ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މަޝްރޫއުތައް ކުރިއަށްދާލެއް ލަސްކަމަށް ބުނެ އަމާޒުވާ ފާޑުކިޔުންތަކަށް މިސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުކަމަށް ބުނާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަރުގަދައަށް ރައްދު ދެއްވައިފި އެވެ.
ފާޑުކިޔުންތަކަށް ފައްޔާޒު ރައްދު ދެއްވީ އަތޮޅު ތެރޭގައި ސަރުކާރުން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު -- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާ ޖޭއެމްސީ ކުންފުންޏާ ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފައްޔާޒު ވިދާޅުވީ މިސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ ފާއިތުވި 30 އަހަރު ވެރިކަން ކުރެއްވި ސަރުކާރުތަކުން ކުރަންޖެހޭ އެކަމަކު ނުކޮށް ހުރި މަސައްކަތްތައް ކަމަށެވެ. މިސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާ ކަމަށް ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ މިވެރިކަމުގެ ހަތަރު އަހަރުގައި މިސަރުކާރުން މިހާރު ކުރަމުން މިދަނީ ފާއިތުވެދިޔަ 30 އަހަރު ނުވެ ހުރި މަސައްކަތްތައް ކަމަށެވެ.
"އެއީ ގަބޫލުކުރަން ބޭނުންވިޔަސް ނުވިޔަސް ފެންނަތް އޮތް ހަގީގަތް. ގަބޫލުނުނޮށް ތިއްބަކަސް އެކަންތައްތައް ވަމުންދާތަން އެބަފެނޭ،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރޫއުތައް ލަސްވެގެން ފާޑުކިޔާއިރު މަޝްރޫއެއް ހިންގުމަށް ކުރަންޖެހޭ މަސައްކަތް އަދި ފައިސާ ހޯދަން އުޅެންޖެހޭ ގޮތް އެނގޭނަމަ އެ ފާޑުކިޔުންތައް ނާންނާނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއެއް ހިންގާލުމަށްފަހު އެ މަސައްކަތް އެ ހިސާބުން ސަރުކާރުން ހުއްޓާނުލައި ކަމަށާއި އޭގެ ބަދަލުގައި އެ މަޝްރޫއަކުން ރައްޔިތުންނަށް ފައިދާވާނެ އިތުރު ގޮތްތައް ވެސް ސަރުކާރުން ހޯޯދަމުންދާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފަށާފައިވާ ބޮޑެތި ބައެއް މަޝްރޫއުތައް ހުއްޓިފައިވީ ނަމަވެސް ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ހަނިމާދޫ އެއާޕޯޓަށް އަންނަމުންދާ ތަރައްގީ ލޮލަށް ފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބު ކުރެވުމާ އެކު ފަށާފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިސަރުކާރުގައި އެންމެ ބޮޑު އިސްކަމެއް މިހާރު ދެނީ އައްޑޫ ތަރައްގީކުރުމަށް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ރަށްތަކަށް ބޭނުންވާ ބިން ހިއްކުމާއި، ރިސޯޓު ހަދަން އަމާޒުކޮށްގެން ބިން ހިއްކުމާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރމާއި، އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް އެކި މަރުހަލާ ތަކުގައި ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އައްޑޫ އަށް ފަހު ސަރުކާރުން ދެން ނިންމީ އުތުރުގެ ރަށްތަކަށް ވެސް އިންގިލާބީ ބަދަލުތަކެއް އަންނާނެ މަސައްކަތްތަކެއް ކުރުމަށް ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ އޭގެ އެއް މަޝްރޫއުގެ ގޮތުގައި ސިފަކުރެއްވި އެވެ.