އިގްތިސޯދު

ސަރުކާރުން ބުނާ އިގްތިސާދީ ނަންބަރުތައް ދިމައެއް ނުވޭ: ތޯރިގު

ސަރުކާރުން ބުނާ އިގްތިސާދީ ނަންބަރުތައް ދިމާ ނުވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ތޯރިގު މިހެން ވިދާޅުވީ އަންނަ އަހަަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ތޯރިިގު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައި އަދަދު މިލިއަނެއް ފަހަނައަޅައި ހިނގެއްޖެ ކަމަށް ސަރުކާރުން ބުނި ނަމަވެސް މީރާއަށް ޓެކްސްގެ ގޮތުގައި ލިބޭ އަދަދު އިތުރުނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހިސާބުތަކުގައި ނުބައެއް އުޅޭ ކަަމަށް ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ކޮވިޑްގެ ހާލަތު އިންޑިއާގައި އެންމެ ބޮޑަށް ގޯސްވި ދުވަސްވަރު ތިން ލައްކައެއްހާ މީހުން ފަތުރުވެރިންގެ ގޮތުގައި ރެކޯޑް ކުރުމެވެ.

"އެ [ބުނާ ފަތުރުވެރިން] މީހުން ނިދާފައި ވަނީ ގޭގޭގެ އެނދުތައް މަތީގައި. ގެސްޓުހައުސްތަކަށް އެމީހުންގެ ޓީޖީއެސްޓީއެއް ނުލިބޭ. އެމީހުންގެ ގްރީން ޓެކްސްއެއް ނުލިބޭ. އޮޑިދޯނިފަހަރުގައި ވެސް ނިދި. އެ ނަންބަރު ހަމައެކަނި އިމިގްރޭޝަން ޕޯޓަލުން ބަލައިގެން އެއް މިލިއަން ޓޫރިސްޓުން ހިޓްކޮށްފަ އެ ނަންބަރު މިނިސްޓަރު ޖެހީމާ ހިސާބުތައް މި ދައްކަނީ މިހެން. މީރާއަށް ފައިސާއެއް ނުލިބޭ. ރާއްޖެއަށް އެއް މިލިއަަން ޓޫރިސްޓުން އައިއްސި. ކޮންތާކަށްތޯ މިވަނީ" ތޯރިގު ވިދާޅުވި އެވެ.

އަންނަ އަހަރުގެ އިންފްލޭޝަން މައްޗަށް ނުދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް ވެސް ތޯރިގު ރައްދު ދެއްވި އެވެ.

އެގޮތުން ކުރިން ކޮންޓޭނަރެއް ގެންނަން 3000 ޑޮލަރު ހޭދަވި ނަމަވެސް މިހާރު ބަނަދަރުތައް ހުއްޓި 7000 ޑޮލަރު ހޭދަކުރަން ޖޭހޭތީ މުދާ އުފުލާ ފަރާތްތަކުން މުދަލުގެ އަގު ބޮޑުނުކުރާނެތޯ ސުވާލު އުފެއްދެވި އެވެ.

"މިއީ ގޯހެއް. އެހެންވީމާ މި ބުނަނީ ނަންބަރު ނުބައި ނުކުރާށޭ. ނަންބަރު ނުބައިވެއްޖިއްޔާ ރާއްޖޭގެ އިގްތިސާދު ދާނީ ދަށަށް،" ތޯރިގު ވިދާޅުވި އެވެ.

އޭގެ އިތުރުން ހިލޭ އެހީގެ ގޮތުގައި އިންޑިއާއިން މިއަހަރު 300 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބުނި ނަމަވެސް ލިބުނީ އެންމެ 73 މިލިއަން ރުފިޔާކަން ވެސް ތޯރިގު ފާހަގަކުރެއްވި އެވެ.