މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ސިވިލް ސާވެންޓުންގެ މަސައްކަތު ވަގުތު އިތުރު ކުރަނީ

ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ވަގުތު އިތުރު ކުރުމަށް މިނިމަމް ވޭޖު ބޯޑުން ލަފާ ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް އިއުލާނު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސިވިލް ސާވިސް ހިމެނޭ ޕަބްލިކް ސެކްޓަރަށް ކަނޑައަޅާފައިވަނީ މިނިމް ވޭޖަކީ ހަ ގަޑިއިރު މަސައްކަތް ކުރާ ދާއިމީ މުވައްޒަަފުންނަށް މަހަކު 7،000 ރުފިޔާ ކަމަށެވެ. އަދި އެއަށް ވުރެ މަދުން މަސައްކަތް ކުރާ މީހުންނަށް ގަޑިއިރަކަށް 33.65 ރުފިޔާ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ހަ ގަޑިއިރަށް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޕަބްލިކް ސެކްޓާގައި ހިމެނޭ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ވަގުތު، ދުވާލަކު އަށް ގަޑިއިރަށް އިތުރު ކުރުމަށް މިނިމަމް ވޭޖު ބޯޑުން ލަފާ ދީފައިވާ ކަމަށެވެ.

"މިކަމާ ގުޅޭގޮތުން އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވިސްނާ، އެކަމާ ގުޅިގެން މަޝްވަރާ ކުރާނެ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖުގެ އަސަރު ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން 15،000 މުވައްޒަފުންނަށް، ނުވަތަ ގާތްގަނޑަކަށް ދެ ބައިކުޅަ އެއްބައި މުވައްޒަފުންނަށް ހެޔޮ ގޮތަކަށް ކުރާނެ ކަމަށެވެ.