކީ އޮފީސް ތަކުން މިހާރު ކުރިޔަށް ގެންދާ ނުވަތަ ހިނގަމުންދާ ހަރަކާތްތަކާއި މަޝްރޫއު ތަކަށް ހިނގާނެކަމަށް ލަފާކުރެވޭ ހަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެއް ކަމަށެވެ. ނަމަވެސް ބޭސްލައިން ބަޖެޓުގައި އަލަށް ފެށުމަށް ރާވާ ހަރަކާތްތަކާއި އާ މަޝްރޫއުތައް ނުވަތަ އިތުރަށް ނަގަން ގަސްތު ކުރާ މުވައްޒަފުންނަށް ބޭނުންވާ އަދަދެއް ނުހިމެނޭނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބޭސްލައިން ބަޖެޓް ތައްޔާރުކުރަން ވާނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ "ބަޖެޓު ސީލިން" އަށް ވުރެ ބޮޑު ނުވާނޭ ގޮތަށް ބަލައިގެން ކަމަށެވެ.

ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީ އަށް ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭ ކަމަށެވެ.

އަންނަ އަހަރަށް ޕްރޮގްރާމް ބަޖެޓެއް

ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓް ތައްޔާރުކުރުމާއި ތަންފީޒުކުރުން ހަރުދަނާ ކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ބަޖެޓު ތައްޔާރު ކުރަން ހަމަޖެހިފައިވަނީ ޕްރޮގްރާމް ބަޖެޓެއް ކަމަށެވެ. ޕްރޮގްރާމް ބަޖެޓު ތައްޔާރު ކުރުމުގެ ގޮތުން ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ ހިއްސާކޮށް މިހާރު ދަނީ ފައިނަލް ކުރަމުންނެވެ.

އެ މިނިސްޓްރީން ވަނީ މުސާރައިގެ ބަޖެޓް ތައްޔާރުކުރުމަށް ފަސޭހަކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރައިގެ ބަޖެޓުގެ ޝީޓެއް ހިއްސާކޮށްފަ އެވެ. އަދި އޮފީސްތަކުން އެ ޝީޓުގައި ހިމެނޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް، އެ ސާކިއުލާގައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރަން ފިނޭންސުން އެދިފައިވެ އެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 21 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދު ވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 33 ބިލިއަން ރުފިޔާ އެވެ.